އުތުރު ކޮރެއާގެ ޒައީމްގެ ފޮޓޯއެއް ގޮނޑުން ފެނިގެން އެކަމާ މެދު ކަން ބޮޑުވެގެން މުޅި ގައުމުގައި، ވެރިންނަށް އިހުތިރާމް ކުރަން ދަސްކޮށްދީ އަލުން ކިޔަވައި ދިނުމުގެ މަޝްރޫއެއް ފަށައިފިއެވެ.
ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީން ސަރަހައްދީ އޮފީސްތަކަށް އަންގާފައި ވަނީ މީހުންގެ ހޭލުންތެރިކަން ހުރި މިންވަރު ބަލައި އަލުން މީހުން ތާޒާކޮށް އިހުތިރާމް ކުރަން ދަސްކޮށްދިނުމަށް ކިޔަވައިދޭ ސެޝަންތައް ބޭއްވުމަށެވެ.
އާންމުންގެ މީހުން ބުނާ ގޮތުން މިއީ މީހުންގެ ތެރެއަށް ގޮސް ކޮމިއުނިސްޓް ޕާޓީ ބޮޑުން ރިޝްވަތު ހޯދުމަށް ފަށާ މަސައްކަތެކެވެ.
އުތުރު ކޮރެއާގައި ޒައީމްގެ ފޮޓޯ ހުންނަ ނޫސްތަކާއި ލިޔުންތަކާއި ކަރުދާސްތަކަކީ "އެއްވަނަ ކަރުދާސް" ތަކެވެ. އެއަށް އިހުތިރާމް ދޭން ޖެހޭނެއެވެ.
"ވެރިންނަށް އިހުތިރާމް ނުކުރާ މީހުންނަށް ހަރުކަށި އަދަބު ދޭންވާނެއެވެ. އެފަދަ މީހުންނަކީ، ޕާޓީގެ އެންގުމާ ޚިލާފްވާ ލީޑަރުގެ އަމުރަށް ނުކިޔަމަންވާ ބަޔެކެވެ." މަސްއޫލު ފަރާތުން އެންގި އެންގުމުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން މީހުން ގެންގުޅޭ ހުއްދަ ނޫން ވީޑިއޯތައް ހޯދުމަށްވެސް މަސައްކަތް ވަނީ ފަށާފައެވެ. މި ކަމުގައި ހަރަކާތްތެރިވަނީ ޕާޓީއާއި ލޭބަރ އޮގަނައިޒޭޝަންތަކާއި ބިރުވެރި ގްރޫޕް 109އިންނެވެ.
އުތުރު ކޮރެއާގައި ކޮންމެ ގެއެއްގައިވެސް ކުރީގެ ދެ ޒައީމުންގެ ފޮޓޯ ހުންނަން ޖެހެއެވެ. އަދި ބޭރުގައި އުޅޭ ވަގުތު މިހާރުގެ ޒައީމްގެ ފޮޓޯ ޖެހި ބެޖެއް ހެދުމުގައި ހަރުކޮށްފައި ހުންނަން ވާނެއެވެ.
އުތުރު ކޮރެއާގެ މީޑިއާއިން 2012 ވަނަ އަހަރު ގެނެސްދިން ޚަބަރެއްގައި ބުނެފައި ވަނީ އުމުރުން 14 އަހަރުގެ ކުއްޖަކު ގެނބިގެން މަރުވީ ޒައީމްގެ ފޮޓޯއެއް ޣަރަގު ވުމުން ސަލާމަތް ކުރަން އުޅުމުގެ ތެރޭގައެވެ. މި ކުއްޖާއަށް ވަނީ ކިމް ޖޮން އުން ގެ ޒުވާނުންނަށް ދޭ އެވޯޑާއި ނިޝާން ދީ އޭނާއަށް ދަރަޖަ ދީފައެވެ. އެކުއްޖާއަށް ރަނގަޅު ތަރުބިއްޔަތަކާއި އިލްމެއް ދީފައިވާތީ މައިން ބަފައިންނާއި ޓީޗަރުންނަށްވެސް ނިޝާން ދެވުނެވެ.
ޒައީމްގެ ފޮޓޮއަށް އިހުތިރާމް ނުކުރުމަކީ ހަރުކަށި އަދަބު ލިބޭ ކަމެކެވެ.
މި އަހަރުގެ ޖެނުއަރީ މަހު ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެ ގޭގެ އަންހެން މީހާ ޒައީމްގެ ފޮޓޯ ސަލާމަތް ނުކޮށް އޭނާގެ ކުދިން ކޮޅު ސަލާމަތް ކުރި މައްސަލާގައި ތަހްގީގެއް ހިންގި ކަމަށް ދެކުނު ކޮރެއާގެ ޑެއިލީ އެންކޭ އިން ރިޕޯޓް ކޮށްފައި ވެއެވެ.
މި އަންހެން މީހާގެ ތަހުގީގު ހިނގަމުން ދިޔަ އިރު ހަސްފަތާލުގައި ފިހިގެން ބާއްވާފައިވާ އޭނާގެ ކުދިންނަށް ޒިޔާރަތް ކުރުމަށް މިނިސްޓްރީ އޮފް ސްޓޭޓް ސެކިއުރިޓީން ހުއްދައެއް ނުދިނެވެ.