އައްޑޫ ސިޓީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ޚާއްސަ އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރެއިން 8 މީހަކު ދޫކޮށްލައިފިއެވެ.
އައްޑޫ ސިޓީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ޚާއްސަ އޮޕަރޭޝަނުގައި 98.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ، 14 މީހަކު ހައްޔަރުކޮށްފައިވަނީ މިދިޔަ އާދީއްތަދުވަހުއެވެ.
ފުލުހުން ވިދާޅުވީ އައްޑޫ ސިޓީގައި ހިންގި މަސްތުވާތަކެތީގެ އޮޕަޜޭޝަނާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ތަޙްޤީގަށް އިތުރަށް ބަންދުގައި ބައިތިއްބަން ނުފެންނާތީ މިއަދު އޭގެ ތެރެއިން 8 މީހުން ދޫކޮށްލާފައިވާކަމަށެވެ.
އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުގައި ހިންގި މި ޚާއްސަ އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެދިޔައީ އުމުރުން 23 އަހަރާއި 40 އަހަރާ ދެމެދުގެ ދިވެހި ފިރިހެނުން ކަމަށާއި، މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި މިހާތަނަށް ގާތްގަނޑަކަށް 98.6 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާކަމަށާއި އޭގެތެރޭގައި އެމް.ޑީ.އެމް.އޭ އާއި، އެމްފިޓަމިން އާއި ހެރޮއިން ހިމެނޭކަމަށް ފުލުހުން ވިދާޅުވިއެވެ.
އައްޑޫ ސިޓީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ، ސ .ހިތަދޫ، ފިނިފަރު، އުމުރުން 33 އަހަރުގެ ޢަބްދުﷲ އިބްރާހީމް އިސްވެ ހުރެ ދިވެހިންގެ އިތުރު ބަޔަކާއި ބޭރުބަޔަކު ގުޅިގެން ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރަންއުޅޭ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓާއި ޑްރަގް އިންޓެލިޖެންސް އާއި މެރިން ޕޮލިސް އާއި ސައުތު ޕޮލިސް ޑިވިޜަންގައި ގާއިމްވެތިބޭ ސްޕެޝަލް އޮޕަރޭޝަންގެ ފުލުހުން އަދި ސައުތު ޕޮލިސް ޑިވިޜަން ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.
ޢަބްދުﷲ އިބްރާހީމް އަކީ 2019 ޖުލައި 30 ވަނަދުވަހު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ހައްޔަރު ކުރުމަށްފަހު ތަހުގީގު ފުރިހަމަކޮށް މައްސަލަ ޕީޖީއޮފީހަށް ފޮނުވުމުން މައްސަލަ ކޯޓަށް ވައްދާފައިވަނިކޮށް 2019 ސެޕްޓެމްބަރ 30 ވަނަދުވަހު ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާ މީހެއްކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި އޭނާއަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ކުށުގެ ރެކޯޑް އާއި އެހެނިހެން މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮންނަ ފަރާއްކަމަށް ފުލުހުން ފާހަގަކުރެއެވެ.
މި އޮޕަރޭޝަންގައި ދިވެހި ފުލުހުން ހޯދި މަސްތުވާތަކެތީގެ މައުލޫމަތު މިހާރުވާނީ ބައިނަލްއަގުވާމީ މަސްތުވާތަކެތީގެ ވިއުގަތަކާ ހުރިގުޅުން ބައެއް ފަރާތްތަކާ ހިއްސާކޮށްފައިކަމަށާއި މިއޮޕަރޭޝަންގެ ދަށުން އައްޑޫ ސިޓީގެ ބައެއް ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާކަމަށް ފުލުހުން ވިދާޅުވިއެވެ.