ދަތުރުފަތުރާ ބެހޭ ލިޔުމުގެ ސިލްސިލާއެއްގައި ހަނގުރާމަތީގައި ބޭނުންކުރާ އުޅަނދުފަހަރު ނުހިމެނުމަކީ އަސްކަރީގޮތުން ކުރާ ހުރިހާ ދަތުރުތަކެއް އިސްތިސްނާ ކުރުމެވެ. ކޮންމެ ގައުމެއްގެ އަސްކަރިއްޔާ އަކީ އެ ގައުމަކަށް ވަރަށް މުހިންމު ބައެކެވެ. ދުނިޔޭގެ ތާރީހުގައި ދުނިޔޭގެ އެކި ކަންކޮޅަށް އިސްތިއުމާރީ ބާރުތައް ވެރިވެގަނެފައިވަނީ އެތަންތަނަށް ދަތުރުކޮށްގެންނެވެ. ހާއްސާކޮށް ކަނޑުގެ މަގުންނެވެ. އަސްކަރިއްޔާގެ މައިގަނޑު ބައެއްކަމަށްވާ ނޭވީ ނުވަތަ ކަނޑުގެ ސިފައިންނަކީ ކަނޑުތަކުގައި އަސްކަރީބާރު ތަމުސީލުކޮށްދޭ ފަރާތެވެ. އަދި މަނަވަރަކީ އެ ފަރާތްތައް ދަތުރުކުރުމަށް ބޭނުންކުރާ އުޅަނދުފަހަރެވެ. ދުނިޔޭގައި މިހާރު ގެންގުޅޭ އެންމެ ބާރުގަދަ އަދި އެންމެ ބޮޑު އުޅަނދުފަހަރަކީ އެމެރިކާގެ އަސްކަރިއްޔާގެ އެއާކްރާފްޓް ކެރިއަރ އެވެ. މި ލިޔުމުގައި ހާއްސަކޮށް މިބަލައިލަނީ އެމެރިކާގެ މަނަވަރުތަކަށެވެ.

އެއާކްރާފްޓް ކެރިއަރ އަކީ ހަނގުރާމަމަތީ މަތިންދާބޯޓުފަހަރު ޖައްސާގޮތަށް ފަރުމާކޮށް ބަނދެފައިވާ ވަރަށް ބިޔަ މަނަވަރެކެވެ. އެ އުޅަނދުގެ މައި ޑެގަކީ ޖެޓުބޯޓުފަހަރު ޖެއްސުމަށް ހަދާފައިވާ ރަންވޭއެކެވެ. އަދި އުދުއްސާލުމަށް ހާއްސަ "ކެޓަޕަލްޓް" އާއި، ޖެޓުތައް ޕާކުކުރުމަށް ޖާގަވެސް އެ ޑެގުގައިވެއެވެ. އޭގެ އިތުރުން، ހުންނަނީ ހަމައެކަނި ޓަވަރެކެވެ. އުޅަނދުގެ އެހެން ހުރިހާ ތަނެއް ހުންނަނީ މައިޑެގުގެ ދަށުގައެވެ.

މިހާތަނަށް 19 ގައުމަކުން 223 އެއަރކްރާފްޓް ކެރިއަރ އޮޕަރޭޓުކޮށްފައިވެއެވެ. އޭގެ ތެރޭގައި އަސްކަރީގޮތުން ބާރުގަދަ ގައުމުތަކުގެ އިތުރުން، ތައިލެންޑް، އާޖެންޓީނާ، ބްރެޒިލް، ސްޕެއިން އަދި އޮސްޓްރޭލިއާ ހިމެނެއެވެ. މިހާރު ސަރވިސްގައި އެއާރކްރާފްޓް ކެރިއަރ ގެންގުޅެނީ ނުވަ ގައުމަކުންނެވެ. އެމެރިކާ، އިނގިރޭސިވިލާތް، ތައިލެންޑް، ސްޕެއިން، ރަޝިއާ، އިޓަލީ، އިންޑިއާ، ފަރަންސޭސިވިލާތް، އަދި ޗައިނާ އިން ޖުމުލަ 22 އެއާކްރާފްޓް ކެރިއަރ އޮފަރޭޓުކުރަމުން ދެއެވެ. އޭގެ ދެބައިކުޅަ އެއްބަޔަކީ އެމެރިކާއިން އޮޕަރޭޓުކުރާ އުޅަނދުފަހަރެވެ.

ނިމިޒްކްލާސް "USS ހެރީ ސ. ޓްރޫމަން" އާއި ފޯޑްކްލާސް "USS ޖެރަލްޑް ރ. ފޯޑް" އެކުގައި ދަތުރުކުރަނީ

2022 ގައި "ފޯޑް ކްލާސް" ގިންތީގެ އެއަރ ކްރާފްޓް ކެރިއަރ އޮޕަރޭޓުކުރަން ފެށުމުން އެ އުޅަނދުވެގެންދާނީ ދުނިޔޭގައިވާ އެންމެ ބޮޑު މަނަވަރަށެވެ. އެހާތަނާ ޖެހެންދެން، ދުނިޔޭގައިވާ އެންމެ ބޮޑެތި މަނަވަރުތަކަކީ 1975 ގައި ބަނދެގެން ކޮމިޝަންކުރި، "ނިމިޒް ކްލާސް" ގިންތީގެ އެއަރކްރާފްޓް ކެރިއަރ އެވެ. އެކަހަލަ ދިހަ މަނަވަރުވަނީ ބަނދެފައެވެ. އަދި މިހާރުވެސް ދަނީ އޮޕަރޭޓުކުރަމުންނެވެ. އެއިން އުޅަނދެއްގެ އަގަކީ 9.55 ބިލިއަން ޔޫއެސް ޑޮލަރެވެ.

USS ނިމިޒް

ނިމިޒް ކުލާހުގެ އުޅަނދުފަހަރަކީ 1092 ފޫޓު ދިގު، މައިޑެގުގެ ފުޅާމިނުގައި 252 ފޫޓު އަދި 25 ބުރީގެ އިމާރާތެއްގެ އުސްމިން ހުންނަ މަނަވަރެކެވެ. އޭގައި އަޅާފައިވަނީ AW4 ގެ ދެ ނިއުކްލިއަރރިއެކްޓަރ އެވެ. އެއިން އުފައްދާ 194 މެގަވޮޓުގެ ބާރުގައި، ދިގުހުރަހުގައި 25 ފޫޓު ހުންނަ ހަތަރު ބުރަފަތި އަނބުރާދިނުމުން، އުޅަނދު ގަޑިއަކު 56 ކިލޯމީޓަރު ގެ ބާރުމިނުގައި ދުއްވެއެވެ. އޭގެ އެންމެ މަތީ ސްޕީޑަކީ ސިއްރުކުރެވިފައިވާ އަދަދެކެވެ. އެ އުޅަނދުފައި 6000 ސިފައިން ތިބެއެވެ. އޭގެ ތެރެއިން 2480 ސިފައިންނަކީ މަތިންދާ ބޯޓުތަކާ ބެހޭ މީހުންނެވެ.

އަޑީ ޑެގަށް ޖެޓެއް ގެންދަނީ

އެއާކްރާފްޓް ކެރިއަރ އަކީ ވަރަށް ބޮޑު ގުދަނެކެވެ. އެ މަނަވަރުގެ ސައިޒު ބޮޑު ކަމުން، ހަނގުރާމަމަތީ މަތިންދާބޯޓު ފަހަރު އޭގައި ރައްކާކުރެވެއެވެ. ހަނގުރާމަމަތީ ޖެޓުތަކުގެ ފިޔަފަތަކީ ފަތްޖަހާ ލައްޕާލެވޭ އެއްޗެކެވެ. ފިޔަފަތް ފައްޖަހާލުމަށްފަހު، ލިފްޓް ޕްލެޓްފޯމެއްގެ އެހީގައި އެ އުޅަނދު އަޑީ ޑެގަކަށް ބަދަލުކޮށް ރައްކާކުރެވެއެވެ. އެމެރިކާގެ ނިމިޒް ގިންތީގެ އެއާކްރާފްޓް ކެރިއަރ އެއްގައި 130 "ހޯނެޓް" ޖެޓު ރައްކާކުރެވެއެވެ. އާންމު ގޮތެއްގައި އެކި ބާވަތު 64 ޖެޓު އެ މަނަވަރުގައި އޮވެއެވެ.

އަޑީ ޑެގެއްގައި ޖެޓުތައް އަތުރާފައި

އެއާކްރާފްޓް ކެރިއަރ ގައި ރައްކާކުރަނީ ހަމައެކަނި މަތިންދާބޯޓުފަހަރެއް ނޫނެވެ. އޭގެ ބަންކަރަކީ ވެސް ވަރަށް ބޮޑު ޖާގައެއް އޮންނަ ތަނެކެވެ. އެއާކްރާފްޓް ކެރިއަރ އަކީ ދުއްވުމަށް ތެޔޮ އަންދާ އުޅަނދެއް ނޫނެވެ. އެހެންކަމުން، އެއާކްރާފްޓް ކެރިއަރ އަކީ އޭގެ ކައިރީގައި، އެއާއެކު ދަތުރުކުރާ އެހެން މަނަވަރުތަކަށް ބޭނުންވާ އިތުރު ތެޔޮ ގުދަންކޮށްދޭ އުޅަނދެއްވެސްމެއެވެ.

އެމެރިކާގެ ކެރިއަރ ގްރޫޕް އެއް

އެއާކްރާފްޓް ކެރިއަރ އަކީ އެކަނި ދަތުރުކުރާ އުޅަނދެއް ނޫނެވެ. އެ އުޅަނދު އޮޕަރޭޓް ކުރަނީ ކެރިއަރ ގްރޫޕް އެއްގެ މެދުގައެވެ. އެމެރިކާގެ އެއާކްރާފްޓް ކެރިއަރ ގްރޫޕް އެއްގައި އެއާކްރާފްޓް ކެރިއަރ ގެ އިތުރުން އެއް ކްރޫޒަރ، ދެތިން ޑިސްޓްރޯޔަރ، ދެތިން ފްރިގެޓް، އަދި އަޑިންދާބޯޓު (ސަބްމެރިން) ހިމެނެއެވެ. ދެ އުޅަނދުގެ ދޭތެރޭ 12 މޭލާ 25 މޭލާ ދެމެދުގެ ދުރުމިނެއް ބަހައްޓައިގެން ދަތުރު ކުރާއިރު، މުޅި ގުރޫޕުގެ ހަތިޔާރުތަކުން 2000 މޭލުގެ ސަރަހައްދެއް ބަލަހައްޓަދެއެވެ. ނުވަތަ ހަމަލާދެވޭނެއެވެ. އެއިން ގުރޭޕެއްގައި 7،500 ސިފައިން ތިބެއެވެ.

ކެރިއަރ ގްރޫޕް އާ އެކު އަޑިންދާބޯޓު ވެސް ދަތުރުކުރޭ

އެއާކްރާފްޓް ކެރިއަރ އަކީ އަސްކަރީ ބޭނުމަށް އެކަނި އުފައްދާފައިވާ ވަރަށް ވަރުގަދަ ހަތިޔާރެކެވެ. ގައުމު ދިފާއުކުރުމުގެ ނަމުގައި އެ އުޅަނދު ފަހަރު ބޭނުން ކުރަމުންދަނީ ބާރު ދެއްކުމަށާއި، އެހެން ގައުމުތަކަށް ހަމަލާދިނުމަށެވެ. އެމެރިކާއިން މުޅި ދުނިޔޭގެ މައްޗަށް ބާރު ގަދަ ކުރުމަށް ބޭނުންކުރާ މައި ހަތިޔާރަކީ އެފަދަ މަނަވަރުތަކެވެ. އެމެރިކާ ދިހަ ކެރިއަރ ގްރޫޕް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޮޕަރޭޓް ކުރެއެވެ. ރާއްޖެއާ އެންމެ ކައިރީގައި އޮޕަރޭޓުކުރާ ކެރިއަރ ގުރޫޕުގެ ބޭސް އަކީ ޑިއެގޯގާސިއާ (ފޯވަޅަހި) އެވެ.