ދިވެހީންނަކީ ޒަމާނުއްސުރެ ޢީދު ދުވަސްތައް ވަރަށް ކުލަ ގަދަކޮށް ފާހަގަކުރަމުން އައިބައެކެވެ. ފިޠުރު ޢީދު ދުވަހު އާއިލާ އާއި ރައްޓެހިންނާއި އަދި ގެއަށް އަންނަ މެހުމާނުންނަށް ސައި ދިނުމަކީ ދިވެހިންގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ވަރަށް ޚާއްޞަ ކަމެއްވެސް މެއެވެ. ޢީދު ނަމާދު ނިމިގެން ޢާއިލާ އާއި ރައްޓެހިންގެ ގޭގެއަށް ޒިޔާރަތްކޮށް ހެޔޮ އެދުމާ ތަހުނިޔާ ކިޔުމަކީވެސް އަދި އަދާ ޖެހެންދެންވެސް އުވި ނުގޮސް އޮތް ރީތި އާދަކަދައެކެވެ.

ދިވެހިންގެ ޘަޤާފަތުގައި ޢީދު ތަހުނިޔާ ކިޔަން ގެއަށް ޒިޔާރަތް ކުރާ ކޮންމެ މެހުމާނަކަށްވެސް އަނގަ މީރު ކޮށްލަ ދިނުން އޮވެއެވެ. ކުދި ކުދި ތަފާތު ތަކެއް ހުރިނަމަވެސް ރާއްޖޭގެ ގިނަ ރަށްރަށުގައި މިކަންތައް ކުރަމުންދަނީ ހަމަ އެއްގޮތަކަށެވެ. މިގޮތުން ވ. ފެލިދޫގައި މިކަން އޮންނަގޮތް ވިދާޅުވެ ދެއްވީ އެރަށު ވައިލެޓް ވިލާ އަބްދުލް މަޖީދު އަބުދުލް ޣަނީ އެވެ. "ޢާއިލާގެ ކޮންމެ ގެއަކަށް ވަނަސް ޢީދު ސަލާން ކުރުމަށް ފަހު ސުފުރާމަތިން ބޯކިބާ ކޮޅެއް ނޫނީ ގުޅައެއް ކައިގެން ނޫނީ ނުއެއް ނުކުމެވޭނެ" މަޖީދު ވިދާޅުވިއެވެ. އެގޮތުން ގޭގެ އަންހެންވެރިން ޢީދު ނަމާދަށް ދާނީ ޢީދު ސައި ތައްޔާރުކޮށްފައެވެ. މި ތައްޔާރުކުރާ ސައިގައި ގިނައިން ހުންނާނީ ދިވެހި ހެދިކާގެ ބާވަތްތަކެވެ.

ދިވެހިރާއްޖޭގެ އެންމެ އުތުރު އޮންނަ ހއ އަތޮޅު ތުރާކުނު ގައި މި ސައި އޮންނަ ގޮތް ކިޔައި ދެއްވަމުން އެރަށު ތީސްރީމަންޒިލް ޚަލީލު އަޙުމަދު ވިދާޅުވީ ޢީދު ނަމާދުން ފައިބައިގެން ޢާއިލާއަށް ޒިޔާރަތް ކުރުމަކީ ގިނަބަޔަކު ކުރަމުން އަންނަ ކަމެއް ކަމަށެވެ. ކޮންމެ ގެއަކަށް ވަނަސް އެ ގެއަކުން ސައިބޯން ޖެހޭނެ" ޚަލީލު ވިދާޅުވިއެވެ. މި ސަޔަށް ކުރީގައި ހަދާފައި ހުންނާނީ ދިވެހި ހެދިކާގެ ބާވަތް ތަކެވެ. އޭގެ ތެރޭގައި ގުޅަ އާއި ކުޅި ބޯކިބަ އަދި ފޮނި ބޯކިބަ ހިމެނެއެވެ. ނަމަވެސް މިހާރު ސަޔަށް ތައްޔާރު ކުރާ ކާނާތައް ބަދަލުވެއްޖެއެވެ. ޕިއްޒާ އާއި ކޭކުން ސުފުރާމަތި ފަޅުފިލުވައިދޭން ފަށައިފިއެވެ. ވާނީވެސް އެހެންނެވެ. ގެއަށް ޒިޔާރަތްކުރާ ޅަފުރައިގެ ކުދިންނާއި ކުޑަކުދިންނަށް ކަމުދާ ބާވަތް ތަކަކީ އެއީއެވެ. ނަމަވެސް އަދިވެސް ސުފުރާތައްމަތީ ދިވެހީންގެ ކުޅި ބޯކިބައާއި ފޮނި ބޯކިބަ ނިވައި ވެގެން ނުދެއެވެ.

ނަމަވެސް ފަހަކަން އައިސް ޢީދު ސައި އޮންނަ ތަން ބަދަލު ވެއްޖެއެވެ. ލ. ގަމު މުކުރިމަގު މާވެހި އަބުދުލް ވާޙިދު ވިދާޅުވި ގޮތުގައި މިހާރު މި ސައި ތައްޔާރު ކުރަނީ ޢީދު ނަމާދުން ފައިބައިގެން އައިސް މިސްކިތާ އެންމެ ކައިރިން ޖެހޭ ބޮޑު މަގުގައެވެ. " ރަށުގެ ރައްޔަތުން އެއްބައިވެ ކޮންމެ ގެއަކުން ކޮންމެވެސް ބާވަތެއްގެ ހެދިކާގެ ވައްތަރެއް ހަދައިގެން އެތަނަށް ގެންދޭ. ދެން ހުރިހާ ރައްޔަތުން ޢީދު ނަމާދުން ފައިބައިގެން އެތަނަށްގޮސް ސައި ބޮނީ" ވާޙިދު ވިދާޅުވިއެވެ. ނަމަވެސް މިއަދު ކޮވިޑް19 ގެ މި ބަލިމަޑުކަން އޮތުމުން އަޅުގަނޑުމެންގެ ރައްތަކުގެ އަހުލުވެރިން މިވަނީ ޢީދު ސައި ތައްޔާރު ކުރާގޮތްވެސް ބަދަލުކުރަން ޖެހިފައެވެ. އެހެން ނަމަވެސް ކޮވިޑްގެ 19 ގެ ބަލިމަޑުކަން ނެތް ރަށްރަށުގައި އަދިވެސް މި ސައި ވަރަށް ފުރިހަމައަށް ތައްޔާރުކުރަމުން ގެންދެއެވެ.

އެހެނަސް ކުރީގައި ޢީދުގައި ތައްޔާރުކުރި ބައެއް ބާވަތްތަކުގެ ކާނާ މިހާރު ސުފުރާމަތިން ގެއްލިއްޖެ ކަމަށް ހއ މަރަންދޫ ކަސްތޫރިގޭ މުޙައްމަދު ޙަސަން ވިދާޅުވިއެވެ. މިގޮތުން ކުރީގައި ހއ އަތޮޅުގެ ގިނަ ރަށްރަށުގައި ތައްޔާރުކުރަމުން ދިޔަ ޢީދު ބޮނޑި މިހާރު އެއްގޮތަކަށްވެސް ނުފެންނަކަމަށް މުޙައްމަދު ޙަސަން ވިދާޅުވިއެވެ މި ޢީދު ބޮނޑި އަކީ ފޮނި ބޯކިބައެކެވެ. ބައެއް ރަށްރަށު މީހުން މިއަށް " ތަށި ބޮނޑި " ވެސް ކިޔައެވެ. މިހާރު މި ތަށި ބޮޑި ފިހެލަން އެނގޭ މީހަކުވެސް ވަރަށް މަދުކަމަށް ވެއެވެ. އެހެންކަމުން މި ތަށި ބޮނޑީގެ ފޮޓޮއެއްވެސް އަޅުގަނޑަކަށް ނުލިބުނެވެ. ނަމަވެސް ތަށިބޮނޑި ތައްޔާރުކުރާގޮތް ވިދާޅުވާނެ ފަރާތެއް ހޯދުނެވެ. އެގޮތުން ތިރީގައި މި ލިޔެލަނީ އުތުރުގެ ބައެއް ރަށްރަށުގައި ކުރީގައި ޢީދަށް ފިހާ ތަށި ބޮނޑި ތައްޔާރުކުރާ ގޮތެވެ. މި ތަށިބޮނޑި ފިހާގޮތް އަޅުގަނޑަށް ކިޔައި ދެއްވީ ހއ މާރަންދޫ ކަފަގަސްދޮށުގޭ މޫސާ މުޙައްމަދު (ކައޯ މޫސަބެ) އެވެ.

ޢީދު ސުފުރާ

ޢީދު ތަށި ބޮނޑި ( ހއ މާރަންދޫން)

4 ޖޯޑު ހަނޑޫ (ރޭގަނޑު ފެނުއަޅާ ފޯކޮށްފައި)

6 ގަބުޅި (ހުނި)

½ 3 ޖޯޑު ހަކުރު

4 ކާފޫރުތޮޅި (ހިމުންކޮށްފަ)

3 ކަރަންފޫ ( ހިމުންކޮށްފަ)

1 ޖޯޑު މާފެން

1 ޖޯޑު ހޫނުފެން

ތައްޔާރުކުރާނެގޮތް

ހަނޑޫ ރަނގަޅަށް ދޮވުމަށްފަހު ހިމުންކޮށް ފުނޑަނީއެވެ. ގަބުޅިވެސް ގޭނުމަށްފަހު ދައިން ހިމުންކޮށް ފުނޑަނީއެވެ. މިހާރު ހަދާނަމަ މިކްސަރުން ހިމުން ކޮށްލާނީއެވެ. އެއަށްފަހު ހަކުރާއި ކަރަންފޫ ކާފޫރުތޮޅި އަދި މާފެންވެސް ޖަހައިގެން މޮޑެލާނީއެވެ. ދެން އޮލަ މިން ހެޔޮވަރު ކުރުމަށް ހޫނުފެން އަޅައިގެން ގިރާނީއެވެ. އެއަށްފަހު ބޮނޑި ފިހާ ތެއްޔެއްގެ އެތެރޭގައި ފަތްކެޔޮ އެޅުމަށްފަހު ގިރި ފުށްގަނޑު އޮއްސާލާނީ އެވެ. ފެން ފަތްކެޔޮގަނޑު ފަތް ޖަހާލާނީ ފުންގަނޑު ނިވާ ކޮށްލުމަށެވެ. އެއަށްފަހު މަތީގައި ޓިނުން ހަދާފައިވާ މަތިގަނޑެއް ބޭއްވުމަށްފަހު މަތިންވެސް އަދި ދަށުންވެސް އަނގުރު އަޅައިގެން ފިހެލާނީއެވެ. މިގޮތަށް އަނގުރު އަޅަން ގިނަ މީހުން ބޭނުންކުރަނީ ނާށި އަންދައިގެނެވެ.