ވާހަނދާނުން މިތުރާ

ވާހަނދާނުން މިތުރާ ކުރެހިދެއޭ މުޅިހިތުގާ

އާހަޔާތެއް އެދެނީ ހިފުނު ހިނދުން ތިޔަ އަތުގާ

މެންދަމާ ފިނި ފަތިހާ ކޮންމެ ސުކޫތެއް ގުނަމުން

އަންނަނީ އާވެ ހަނދާން ފަރިކުރަމުން އުލްފަތުގާ\

ގަނޑުވަރެއް ރަނުގެ ބިނާކޮށް ހެދެޔޭ މޭގެތެރޭ

މަޑުމަޑުން ރީތި އެއަޑު ބީހިލުމުން ކަންފަތުގާ

މަސްތުކަން ހިއްސުތަކަށް ގެންނަ ވަނާތައް ފެނިފާ

ބޮސްދިނުން ހިތް އެދެނީ ރީތި ކޮލާ ތުންފަތުގާ

ސިހި ހިތާމޭ ތެޅެނީ ފެންނަ ހިނދުން ރީތި ދެލޯ

ކިހިނަކުންތޯއެ އެސަރު ހުންނަހުށީ ރަންމުތުގާ

ދަރުމަޔާ ހެވަތުގެ އިހުސާސު ލިބޭ ތިޔަ ހިޔަލުން

ހަރުހަވެތި ލޯބި ލިބޭ އެންމެ އެދޭ ފުރުސަތުގާ

ފަރިވެލާ ކޮންމެ މަލެއް އޭގެ ޠަބީޢީ ލެނބުމުން

ތިރިވަނީ ތިޔަ އަރިހަށް ލޯބި ވެވޭ ހުރުމަތުގާ

ވެދުމަކަށް ހިބަކުރަނީ އަޅުގެ ހިތާ ޖާނު އެކީ

އެދުމަކާ އިތުރު ނުލައި ހިބަ ލިޔެދީ ރަންފަތުގާ

ކާކުބާއޭ މި އަސަރު ހުންނަ ހަޔާތުގެ ހަނދަކީ

މާކު ވެވިފައި އެވަނީ ޅެމުގެ ފެށޭ ފޮޅުވަތުގާ