ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އިތުރު ފަރުވާއަށް ޖަރުމަނަށް ފުރާވަޑައިގެފައިވާކަމަށާއި، އެ މަނިކުފާނުގެ ބޭސްފަރުވާގެ ހުރިހާ ޚަރަދެއް ހަމަޖައްސާފައިވަނީ ޖަރުމަނު ސަރުކާރުން ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސް ނަޝިދު އަވަހާރަކޮށްލުމަށް، 6 މެއި 2021 ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް ޖަރުމަންވިލާތަށް މިއަދު ހެނދުނު ފުރާވަޑައިގެންފައިވާ ކަމަށެވެ.

ރައީސް ނަޝީދު ޖަރުމަންވިލާތަށް ފުރާވަޑައިގަތީ އެއަރ އެމްބިއުލެންސްގައިކަމަށާއި، ދަތުރުފުޅުގެ ޚަރަދާއި، ބޭސްފަރުވާގެ ޚަރަދު ހަމަޖައްސަވާފައިވަނީ ޖަރުމަން ވިލާތުގައި ހުންނަވާ ރާއްޖޭގެ އޮންރަރީ ކޮންސޫލް މިސްޓަރ ކްރިސްޓިއަން ވޮން ސްޓެޓެން މެދުވެރިކޮށްކަމަށްވެސް މަޖިލީހުން ބުނެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގަައި އެމަނިކުފާނަށް ވަރަށް ގިނަ ޒަޚަމްތައް ލިބިވަޑައިގެން ގިނަ ސާޖަރީތަކެއް ވަނީ ކުރައްވާފައެވެ. އެމަނިކުފާނު ރޭގަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހެޔޮވެރިކަމެއް ހޯދަން ކުރައްވާ މަސައްކަތް ހުއްޓާނުލައްވާނެކަމަށެވެ.