އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުން ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ ސަލާމަތްނުވާކަން ކަށަވަރު ވެއްޖެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީ ލިސްޓް ހާމަކުރަން އިންކާރުކޮށް، ވަކި ނަންތަކެއް މަޖިލީހުން އުނިކުރަން އުޅުމަކީ ޣައިރުދުސްތޫރީ ކަމެއް ކަމަށެވެ.

މީގެ އިތުރުން މެޖޯރިޓީގެ ނަމުގައި ވަކި ފިކުރަކަށް، ޤާނޫނު ތަންފީޒުކުރަން ހުރަސްއެޅުމުގެ ބާރު ލިބިގެންނުވާކަމަށްވެސް ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.

"މިވައްކަމުން އެމްޑީޕީ ސަލާމަތްނުވާކަން މިހާރު ކަށަވަރުވެއްޖެ." ޑރ. ޖަމީލްގެ ޓްވީޓްގައިވެއެވެ.

ޑރ. ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ އެމްއެމްޕީއާރްސީގެ ލިސްޓް އާންމު ކުރުމަށް ގޮވުމަކީ ޒިންމާދާރު ކަމެއް ނޫންކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެފައި ވަނިކޮށެވެ.