ޢީދު މައްސުންޏަކީ ޢީދު ދުވަހަށް ޚާއްޞަކޮށް ލ އަތޮޅު ފޮނަދޫމީހުން ތައްޔާރުކުރާ ހެދިކާ އެކެވެ. މައްސުންޏޭ މިއަށް ކިޔަސް މީ ވަރަށް ބޯކޮށް ގިނައިން މަސްއަޅައިގެން ފިހާ ބޯކިބަ އެކެވެ. މި ބޯކިބާ ފިހާ ގޮތުން މި ނުބައި ނުވެ ތިންދުވަހު އޮންނަ ކަމަށް ވެއެވެ. ފޮނަދޫ މީހުން މި މައްސުނި ތައްޔާރު ކުރަނީ ޢީދު ވިލޭރޭގައެވެ. ޢީދު މަސްހުނި އަޅުގަނޑު މި ލިޔަނީ ލ ފޮނަދޫ ވައިޓްވިލާ ހަސަން މޫސާ ކިޔައިދެއްވި ގޮތަށެވެ.

ބޭނުންވާ ތަކެތި

3 ޖޯޑު ހަނޑޫ

1 ފިޔާ

1 ކާށީގެ ހުނި

½ 1 ގަނޑު ވަޅޯމަސް

1 ގިތެޔޮ މިރުސް

½ ޖޯޑު ދެވި ހަވާދު

2 ހިކަނދިފަތް

1 ލުނބޯ

ރަހަލާވަރަށް ލޮނު

ކުލަ ހިފާވަރަށް ރީނދޫ

ތައްޔާރުކުރާނެ ގޮތް

ރޭގަނޑު ހަނޑޫ ދޮވެލާފައި ފެނު އަޅައި ފޯކުރާށެވެ. ހަނޑޫ ފޯކުރުމަށްފަހު އަނެއްކާވެސް ސާފުކޮށް ދޮވެލާށެވެ. އެއަށްފަހު ކާށިން ހުނި ގާނާށެވެ. ހަވާދުވެސް ހިމުންކޮށް ފުނޑާލާށެވެ. ދެން ހަނޑޫ މުގުރާށެވެ. އެއަށްފަހު މަހާއި ފިޔާ މިރުސް ހިކަނދިފަތް ކޮށާށެވެ. ދެން ހުތް ޖަހައިގެން ފިޔަ އާއި ހިކަނދިފަތް މިރުސް މޮޑެލާށެވެ. އެއަށްފަހު ހަވާދު އެއްކޮށް މަސް ވެސް އެއްކޮށް ހުންޏާއި މުގުރި ހަނޑޫވެސް އެއްކުރާށެވެ. ދެން ރަނގަށް މޮޑުމަށްފަހު މައްސުނި އަޅާ ތެއްޔަށް ވެލި އަޅާށެވެ. އެއަށްފަހު އެ ވެލިގަނޑުމަތީގައި މާޅޮސްކެޔޮ ފަތް މިލުވުމަށްފަހު އަޅާށެވެ. މި ފަތްތައް އަޅާނީ މަޅާލާފައި ވެލިތައް ނިވާވާ ވަރަށެވެ. އެއީ މޮޑުނު މަސްގަނޑު ފަތްތައް މައްޗައް އެޅީމާ ވެލި ނުޖެހޭ ވަރަށެވެ. އެއަށްފަހު މޮޑުނު މަސްގަނޑު ފަތްގަނޑު މައްޗަށް އަޅާ ފަތުރާލާށެވެ. ދެން ތެލީގައި މަތި ޖެހުމަށްފަހު މަތިންނާއި ތިރިން އަންދައިގެން ފިހެލާށެވެ. މި މަސްހުނި ފިހެ ނިމުނަސް އެރޭ ނުނަގާނެއެވެ. ބޯކިބާ ތެލިން ނަގާނީ ޢީދު ދުވަހު ހެނދުނު އެވެ.