ކޯވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނެގުމުގެ ތެރޭގައި ސާމްޕަލް ނެގި މީހަކަށް ހަމަލާދިން މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމުގައި ފުލުހުން ވިދާޅުވެއްޖެއެވެ.
ރޭ މާފަންނު މަދަރުސާގައި ކޯވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަން އުޅުމުގެ ތެރޭގައި ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާކަމަށާއި، މިމައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުންދާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.
މިހާދިސާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވީ ސާމްޕަލް ނަގަން ހުރި ކުއްޖާއަށް އަނިޔާއެއްކޮށް މާރާ މާރީ ހިންގާފައި ނުވާނެކަމަށެވެ. ކޯވިޑްގެ ސާމްޕަލް ނެގުމަށް ރޭ މާފަންނު މަދަރުސާއަށް ވަޑައިގެން ސާމްޕަލް ނެގުމުގައި ދިމާވި ކަންތައްތަކާއި ގުޅިގެން މީޑިޔާތަކުގައި ދައްކާ ވާހަތައް ދޮގުކޮށް އިކުރާމް ވިދާޅުވީ އެތަނުގައި ކެމެރާހުރިނަމަ ކެމެރާބައްލަވައި ލައްވައިފިނަމަ އެކަން ހިނގާދިޔަގޮތް އެގޭނެކަމަށެވެ.
އިކްރާމް ވިދާޅުވީ މީގެ ކުރިން އައިޖީއެމް އެޗްއިން ވެސް ޕީސީއާރު ޓެސްޓް ހަދާފައިވާކަމަށާ ނަމަވެސް ވަރަށް އޯގާތެރިކަމާއިއެކު ތަކުލީފެއް ނުވާގޮތަށް އައިޖީއެޗްއިން އެކަން ކޮށްދިންކަމަށެވެ. އަދި އެއަށްވުރެ އޯގާތެރިކަމާއިއެކު ޕީސީއާރު ޓެސްޓް ނެގޭނެކަމަށް އިކްރާމް ވިދާޅުވިއެވެ.
ރެޕިޑް ރެސްޕޮސްސް ޓީމަށް ދިން މިޙަމަލާ މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަންއަން، އެމްއެޗްޕީޔޫއިންވެސްވަނީ ކުށްވެރިކޮށްފައެވެ. އެމްއެޗްޕީޔޫއިން ކުރި ޓުވިޓެއްގައި މިއަމަލަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަން ފާހަގަކޮށް މިމައްސަލަ ބަލައި ހައްޤު އަދަބުދިނުމަށްވަނީ ގޮވާލާފައެވެ.
އެމްއެޗްޕީޔޫއިން ބުނީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް މަތިކޮށްފައިވާ ފަރާތެއްގެ ކިބައިން މިފަދަ އަމަލެއް ފެނުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ.