އަހަރެންގެ އުމުރުން 8 އަހަރު ފުރުނު އިރު ގޭތެރޭގެ ކުރާ މަސައްކަތް ތަކުގައި މާމަ އާއި މަންމަ އަށް އެހީވެދޭން ފަށައިފީމެވެ. ކުނި ކެހުމާއި، ތެލުދޮވުމާއި، ވަލަށް ގޮސް ދަރު ހޮވުމަކީ އަހަރެން ވަރަށް ފަރިތަކޮށް ކުރާ މަސައްކަތް ތަކެވެ. މީގެތެރެއިން ވެސް ވަލަށް ދިޔއުމާއި ތެލި ދޮންނަން ދިއުން މިއީ އަހަރެން އެންމެ ކުރާ ހިތުން ކުރާ މަސައްކަތެވެ. މީހަކު ބުންޏަސް ނުބުންޏަސް މެއެވެ.

އާންމުގޮތެއްގައި ތެލިދޮނަނަން ދާނީ ހެނދުނު ދިޔަވަރު ހިކިފައި އޮންނަ އިރު އެވެ. އޭރު ދަރުން ކައްކާ ދެލި އަރާ ކަޅުވެފައި ހުންނަ ތެލިތައް އުނގުޅައިގެން އަތް ހަޑި ވެގެނެއް ނޫޅެމެވެ. ނިޔަފަތިތައް ދަށް ހަޑިވިޔަސް މާ ބޮޑުކަމަކަށް ނުވެއެވެ. އެ ތެލިދޮންނަން މޫދަށް އެރެލަން ލިބޭ ފުރުޞަތުން އެއަށްވުރެ އުފަލާއި ހިތްހަމަޖެހުން ލިބިދެއެވެ.

ދިޔަވަރު ބޮޑު ދުވަހެއްނަމަ، ތެލި ދޮންނަން އަތިރިމައްޗަށް ގޮސް އުޅެފައި ގެއަށް އަންނަ އިރު އަހަރެން ހުންނާނީ ތެމި ފޯވެފައެވެ. ގެއަށް ދިއުމުން މަންމަމެން ސުވާލުކުރުމުގެ ކުރިން އަހަރެންގެ ޖަވާބު ލިބޭނެއެވެ." ބޮޑު ރާޅަކާ މޫދަށް ވެއްޓުނީ" މި ގޮތށް މޫ ދަށް ނުވެއެއްޓޭ ދުވަހެއްނަމަ ރާޅެއް ޖަހައި ތެއްމާލާނީ އެވެ.

ދިޔަވަރު ހިކިފައި އޮންނަ އިރު އަހަރެމެން ރަށު އިރުމަތި ފަރާތު ތޮށިން ފެށިގެން އެއްގަމާ ހަމަޔަށް އޮންނާނީ ހިކި ބިންނެގިފައެވެ. މިހެން ހިކިފައި އޮންނައިރު ކުދި ކުދި ފުން ގަނޑު ހުންނާނެއެވެ. ފުނަގަނޑޭ ކިޔަނީ ވަށައިގެން ބެދިފައި މެދުގައި ލޮނު ހަރުލާފައި ހުންނަ ކުދި ކުދިން ތަންތަނަށެވެ.

ހިކި ދިޔާގައި ތެލިދޮންނަންދާ ދުވަހެއްނަމަ، ތެލި ދޮވެ ނިމިގެން ހުރިހާ ބޮޑެތި ތެލިތަކެއް އެއްގަމުގައި ބަހައްޓާފައި އަތަށް ހެޔޮވަރު ކުޑަ ތެއްޔެއް ހިފައިގެން އަހަރެން އުޅޭނީ މަސް ހިފާށެވެ. ކުރިން ބުނި ފުންގަނޑު ތަކުގައި ކުދި ކުދި މަސް އުޅޭނެއެވެ.

ދިޔަވަރު ބޮޑެންދެން މިގޮތަށް މަސް ހިފަން އުޅުމަށްފަހު ގެއަށް ދާނީ އެ ހިފި ކުދި މަސްތައް ހިފައިގެނެވެ. ދެން ގޭގައި ތެއްޔަކަށް ލޮނު އެޅުމަށްފަހު ބަހައްޓާނީ އެވެ. އަނެއް ދުވަހު ތެދުވާއިރު މަހެއް ނުހުންނާނެއެވެ. ކާޅު ނޫނީ ގޭގައި އިންނަ އިރުވައިހުދު ކާލަ ފާނެއެވެ.

މި ގޮތަށް ތެލި ދޮންނަ ދިޔަ ދުވަހަކު ފުން ގަނޑެއްގެ ތެރެއިން ބެދިފައި ހުރި ބޮޑެތި މަސްތަކެއް ފެނިއްޖެއެވެ. މަކަނބުލޭގެ އުފަލުން ދޮވުނު ތެލިތަކުން ތެއްޔެއް ޖަހައިގެން މަސްތައް ހިފަން ފަށައިފީމެވެ. ކޮންމެ މަހެއް ހިފައިގެން އެއްގަމަށްގޮސް ބޮޑު ތެއްޔަކަށް ލާފައި މަތި ޖެހުމަށްފަހު އަނެއްކާ އަނެއްމަސް ހިފަން މޫދަށް އެރެނީ އެވެ. މިގޮތަށް އުޅެ އުޅެ ހުއްޓާ ދިޔަވަރު ބޮޑިއްޖެއެވެ. އަހަންނަށް ހިފުނީ ހައެއްކަ މަހެވެ. ދިޔަ ވަރު ބޮޑުވުމުން ތެލިތައް ބޮލަށް ލައިގެން ގެއަށް ދާން ހިނގައިގެންފީމެވެ. އެންމެ މަތީގައި ހުންނާނީ މަސްތައް އަޅާފައި ހުރި ކުޑަ ތެއްޔެވެ. މަގުގެ ވަކި ހިސާބަކަށް ދިޔަތަނާ އަވައްޓެރި ދައްތަ އަކު އަހަރެން ހުއްޓުވައިފިޔެވެ. އަދި ބުނެލިއެވެ. ކަނބުލޯ މިއަދު ކޮންކަހަލަ މަހެއް ހިފައިގެން ދާ ދުވަހެއް ހެއްޔެވެ؟ ހާދަ ވަރަކަށް ތެލިތެރެއިން ބަޑިތަޅައެވެ. މިހެން ބުނުމުން އަހަރެން ތެލިތައް ތިރިކޮށްލާފައި ހިފި މަސްތައް ދައްކާލައިފީމެވެ. ތެލީގެ އެތެރެ ބަލާލާފައި އެ ދައްތަ ނިކަން ބާރަށް ބުނެފިއެވެ. ދަރިޔާ ތިޔައީ މުށިމަހެވެ. މިހެން ބުނުމާއެކު އޭނާ އަޅާ އިތުކޮށް ގޮނޑުދޮށާ ދިމާއަށް ދުއްވައިގަތެވެ. އޭނާގެ އަޑު އިވުނު އެހެން އަންހެނުންތައްވެސް ކަނޑިކި އަރުވައި ޖަހައިގެން ގޮނޑުދޮށާ ދިމާއަށް ދުއްވައިގަތެވެ. މަކަނބުލޭގެ ތެލިތައް ބޮލަށް ލައިގެން ގެއަށް އަތުވެއްޖައީމެވެ.

އެދުވަހު އަހަރެންގެނަ މަސްތައް ފެނިފައި މާމަވެސް ހައިރާންވެގެން ތީ ހަމަ ބެދިފައި ހުރި މަސްތޯ އަހާލާފައި މަސްތައް ބަދިގެއަށް ވެއްދިއެވެ.

ކުޑަ އިރުކޮޅަކުން ގޮނޑު ދޮށަށް ދުވުނު އަންހެނުން ތެރެއިން މީހަކު ގޭދޮށަށް އަތުވެއްޖެއެވެ. އޭނާގެ މޫނުމަތިން ހިތްހަމަ ނުޖެހިފައި ހުރިކަން ފާޅުވެއެވެ. އަދި ވަރަށް ބާރަށް އަހަންނާއި ދިމާއަށް ބުންޏެވެ. ތަކުއްޖާ އަޅެ ދިޔަވަރު ބޮޑު ނުވަނީސް އެ މުށިމަސްތައް ބެދިފައި ހުރި ވާހަކަ ބުނި ނަމައެވެ. އަހަރެން އަނގައިން ނުބުނެ އިސްޖަހާލައިގެން ހުރީއެވެ. އެންނާ އަހަންނަކަށް އޭރަކު މުށިމަހެއް، ރިންމަހެއް، ރެއްސެއް ރީނދުއްޔެއް ވަކި ވަނިއްޔެއް ނޫނިއްޔާއެވެ. އަވައްޓެރިޔާ އަށް މުށިމަސް ނުހިފުމުން ލިބުނު މާޔޫސްކަމުގައި ވަށިވަށިން ދީފައި ހިނގައްޖެއެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނެ ހުރީއެވެ.

ކުޑައިރު މޫދަށް އެރެ މަސް ހިފައި އުޅުނުކަމުން ވީ ފައިދާއެއް ނެތެވެ. ދިވެހިރާއްޖޭގައި އުޅޭ ގިނަ މަސްތަކުގެ ނަންތަކެއް ދަހެއް ނުވެއެވެ.