އެލައިޑް އިންޝުއަރެންސާއި މިނިސްޓްރީ އޮފް ޓުއަރިޒަމް ގުޅިގެން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހާއްސަ ކޯވިޑް އިންޝުއަރެންސް ޕްލޭނެއް ތަޢާރަފްކޮށްފިއެވެ.

އެލައިޑް އިންޝުއަރެންސާއި ޓުއަރިޒަމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެ މުއައްސަސާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަތުރުވެރިންނަށް ހާއްސަ ކޯވިޑް އިންޝުއަރަންސް ޕްލޭން ލޯންޗުކޮށްދެއްވީ މިނިސްޓރ އޮފް ޓުއަރިޒަމް ޑރ.އަބްދުﷲ މައުސޫމްއެވެ.

އެލައިޑް އިންބައުންޑްގެ ނަމުގައި ތައާރަފުކޮށްފައިވާ އިންޝުއަރެންސަކީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް ނުވަތަ އެހެނިހެން ބޭނުންތަކަށްވެސް ރާއްޖެ ޒިޔާރަތްކުރާ ފަރާތެއް ކޯވިޑްއަށް ފައްސިވުމުން އެކަހެރި ކުރުމަށާއި ބައްޔާއި ގުޅުންހުރި ކަންކަމަށް ހަރަދުވާ ފައިސާ ކަވަރު ކުރާ ޕްލޭނެކެވެ.

މި ޕްލޭންގެ ދަށުން ކޮވިޑަށް ފައްސިވުމުން، އެކަހެރިކުރުމަށް ދާ ދަތުރުފަތުރުގެ ހަރަދާއި އެކަހެރިވެ ހުންނަ މުއްދަތުގައި ބައްޔަށް ފަރުވާ ކުރަން ޖެހިއްޖެނަމަ އެކަމަށް ހަރަދުވާ ފައިސާގެ އިތުރުން އައިސޮލޭޝަން ފެސިލިޓީއަށް ހޭދަވާ ފައިސާވެސް މިޕްލޭނުން ކަވަރު ކުރެއެވެ.

އެލައިޑުން މިހިދުމަތް ތައާރަފު ކުރުމުގެ މައިގަނޑު އެއް އަމާޒަކީ މިހިދުމަތާއި ގުޅިގެން ޓުއަރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ މަސައްކަތްތެރިންގެ ވިޔަފާރިތަކަށް އިތުރު އަސަރުތަކެއްނުކޮށް، ވިޔަފާރި އާއި މުޖުތަމައުގެ ރައްކާތެރިކަމާއިއެކު އޮޕަރޭޓްކޮށް ވަޒީފާގެ ފުރުސަތުތައް އިތުރުވެގެން ދިޔުންކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުހައްމަދު ޝަފާޒު ވިދާޅުވިއެވެ.

މިޕްލޭން ނަގަން ބޭނުންވާ ފަތުރުވެރިން ރާއްޖޭގެ ބޯޑަރުން އެތެރެވުމުގެ ކުރިން ޕްލޭން ނަގަން ޖެހޭ ކަމަށް އެލައިޑުން ބުނެއެވެ. އަދި ވެބްސައިޓް މެދުވެރިކޮށް ޕްލޭންގައި ރަޖިސްޓްރީ ކުރެވޭގޮތް ހަމަޖައްސާފައިވާ ކަމަށް އެލައިޑުން ބުނެއެވެ. އަދި މިހިދުމަތާއި ގުޅޭ އިތުރު ތަފުސީލްތައް އެލައިޑްގެ ވެބްސައިޓާއި ހިލޭ ގުޅޭ ހޮޓްލައިންއިން ލިބޭނެކަމަށް އެލައިޑުން މަޢުލޫމާތުދެއެވެ.

އެލައިޑުން ބުނީ ވަކި އުމުރެއް ނެތި، ރާއްޖެ ނޫން ކޮންމެ ގައުމެއްގެ ފަރުދަކަށްވެސް ނެގޭ ގޮތަށް ތައްޔާރު ކުރެވިފައިވާ މިޕްލޭން ބެހިފައިވަނީ ދެ ބަޔަކަށްކަމަށެވެ އެއީ އެލައިޑް އިންބައުންޑާއި އެލައިޑް އިންބައުންޑް ޕްލަސްއެވެ.

.