ބޯކޮށް ވާރޭވެހި އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ އަދި ފޭދޫގެ ބައެއް ގެތަކަށް ފެންވަދެ، މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާއިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 4:30 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އައްޑޫގެ އިތުރުން ފުވައްމުލަކަށް ވެސް ބޮކޮށް ވާރޭ ވެހި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

އެމްއެންޑީއެފުން ބުނީ އެރަށު 120 ގެއަކަށް ފެންވަނުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ފުވައްމުލަކު ޕޯސްޓުގެ ސިފައިން ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރު 3:49 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މެޓް އޮފީހުން ވަނީ އައްޑޫ އާއި ފުވައްމުލަކަށް އޮރެންޖް އެލާޓް ނެރެފައެވެ. މެޓް އޮފީހުން މި އެލާޓް ނެރެފައިވަނީ މިރޭ 9 އާއި ހަމައަށެވެ.

އެގޮތުން މި ވަގުތުތަކުގެ ތެރޭގައި ބޯކޮށް ވާރޭވެހި ފެން ބޮޑުވެދާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

އޮރެންޖު އެލާޓް ނެރެނީ އެއް ގަޑިއިރު ތެރޭގައި 90 މިލިމީޓަރުގެ ވާރޭވެހި، ގަޑިއަކު 63 މޭލަށް ވައި ޖެހުމުންނެވެ. އަދި އާދަޔާ ހިލާފަށް ބާރަށް ގުގުރުން ނުވަތަ ގުގުރާފާނެ ކަމަށް ލަފާކުރުމުގެ އިތުރުން ވައި ޖެހޭ މިންވަރު 34 މޭލާ 42 މޭލާ ދެމެދުގައި ހުންނާނެ ކަމަށް ލަފާކުރެވޭނަމަ ވެސް އޮރެންޖް އެލާޓް ނެރެއެވެ.