މުނިފޫހި ފިލުވުމުގެ މަގުސަދުގައި އެންމެ ފުރަތަމަ ފަސިންޖަރުން ގޮވައިގެން "ކްރޫޒް" ދަތުރު ކުރަން ފެށީ 19 ވަނަ ގަރުނުގައެވެ. 20 ވަނަ ގަރުނުގެ ފަހުކޮޅުގައި އެ ފަދަ ދަތުރުތައް ވަރަށް ބާރަށް އިތުރުވެ ފުޅާވެގެން ގޮސްފައިވެއެވެ. އެންމެ ފުރަތަމަ ކްރޫޒް ކުރަންފެށި އުޅަނދުފަހަރަކީ ދެ ތަނެއް ދެމެދުގައި ދެމުންދިޔަ "ލައިނަރ" ހިދުމަތުގައި ބޭނުންކުރާ އަޅަނދު، އެ ދަތުރުކުރާ ސަރަހައްދުގެ މޫސުން ކޮންމެ އަހަރަކު ބަދަލުވުމުން، ދުނިޔޭގެ ކޮންމެވެސް ހޫނު ސަރަހައްދަކަށް ދަތުރުތައް ބަދަލުކޮށްލާ އުޅަނދުފަހަރެވެ. (ލައިނަރ ހިދުމަތަކީ ދުރުދަތުރު ކުރާ ފެރީ ފަދަ ހިދުމަތެކެވެ. އެއިން ދަތުރެއްގެ ދިގުމިނުގައި އެތައް ހަފުތާއެއް ހޭދަވުން އެކަށީގެންވެއެވެ.) އެ ފަދަ ލައިނަރ ހިދުމަތްދޭ އެންމެ ފަހު އުޅަނދަކީ "ކުއީން މޭރީ 2"، އެޓްލާންޓިކް ކަނޑު ހުރަސްކޮށް ކުރާ ދަތުރުތަކެވެ. ނަމަވެސް މިހާރު މިއީ މުޅިން ދެ ސިނާއަތެކެވެ.

"ކުއީން މޭރީ 2"

ދެ ބައްރު ދެމެދުގައި ދޭ ލައިނަރ ހިދުމަތަކީ ބާރަށް ދުވާ ޕަސެންޖަރ ލައިނަރ ގައި ދޭ ހިދުމަތެކެވެ. އެއީ ސީދާ ދަރުތު ކުރުމުގެ މަގުސަދުގައި ބޭނުންކުރާ ހިދުމަތެކެވެ. މަތިންދާ ބޯޓުފަހަރުގެ ހިދުމަތް ފުޅާވުމުން، ޕަސެންޖަރ ލައިނަރ ގެ ހިދުމަތްވަނީ ހީނަރުވެފައެވެ. ލައިނަރ އަކަށް ބޭނުންކުރާ އުޅަނދު ފަރުމާކޮށްފައިހުންނަނީ މާކަނޑުން ދިމާކުރުވާ އެންމެހާ ގޮންޖެހުމަކަށް ކުރިމަތިލާ، އޭގެ ދުވެއްޔަށް ބަދަލެއް ނުގެސް މަންޒިލަށް ވާސިލުވުމަށެވެ. ބާރު ދުވެއްޔެއްގައި އެއްތަނުން އަނެއްތަނަށް ދަތުރުކުރުމަށެވެ. އޭގެ "ޑްރާފްޓް" ވަރަށް ފުންވާނެއެވެ. ބާރު ދުވެއްޔަކަށް އިސްކަން ދިނުމާއެކު، ފަސިންޖަރުންގެ ހިތްހަމަ ޖެހުމަށް މުނިފޫހި ފިލުވުމުގެ ބައިތައްވެސް އޭގައި ބިނާކޮށްފައި ހުރެއެވެ.

"އެމްއެސް ސިންފަނީ އޮފް ދަ ސީސް"

މިހާރު ކްރޫޒް ޝިޕް އަކީ މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި ފެސިލިޓީތަކަށް އިސްކަންދީގެން، ފަސިންޖަރުންގެ އަރާމާއި ހިތްހަމަޖެހުމަށް ބަލައިގެން، އުޅަނދަކަށް ވުރެ ބޮޑަށް ފެންމަތީ އޮންނަ ހޮޓަލެއްހެން، ފަރުމާކޮށްފައިވާ އުޅަނދުތަކެވެ. އެ އުޅަނދުގެ ދުވެލި އެހާ މުހިންމެއް ނޫނެވެ. މާކަނޑުގައި ރޯލު ނުވާގޮތަށް އަމާންކަމާއެކު އޮމާންކޮށް ދަތުރުކުރެވެމުން ފުދެއެވެ. އެތެރެވަރީގެ ކަނޑުތަކަށްވެސް ވަދެވޭގޮތަށެވެ.

ކްރޫޒް ޝިޕް ގައިވާ ބައެއް ޕޫލްތައް

މިޒަމާނުގައި ކްރޫޒް އެއްގައި ބައިވެރިވާ ފަސިންޖަރުން ބޭނުންވާ ވަރަށް ގިނަ ކަންކަން ހުރެއެވެ. އޭގެ ތެރޭގައި ހިދުމަތްތަކާއި ފެސިލިޓީތައް ހިމެނެއެވެ. ކެސިނޯ އާއި ޖިމް އާއި ފިހާރަތަކާއި ޑްރާމާ ތިއޭޓަރާއި ސިނަމާ އާއި ސްވިމިންގް ޕޫލާއި ރެސްޓޯރަންޓު އަދި ކެފޭތައް ހިމެނެއެވެ. ފަސިންޖަރުންނަކީ އެކިއެކި ބޭނުންތަކާއި ޒަރޫރިޔަތުތައް ފުދިފައި ތިބެންޖެހޭ ބަޔެކެވެ. އޭގެ ސަބަބުން މި ޒަމާނުގެ ފެރީތަކާއި ކްރޫޒް ޝިޕް ތައް ފަރުމާކޮށްފައިވަނީ އެފަދަ އެންމެހާ ކަންކަމަށް ބަލާފައެވެ.

"ސިންޕަނީ އޮފް ދަ ސީސް" ގެ އެތެރެ

ކްރޫޒް ޝިޕް ގެ ސައިޒު ބޮޑެތިވަމުން ގޮސް، މިހާރު ދުނިޔޭގައި ދުއްވާ އެފަދަ އެންމެ ބޮޑު އުޅަނދުގައި 9،000 މީހުން އުފުލައެވެ. އޭގެ ދިގުމިނުގައި 362 މީޓަރު، އަދި ފުޅަ މިނުގައި 47 މީޓަރު ހުރެއެވެ. 23 ސްވިމިންގް ޕޫލާއި 18 ޑެކުގެ ސުޕަސްޓްރަކްޗަރަކާއެކު ހަދާފައިވާ އިރު، އޭގެ އެތެރޭގައި ރަށަކުން ލިބޭނެ ހުރިހާ ހިދުމަތްތައް ލިބެން ހުރެއެވެ. އެއީވެސް އެންމެ މަތީ ފެންވަރުގައެވެ.

"ސިންފަނީ އޮފް ދަ ސީސް" ގެ އެތެރެ

މިހާރު ބޮޑެތި ފެރީތަކުގައި ވެސް އެކިއެކި ކެފޭ ތަކާއި ލައުންޖް ތަކާއި ރެސްޓޯރަންޓުތައް ހުރެއެވެ. ފެރީގައި ހޭދަ ކޮށްލާ ދެތިންގަޑިއިރަކީ މުނިފޫހި ފިލާވަރުގެ ވަގުތުކޮޅަކަށް ހަދައިދިނުމަށް ވަރަށް ގިނަ މަސައްކަތްތައް ކޮށްފައިވެއެވެ. އޭގެ އިތުރުން، ފެރީތައް މިހާރު ސައިޒުގެ ގޮތުން ވަރަށް ބޮޑެވެ. މިސާލަކަށް ވޭލްސްގެ ހޮލީހެޑުން އަޔަލަންޑުގެ ޑަބްލިން އަށް މިހާރު ދަތުރުކުރާ ފެރީގައި 1،300 ކާރާއި 2،000 ފަސިންޖަރުން އުފުލެއެވެ.

ހޮލީހެޑް-ޑަބްލިން ފެރީ

ފަސިންޖަރުން އުފުލާ އުޅަނދުފަހަރު ބޮޑެތި ވުމާއެކު، އޭގައި އުފުލާ މީހުންގެ އަދަދު އިތުރުވެ، ހިތާމަވެރި ހާދިސާއެއް ދިމާވެއްޖެ ނަމަ ލިބޭ ގެއްލުންވެސް އެހާ ބޮޑެވެ. "ޓައިޓޭނިކް" ފެތުނުފަހުންވެސް އެފަދަ ހިތާމަވެރި ހާދިސާތަކުގައި އެތައް ހާސް ފުރާނައެއް ވަނީ ގެއްލިފައެވެ. އޭގެ ތެރެއިން ބައެއް ހާދިސާތަކަކީ އުޅަނދު ފަރުމާ ކުރުމުގައި ބައެއް ބަދަލުގެނެސްފައިވާ ނަމަ ނުހިނގާނެ ހާދިސާއެވެ. އެހެންކަމުން ފަސިންޖަރުން އުފުލާ އުޅަނދުފަހަރުގައި ހުންނަން ޖެހޭ ސަލާމަތީ ކަންކަމާއި، އެފަދަ އުޅަނދުތަކަށް ހާޢްސަކޮށް ފަރުމާކުރުމުގެ މިންގަނޑުތަކެއް ވަނީ އެކުލަވާލާފައެވެ. އޭގެ ސަބަބުން ދިމާވާ ހާދިސާތައް މަދުވާނެ ކަމުގެ އުންމީދުގައެވެ.