އައްޑޫގައި ކޮވިޑް-19ގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަށް ބެލެވިފައިވާތީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ދެމުންދާ ޚިދުމަތްތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.

އެ ހޮސްޕިޓަލުން ނެރުނު ދެންނެވުމެއްގައި ބުނެފައި ވަނީ ބަޔާންކޮށްފައިވާ ކަންތަކަށް އަމަލު ކުރެވިގެންދާނީ 16 މެއި 2021ން ފެށިގެން 27 މެއި 2021 ގެ ނިޔަލަށެވެ.

ބަދަލު ގެނެވުނު ކަންތަކުގެ ތެރޭގައި ހޮސްޕިޓަލުން ފޯރުކޮށްދެމުން އަންނަ އެމަޖެންސީގެ ޚިދުމަތް ފިޔަވައި އެހެނިހެން ހުރިހާ ޚިދުމަތްތަކެއް އެ މުއްދަތުގެ ތެރޭގައި ހުއްޓާލެވޭނެއެވެ. އެމަޖެންސީގެ ޚިދުމަތް މެދުކެނޑިފައިވާ މުއްދަތުގައި ހޮސްޕިޓަލުގައި ރަޖިސްޓްރީ ކުރެވިފައިވާ މާބަނޑުމީހުންނަށް ހޮސްޕިޓަލުން ގުޅައިގެން އެ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ސިއްޚީ ފަރުވާގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދެމުންގެންދާނެ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

މާބަނޑުމީހުންގެ ރަޖިސްޓަރ ގައި އަލަށް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފަރާތްތަކުން ހޮސްޕިޓަލުގެ ކޯލް ސެންޓަރު ނަމްބަރު 6885555 އާއި ގުޅުއްވުމުން ރަޖިސްޓްރީ ކުރުމުގެ އިންތިޒާމް ހަމަޖައްސަވައިދެއްވޭނެއެވެ.

ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދައްކަން ބޭނުންވާ ފަރާތްތަކަށް އޮންލައިން ކޮންސަލްޓޭޝަންގެ ޚިދުމަތް ފޯރުކޮށްދެވޭނެއެވެ. ހިތަދޫ ފިޔަވައި އެހެން އަވަށްތަކުން ފަރުވާ ބޭނުންވާ ފަރާތްތަކަށް އެމަޖެންސީ ފަރުވާގެ ޚިދުމަތް އެއަވަށެއްގައި ޤާއިމް ކުރެވިފައިވާ ސިއްޚީ މަރުކަޒުން ފޯރުކޮށްދެވޭނެއެވެ. އަދި އިތުރު ފަރުވާ ބޭނުންވާ ފަރާތްތައް އޭއީއެޗަށް ރިޕަރ ކުރެވޭނެ ކަމަށް ވެސް އޭއީއެޗުން ބުނެފައިވެއެވެ.

މި ފުރުސަތުގައި ރޯގާ ނުވަތަ އެނޫންވެސް ކޯވިޑް-19ގެ އަލާމާތްތައް ހުންނަ ފަރާތްތަކުން ސީދާ ހޮސްޕިޓަލަށް ދިޔުމުގެ ބަދަލުގައި ހިތަދޫ އަދި ހުޅުމީދޫ އަވަށުގައި ފަރާތްތަކުން މި ދެ އަވަށުގައި ޤާއިމްކޮށްފައިވާ ފްލޫ ކްލިނިކަށް ދުރުވުމަށް ހޮސްޕިޓަލުން އެދެއެވެ. އަދި ހިތަދޫއާއި ގުޅިފައިވާ އެހެން ރަށްތައް ކަމުގައިވާ ފޭދޫ، މަރަދޫ އަދި މަރަދޫފޭދޫގައި ދިރިއުޅޭ ފަރާތްތަކުން އެ ރަށެެއްގެ ހެލްތް ސެންޓަރުން ކަނޑައަޅުއްވާފައިވާ ނަމްބަރުތަކަށް ގުޅުއްވައިގެން ކުރިޔަށް ގެންދިޔުމަށް ވެސް އޭއީއެޗުން ބުނެފައިވެއެވެ. އެގޮތުން ފޭދޫ ސިއްހީ މަރުކަޒުގެ ނަމްބަރަކީ 6892021 އެވެ. އަދި މަރަދޫ ސިއްހީ މަރުކަޒުގެ ނަމްބަރަކީ 6890608އެވެ.