އެމެރިކާގެ މަނަވަރެއް، ދެކުނު ޗައިނާ ކަނޑުގެ ޕަރސަލް އައިލެންޑް ކައިރީގައި އެނބުރުމުން، އެމެރިކާއިން ގަނާ ކުރަނީ ކަމަށް ބުނެ، އެމެރިކާ ސިފައިން ކޮންޓްރޯލު ކުރުމަށް ބެއިޖިންގ އިން ގޮވާލައިފިއެވެ. ­­­

ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާރމީގެ ދެކުނު ތިއޭޓަރގެ ކޮމާންޑުން ސިފަ ކުރިގޮތުގައި، އެމެރިކާގެ އޫއެސްއެސް ޖޯން މެކެއިން މިސައިލް ޑެސްޓްރޯޔަރ، ޕަރސަލް އައިލެންޑް ކައިރިން ފެނުމަކީ އިންތިހާއަށް ނުރައްކާތެރި ކަމެކެވެ. އެމެރިކާ މަނަވަރު ފައްސާލުމަށް ޗައިނާއިން މަތިންދާ ބޯޓްތަކާއި، ކަނޑުގެ އުޅަނދުތައް ފޮނުވިކަމަށް ދެކުނު ކޮމާންޑުން ބުނެއެވެ.

ޗައިނާއިން ތުހުމަތު ކުރާ ގޮތުގައި މި މަނަވަރު ވަނީ ޗައިނާގެ ސަރަހައްދުގެ ތެރެއަށް ވަދެފައެވެ.

ޗައިނާއިން ގަބޫލުކުރާ ގޮތުގައި، މުޅި ދެކުނު ޗައިނާ ކަނޑު ނުވަތަ ދެކުނު ޗައިނާ ކަނޑުގެ ބޮޑު ބަޔަކީ، ޗައިނާގެ ތަނެކެވެ.

ޕާރސަލް އައިލެންޑަކީ މައްސަލަ ޖެހިފައިވާ ޖަޒީރާއެކެވެ.

ޗައިނާއިން ޕާރސަލް އައިލެންޑް ހިފާފައި ވަނީ 1974ގައެވެ. މި ޖަޒީރާއަކީ ވިއެޓްނާމާއި ޓައިވާނުންވެސް އެމީހުންގެ ތަނެއްކަމަށް ބުނާ ޖަޒީރާއެކެވެ.

ވިޔަފާރި ކޯޅުމާ ހެދި، ޗައިނާ އެމެރިކާގެ ގުޅުން ވަނީ 2018ން ފެށިގެން ގޯސްވެފައެވެ. މި ދެބަސްވުމުން އެހެން ދާއިރާތަކަށްވެސް ހިޔަނި އެޅިފައި ވެއެވެ.

ޕާރސަލް އައިލެންޑް ކައިރީގައި ޗައިނާއިން ވެސް އަވަސްއަވަހަށް އަސްކަރީ ތަމްރީންތައް ބާއްވައެވެ. މިކަން ވިއެޓްނާމުން ސިފަކުރަނީ، އެމީހުންގެ ސިޔާދަތަށް އަރައި ގަތުމުގެ އަމަލެއްގެ ގޮތުގައެވެ.

ދެކުނު ޗައިނާ ކަނޑު އެންމެނަށް ދަތުރުފަތުރު ކުރެވޭ ގޮތަށް ބޭއްވުމަށް ޓަކައި އެމެރިކާއިން ދޭތެރޭން މިހިސާބުގައި އަސްކަރީ ތަމްރީންތައް ބާއްވައެވެ.

އެމެރިކާއިން ވަނީ މަތިންދާބޯޓް އުފުލާ ދެ މަނަވަރުކަމަށްވާ ޔޫއެސްއެސް ރޮނަލްޑް ރޭގަންއާއި ޔޫއެސްއެސް ނިމިޓްޒް، ދެކުނު ޗައިނާ ކަނޑުގައި ބާއްވާފައެވެ. އެއް މަނަވަރު ފިލިޕީންސް ކައިރީގައެވެ. އަނެއް މަނަވަރު ޖަޕާން ކައިރީގައެވެ.