އިޒްރޭލާއެކު ގުޅުން ގާއިމް ކުރުމަކީ މަޝްވަރާ ކުރެވިދާނެ މައްސަލައެއް ކަމަށް ސޫދާންގެ ޚާރިޖީ ވަޒީރު ހާމަ ކުރައްވައިފިއެވެ. ފްރާންސް24 ޗެނަލްގައި ވާހަކަ ދައްކަވަމުން ޢުމަރު ޤަމަރުއްދީން ވިދާޅުވީ، އިޒްރޭލާއެކު ގުޅުން ގާއިމް ކުރުމުގެ ވާހަކަ ދެއްކިދާނެއެވެ. ނަމަވެސް އެއީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމުތަކުގެ ލިސްޓުން ސޫދާން އުނިކުރުމާ ގުޅުމެއް އޮތް މައްސަލައެއް ނޫނެވެ.

އިޒްރޭލާއެކު ސޫދާނުން ގުޅުން ގާއިމް ކޮށްފާނެ ކަމުގެ ވާހަކައަކީ ސޫދާންގައި މިހާރު ރިޕޯޓް ކުރެވޭ ވާހަކައެކެވެ. އަދި ސޫދާންގެ ވަފްދުން މިފަހުން އިމާރާތަށް ކުރި ދަތުރާ ގުޅިގެން މިކަމަށް އެބަސްވެފައިވާ ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.

1993 ގައި އަލްގައިދާ ލީޑަރު ބިން ލާދިންއަށް ސޫދާނުން ހިމާޔަތް ދިން ހިސާބުން ފެށިގެން ސޫދާނާ ދެކޮޅަށް އެމެރިކާއިން ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. ސޫދާނުން ވަނީ ޚަރުތޫމްއިން ޕޯރޓް ސޫދާންގެ ބަނދަރަށް އޮންނަ ހައިވޭ ހަދައި ދިނުމުގެ ބަދަލުގައި ބިންލާދިން ސޫދާންގައި ބަހައްޓައި ދިނުމަށް އެއްބަސްވެފައެވެ.

ފަހުން ބިން ލާދިން ވަނީ އެ މަސައްކަތް ނިންމައި ސޫދާން ދޫކޮށް އޭނާގެ އައުވާނުންނާއެކު އަފްޣާނިސްތާނަށް ބަދަލުވެފައެވެ.

ސޫދާނގެ ވެރިކަން ކުރާ ކައުންސިލްގެ ނާއިބް ރައީސް، މުހައްމަދު ހަމްދާން ދަގްލޫ ހަމީދަތީ ވިދާޅުވެފައި ވަނީ ސޫދާނުގެ ނަން ޓެރަރިޒަމަށް ވާގިވެރިވާ ލިސްޓުން އުނިކޮށް، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި އެމެރިކާއިން އެހީދޭން އެއްބަސްވެ، އެއް ބިލިއަން ޑޮލަރު ދިނުމުން ސޫދާނުން އިޒްރޭލާއެކު ގުޅުން ގާއިމް ކޮށްފާނެއެވެ.

އުމަރު ގަމަރުއްދީން ވިދާޅުވީ ބަޔަކާއެކު ސޫދާނުން ގުޅުން ގާއިމް ކުރާނީ ސޫދާނުގެ ގައުމީ މަސްލަހަތާ ގުޅޭ ގޮތަށެވެ.

އެންމެ ފަހުން އިޒްރޭލާ އެކު ގުޅުން ގާއިމްކޮށްފައި ވަނީ ބަހުރައިން އަދި އޭގެ ކުރިން އިމާރާތުންނެވެ. މި ދެ ގައުމުގެ ކުރިން އުރުދުން އިން 1994ގައި އަދި މިސްރުން 1979 ގައި ވަނީ އިޒްރޭލާއެކު ގުޅުން ގާއިމް ކޮށްފައެވެ.

އަލަށް ގުޅުން ގާއިމް ކުރާ ލިސްޓްގައި ސޫދާންގެ އިތުރުން މޮރޮކޯ އަދި ސައޫދީ ހިމެނޭކަމަށް ވާހަކަ ދެކެވެއެވެ.