މަޖިލީހުގެ މަސައްކަތްތަކުގައި ހުރިހާ މެމްބަރުންނާއި އެކު އިސާހިތަކު ބައިވެރިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ މަޖިލީހުގެ މިއަހަރު ދެވަނަ ދައުރުގެ ޖަލްސާތައް ފެށުމުގެ ގޮތުން މަޖިލީހުގެ މެމްބަރުންނަށް ފޮނުވި ހާއްސަ މެސެޖެއްގައެވެ.
އެގޮތުން ރައީސް ނަޝީދުގެ މެސެޖުގައި ވިދާޅުވެފައިވަނީ މަޖިލީހުގެ މިދައުރުގެ މަސައްކަތް ފެށިގެން މިދަނީ އެމަނިކުފާނުގެ ފުރާނަ ދުއްވާލުމުގެ ނިޔަތުގައި ނުރައްކާތެރި ހަމަލައެއް އަމާޒުކޮށް ދެވިފައިވަނިކޮށްކަމަށެވެ. އަދި މިނުރައްކާތެރި ބިރުވެތި ހާލަތުގައިވެސް، ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި އެއްވެސް ފަސްޖެހުމެއްނެތި ހީވާގިކަމާއެކު މެންބަރުން މަސައްކަތްކުރައްވާނެ ކަމާމެދު ޝައްކެއް ނުކުރަށްވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ މެސެޖުގައި ވިދާޅުވެފައިވަނީ އެމަނިކުފާނުގެ މައްސޫލިޔަތު އަދާކުރުމުގައި ހިތްވަރާއެކު ދެމިހުންނަވާނެކަމަށެވެ.
"މާތްﷲ ގެ ހެޔޮ ރަހުމަތްފުޅާއެކު ތިޔަ ބޭފުޅުން ތިޔަ އެދިވަޑައިގެންނަވާ ގޮތަށް އަޅުގަނޑުގެ މަސްއޫލިއްޔަތު އަދާކުރުންމަތީ ހިތްވަރާއެކު ދެމިހުންނާނަން." ރައީސް ނަޝީދުގެ މެސެޖުގައި ވެއެވެ.
މީގެ އިތުރުންވެސް ރައީސް ނަޝީދު ވިދާޅުވެފައިވަނީ ޤައުމުގެ މަސްލަހަތު އިސްކުރައްވައި، މެމްބަރުން ދިވެހިރައްޔިތުންގެ ރައްކާތެރިކަމަށާއި ލާބައާއި މަންފާއަށް މަސައްކަތްކޮށްދެއްވާނެކަން ޔަގީން ކުރާކަމަށެވެ.
އަދި ވަރަށް އަވަހަށް މެމްބަރުންނާއި ރައްޔިތުންނާ ބައްދަލުކުރައްވާނެކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.