ބައެއް އިންސާނުން ދިރިއުޅުމުގެ ކަންކަމާ މަސްޢޫލުވެ އެކަމުގައި ވަގުތުތައް ހޭދަ ކުރަމުން ދާއިރު އަމިއްލަ ނަފުސަށް ބަލާ ނުލެވެ އެވެ. ތިމާގެ ޙާލަތު ހުރީ ކިހިނެއްތޯ ވިސްނާ ނުލެވެ އެވެ. ޚާއްޞަ ކޮށް ޢާންމުދަނީ ހޯދުމުގައި ބުރަ މަސްކަތް ކުރަމުންދާ ބަފައިންނެވެ. ދޫވާލާއި ރޭގަނޑުގެ އެތައް ވަގުތެއް ދަރިންނަށްޓަކައި ޤުރުބާން ކުރާ މައިންނެވެ. މައިންނަށްވުރެ ބޮޑަށް މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރަމުންދާ ދިވެހި ފިރި ހެނުން ސިއްޙަތަށް ބެލުން ކުޑަ އެވެ. މިހެން މިދަންނަވަނީ ސަބަބެއް ނެތި އެއްނޫނެވެ.

ވަރަށް ފަހުން އަޅުގަނޑުގެ ރައްޓެއްސަކު ނޭފަތުން ލޭ އަންނަން ފެށުމުން ހޮސްޕިޓަލަށް ގެންދިޔައެވެ. ޑޮކްޓަރަށް ދައްކާ އެތައް ޓެސްޓް ތަކެއް ހެދުމުން އެނގުނީ ލޭގެ ޕްރެޝަރު މާބޮޑަށް މަތިވުމުން ދިމާވި ކަމެއް ކަމުގައެވެ. އަދި މީގެ 2 އަހަރެއްހާ ދުވަސް ކުރިން އާއިލާގެ މެންބަރަކު ލޯ، މާ ބޮޑަށް ފުސްވެ ތަންތަނާއި އެއްޗިހި ނުފެންނަ ހިސާބަށް ދިޔުމުން ޑޮކްޓަރަށް ދެއްކި އިރު ހަކުރު މަތި ކަމުން ޑޮކްޓަރުން ހައިރާން ވިއެވެ.

މިހެން މި ދިމާވަނީ ވަކި ސަބަބެއް ދިމާވެގެންނޭ ދަންނަވަން ނޭނގުނަސް ކެއުމަށާއި ދިރިއުޅުމުގެ ވައްޓަފާޅި އަށް ބަދަލު ގެނައުމުން ރަނގަޅު ސިއްޙަތެއްގައި ހުރުމަށް މަގު ފަހިވާނެއެވެ. އަދި އަންހެނުން ނޫނަސް އުމުރުން 40 ވުރެ މަތި ވުމުން ފިރިހެނުންވެސް ޓެސްޓްތައް ހަދަން ޖެހެއެވެ. ލޭގެ ޕްރެޝަރާއި، ކޮލޮސްޓްރޯލާއި، ހަށިގަނޑުގައި ހަކުރު ހުންނަ މިންވަރު ފަދަ ކަންކަން ބަލާލުން ރަނގަޅެވެ. ހަމަހުން އެއްފަހަރު ނުބެލޭނަމަ އަހަރަކު އެއްފަހަރު ޓެސްޓް ހަދާލުން މުހިންމެވެ.

ދިރިއުޅުމުގެ "ބިޒީ ޝެޑިޔުލް" އިން އަމިއްލަ ނަފުސަށް ވަގުތުކޮޅެއް ހުސްކޮށް ފަނަރަ ވަރަކަށް މިނެޓް ވިޔަސް ކަސްރަތު ކޮށްލާށެވެ. މަގުޞަދަކަށް ވާންވީ ކޮންމެ ދުވަހަކު އެއް ގަޑި އިރުން ދިހަ މޭލު ދުވެނިންމުމެން ނޫނެވެ. އެހެނަސް ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށް ކަސްރަތެއް ކޮށްލުމެވެ.

ބަލަންވީ ތިމާ ހުންނަންވީ ގޮތެއް ނޫނެވެ. ތިމާ ބޭނުންވާ ގޮތަކީ ކޮބައިތޯ އެވެ.

ސިއްޙަތަށް ފައިދާހުރި ރަނގަޅު ކާނާ ކެވޭތޯ ބަލާށެވެ. "ޖަންކު ފުޑް" ތަކާއި " ފިޒީ ޑްރިންކްސް" އިން ދުރުވާށެވެ. ހަމަ ނިދި ނިދާށެވެ. ހަމަ އެކަނި ގަޑި ހަމަ ކުރަން ނިދުމުގެ ބަދަލުގައި ވަކި ގަޑިއަކު ނިދަން އޮށޯވެ ވަކި ގަޑިއަކު ހޭލުމަށް އާދަ ކުރެވޭތޯ ބަލާށެވެ.

އަމިއްލަ ނަފުސަށް ވަގުތު ހުސްކޮށް ތިމާ ހިތްހަމަޖެހޭ ކަންތައްތަކަށްވެސް ސަމާލުކަން ދޭށެވެ. އާއިލާއާއި ރައްޓެހިންދެކެ ލޯބިވާ ފަދައިން އަމިއްލަ ނަފުސުދެކެވެސް ލޯބިވާށެވެ.