2012 ވަނަ އަހަރުގެ ކުރީ ކޮޅު ސުކޫލުގެ ބޮޑު ބަންދުގެ ތެރޭގައި ނުވެސް ދަންނަ ތިން މީހަކު ހުކުރު ދުވަސްތަކުގައި މާލޭގެ ހެދިގޮނޑުދޮށު ސަރަޙައްދަށް ހެނދުނުހެނދުނާ ދަނީ މަޤުޞަދެއްނެތިއެއްނޫނެވެ. އެ މީހުންގެ ތުއްތު ފިރިހެން ދަރިންނާއެކު ފުޓްބޯޅަ ކުޅެލުމުގެ ބޭނުމުގައެވެ. މިހެންގޮސް އުޅުމުގެ ތެރޭގައި އުފެދުނު ރަޙުމަތްތެރިކަން ވެގެން ދިޔައީ ކޮންމެ ހުކުރު ދުވަހަކީ މިފަދަ އެއްވާ ދުވަހެއްގެ ގޮތުގައެވެ.
މި އެއްވުން ބޮޑުވެގެން ދިޔައީ އެމީހުންގެ އިތުރުން އިތުރު ރައްޓެހިންވެސް އެމީހުންގެ ދަރީންނާއެކު މި މައިދާނަށް އަންނަން ފެށުމުންނެވެ. ޑައިނަމޯ ކުރިމަތީގައި ދެކޮޅަށް ދެގޯލް ބަހައްޓައިގެން ތުއްތު ކުދިންތަކަކާއެކު ފެށި ފުޓްބޯޅައިގެ މި ޙަރަކާތަކީ ތަރުޙީބު ބޮޑު ޙަރަކާތަކަށްވެގެން ދިޔައީ މި ޗޭނުގެ ބޮޅުފަތި ދިގުވާން ފެށުމުންނެވެ. ކުރިން ނުވެސް ދަންނަ އެތައް ބައެއްގެ ދަރީން މިތަނަށް އައިސް އެމީހުންނާ ގުޅެން ފެށުމުންނެވެ. މިގޮތަށް މި ސިލްސިލާ ކުރިއަށް ގެންދަމުން ޖެހިގެން އައި އަހަރުގެ މެދުތެރެއަށް ދިޔައިރު މި މީހުންނަށް ނިންމުނީ މި ކުދިން ބައިވެރިކޮށްގެން މި ސަރަޙައްދުގައި ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށެވެ. އެގޮތުން އޭރު ބްރޭކް ވޯޓަރ ރެސްޓޯރަންޓްގެ މަގަތަށް އޮތް ހުސް ތަންކޮޅުގައި 14 ޖޫން 2013 ވީ ހުކުރު ދުވަހު މުބާރާތެއް ބޭއްވުނެވެ. މި މުބާރާތް ބޭއްވުނީ ހުކުރު ދުވަހު ކުޅެން އަންނަ ކުދިން 4 ޓީމަކަށް ބަހާލައިގެންނެވެ. މުބާރާތް އިންތިޒާމު ކުރުމުގެ ހުރިހާ ކަމެއް ކުރީ ކުރިން ދެންނެވި ތިން އެކުވެރިންނާއި ހ.އަސްރަފީވިލާ ޙުސައިން ޙަލީމާއި އޭނާގެ ޢާއިލީ މެންބަރުންނެވެ.
"މި ޢާއިލާއަކީ މި ޙަރަކާތް ދެމެހެއްޓުމުގައި އެންމެ އިސް ދައުރެއް އަދާކޮށްދެމުންދިޔަ ފަރާތް. ކުޅޭ ސަރަޙައްދާ ކައިރި ހިސާބެއްގައި ހުންނަ ގެއަކަށްވުމާއި މިގޭ ދެ ކުއްޖަކު މި ޙަރަކާތާ ގުޅިފައިވާތީ، ކުޅެން ގެންގުޅޭ ބޯޅައާއި ގޯލާއި މިނޫން މިފަދަ ތަކެތި ބަހައްޓައިދޭ ގެއަކަށް ވެފައިވަނީވެސް މި ގޭ. އެހެންގޮތަކަށް ބުނާނަމަ "އަސްރަފީވިލާ" ވެގެންގޮސްފައިވަނީ އޭރުވެސް މި ޙަރަކާތުގެ "ބޯޅަގެ" ގޮތުގަ." ޙަރަކާތް ފެށުނުގޮތް ކިޔައިދެމުން ޢަލީ ބުންޏެވެ.
ހުކުރަކަށްފަހު ހުކުރެއް، ބަންދަކަށްފަހު ބަންދެއްގައި ޕްރެކްޓިސްތައް ބޭއްވެމުންގޮސް މި ޙަރަކާތަށް ނިޞްބަތްވާ ޚާއްޞަ ނަމެއް ވުޖޫދުވެގެން އައެވެ. ފުރަތަމަ ކިޔުނީ "ފްރައިޑޭ ފުޓްބޯލް ފެމިލީ" އެވެ. އެއީ އޭރު ހަމަ އެކަނި ހުކުރު ދުވަހަށް ނިޞްބަތްވާ ޙަރަކާތަކަށް ވުމުންނެވެ. އެހެންނަމަވެސް ފަހުން ހޮނިހިރާއި ސަރުކާރުގެ ބަންދުތަކުގައި ކުޅޭގޮތަށް ބަދަލުވެގެން ދިއުމުން "ފްރެންޑްސް ފުޓްބޯލް ފެމިލީ" (FFF) އަށް ބަދަލުވެގެން ދިޔައީއެވެ.
2015 ވަނަ އަހަރު ފްރެންޑްސް ފުޓްބޯލް ފެމިލީގެ "ހޮލިޑޭކަޕް 3" ބޭއްވުމަށް ތައްޔާރުވަމުން ދަނިކޮށް ޙަރަކާތުގެ މުގުލުގައި ހުރި އިސް އެއް ފަރާތް ކަމުގައިވާ ޞަމަދު ކޯޗު ޙަރަކާތުން ވަކިވެ އަމިއްލަ ރަށަށް ހިޖުރަކުރުން ވެގެން ދިޔައީ ކުދިންނަށާއި އެކުދީންގެ ބެލެނިވެރިންނަށް ލިބުނު ހިތި ޚަބަރަކަށެވެ.
"ޞަމަދު ކޯޗު ރަށަށް ހިޖުރަކުރި ޚަބަރު ލިބުމުން ވަރަށް މާޔޫސްވި. އެކުވެރި ރަޙުމަތްތެރިއަކު ދުރަށް ދިއުމަށްވުރެ ޙަރަކާތާމެދު ވާނެގޮތަކާމެދު ވިސްނާލަން ޖެހުނު. އެހެންނަމަވެސް ޙުސައިން ޙަލީމު (ޙަލީމު ސަރ) ހިތްވަރު ދެއްވީ އަޅުގަނޑަށް އެކަން ކުރެވޭނެކަމަށް. އިތުރު ހިތްވަރަކާއެކު ފެށީ ކުދީންނަށް ވަރަށް ބޮޑު އަސަރެއް ކުރާނެކަން އެނގޭތީ. ކުދީންނާއި އަހަރެމެންނާ ގުޅުން ބަދަހިވެފައި ހުރިވަރު އެންމެ ބޮޑަށް އިޙުސާސް ކުރެވޭނެ އެކަކީ އަހަރެން" ޙަރަކާތުގެ އިސް އެއް ފަރާތް ޢަލީ ކިޔައިދިނެއެވެ.
އެފް.އެފް.އެފްގެ ނަން ދުވަހެއް ދުވަހަކަށް ކުދިންނާއި ބެލެނިވެރިންގެ މެދުގައި މަގުބޫލުވެ، މި ޙަރަކާތާ ގުޅެމުންދާ ކުދިންގެ ނިޞްބަތް ދިޔައީ ގިނަވަމުންކަމާއި އޭގެ ނަތީޖާއެއްގެގޮތުން މި ކުދިންގެ މެދުގައި އިޖުތިމާޢީ ގުޅުންތައްވެސް ދިޔައީ ވަރުގަދަވެ ހަރުދަނާވަމުންކަން ޢަލީ ފާހަގަ ކުރިއެވެ. އެގޮތުން ބީޗް ޕިކްނިކްތަކާއި މޫދު ކުޅިވަރުތަކާއި ބާބެކިއު ދަތުރުތަކާއި ރޯދަވީއްލުންފަދަ އިވެންޓްތަކުން އިޖުތިމާޢީ ގުޅުންތައް ދިޔައީ އިތުރަށް ބަދަހިވަމުންނެވެ.
"މި ޙަރަކާތް، ހަރުދަނާ ޙަރަކާތެއްގެ ގޮތުގައި މިހާ ގިނަ ދުވަހު ދެމި އޮތުމުގެ އެންމެ ބޮޑު އެއް ސިއްރަކީވެސް ބެލެނިވެރިން ކުރައްވާ އިތުބާރާއި ޔަޤީންކަން. އެއްވެސް ބެލެނިވެރިޔަކު އެއްވެސް އިރަކު އެ މީހުންގެ ދަރީން މި ޙަރަކާތަށް ފޮނުވާކަށް ޖެހިލުމެއްނުވޭ." ބެލެނިވެރިން ކުރައްވާ އިތުބާރާމެދު ޢަލީ ބުންޏެވެ.
ޙަރަކާތް މި ހިސާބަށް ފުޅާވެގެން ދިޔައިރު ޙަރަކާތުގެ ތެރެއިން ފެނިގެން ދިޔައީ ކުރި އެރުމާއި އުއްމީދީ ކުލަތަކެވެ. ހަރުދަނާ ޙަރަކާތެއްގެ ގޮތުގައި ބަލައިގަތުމުގެ ސިފަތަކެވެ. މިފަދަ ގޮތަކަށް ބެލެނިވެރިންގެ ވިސްނުން ޙަރަކާތާމެދު ހުއްޓިފައި އޮތް އޮތުމަކީ ޙަރަކާތް ވެސް ހުއްޓުމެއްނެތި ހަރު ދުވެލީގައި މިހިސާބަށް މިއަދު އައިސްފައިވާ އޮތް އޮތުމެވެ. އެކި ދުވަސްވަރު އެކި ފުރޮޅުންތަކާއެކު އެކި މީހުން ބަދަލުވެގެން ދިޔައިރުވެސް ބަދަލުނުވާ ޙަރަކާތްތެރި މެނޭޖުމެންޓެއް މިއަދު އޮތުމެވެ. ޙުސައިން ޙަލީމާއި ޢަލީ އިބުރާހީމާއި އަޙުމަދު ޝަރީފު އަދި ޢަލީ ފަޔާޒާއި މޫސާ ނަސީމާއި މުޙައްމަދު ޝިއާންފަދަ ހިންގުންތެރި ތަޖުރިބާކާރުން އިސް ސަފުގައި މިއަދު ޝާބިތުކަންމަތީ ދެމިތިބުމެވެ. ޑރ. ޢަލީ ޝަމީމާއި އިސްމާޢީލު އިބުރާހީމްފަދަ ޢިލްމީ ބޭފުޅުން މުއައްސިސުންގެ ގޮތުގައި މިއަދު އިސްކޮށް ތިއްބެވުމެވެ.
އަހަރުތައް މިގޮތުގައި ހޭދަވަމުންދާއިރު ޙަރަކާތް ޑިވޮލޮޕް ކުރުމުގެ ވިސްނުން އިސް ސަފުގައި ޙަރަކާތްތެރިވަމުންދާ މެނޭޖްމެންޓް ޓީމުން އަބަދުވެސް ކުރެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދުރާލާ މިކަމަށް ވިސްނުންތަކެއް ބައްޓަން ކުރަމުން ގެންދިޔައެވެ. ކަމާބެހޭ މީހުންގެ މަޝްވަރާ ހޯދަމުން ގެންދިޔައެވެ. ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ އަޙުމަދު ޝަރީފު އެފް.އޭ.އެމްގެ ސީ ލައިސެންސް ކޯހުގައި ބައިވެރިވެ ދުރާލާ ފުރިހަމަކުރީ މަތިވެރި އުއްމީދެއް އޮވެގެންނެވެ. ދެންތިބި ކޯޗުންގެ ވިސްނުންވެސް ހުރީ ހަމަ މިފަދައިންނެވެ. އެގޮތުން އެކެޑެމީ އިތުރަށް ޑިވޮލޮޕް ކުރުމަށްޓަކައި ކޯޗިންގ ސްޓާފު ޓީމާއި މުބާރާތްތަކުގައި ވަކިވަކި ޓީމުތައް ބަލަހައްޓާ ކޯޗުންވެސް އެންމެ ދަށްވެގެން ގުރާސްރޫޓް ޓްރޭނިންގ ހެދުމަށްދަނީ މިހާރު ދަނީ ތައްޔާރުވަމުންނެވެ.
ސިލްސިލާކޮށް އަހަރަކު އެތައް މުބާރާތެއްބާއްވަމުން 2019 ވަނަ އަހަރު ނިންމާލުމަށްފަހު މެނޭޖްމެންޓް ޓީމަށް އެއްބަސްވެވުނީ ޙަރަކާތް މިހާރު މިއޮތް ހަރުފަތަށް ވުރެ އެހެން ހަރުފަތަކަށް ގެންދިއުމަށެވެ. އެގޮތުން 2020 ވަނަ އަހަރު ފުޓްބޯލް އެކެޑެމީއެއްގެ ގޮތުގައި ނިކުތުމުގެ މަސައްކަތް ފެއްޓުނެވެ. މިއާއެކު އެކެޑަމީ ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ހަލުއިކަމާއެކު ވަރަށް އެކުވެރި މާޙައުލެއްގައި ކުރިއަށް ގެންދެވުނެވެ. އެހެންނަމަވެސް 2020 ވަނަ އަހަރު ޙަރަކާތް ފަށާ މާގިނަ ދުވަސްތަކެއްނުވެ ކުރިމަތިލާން ޖެހުނީ ކޮވިޑް-19 ގެ ބަލިމަޑުކަމާއެވެ. މާލެ ފުރަ ބަންދަކަށް ދިއުމުން އެފް.އެފް.އެފްގެ ޙަރަކާތްތައް ވެސް މަޑުޖެހުމެއް އައެވެ. ރަޖިސްޓްރީވުމުގެ މަރުޙަލާ ބޭނުންވި ގޮތަކަށް ހިނގައެއް ނުގަނެވުނެވެ. އެ މަސައްކަތްތައް އަލުން ކުޅިވަރާ ބެހޭ މިނިސްޓްރީ ތެރެއަށް ވެއްދުނީ ޑިސެންބަރ 2020 ގެ ތެރޭގައެވެ.
މިއަދު ފެނިގެން މިދަނީ އެފް.އެފް.އެފްގެ މެނޭޖްމެންޓް ޓީމުން އިއްޔެ ދުށް ޙަޤީޤީ ހުވަފެނެވެ. ދަރުމަވެރި ޙަރަކާތަކުން ކުރި މަސައްކަތް އެކެޑެމީއަކަށް ބަދަލުވެފައިވާ ތަނެވެ. 2021 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 22 ވަނަ ދުވަހަކީ އެ އުއްމީދުގައި ޙަޤީޤީ ކުލަ ޖެހުނު ދުވަހެވެ. މިކަމާ އެންމެ އުފާވެފައިތިބި ބަޔަކީ އެކެޑަމީގެ އިސް ސަފުގައި ތިބި ފަރާތްތަކާއި އެފް.އެފް.އެފް.އޭ ގެ ބެލެނިވެރިންނެވެ. މާލޭ ސިޓީގެ ހުރިހައި ސުކޫލަކުން މި ޙަރަކާތުގައި ބައިވެރިވެފައިވާ 300 އެތައް ކުދީންނެވެ. މިއީ އެތައް ދުވަހެއްގެ އެ ބައެއްގެ ފޮނި އުއްމީދެކެވެ. ދެން އޮތީ އެކެޑަމީއެއްގެ ގޮތުގައި ނިކުމެ ފައިތިލަ ޝާބިތު ކުރުމެވެ. އެކެޑަމީގެ ނަމަކީ ދިރުންހުރި ނަމަކަށް ހެދުމެވެ. މީހުންގެ މެދުގައި އިހެކޭ އެއްގޮތަށް މިހާރުވެސް މަގުބޫލު ބަލައިގަންނަ އެކެޑެމީއެއްގެ ގޮތުގައި ދެމި ތިބުމެވެ. އެހެންކަމުގައިވާނަމަ ކުރިމަގުގައި FFFA އަށް އެކަން ނުވާންވީ އެއްވެސް ސަބަބެއްނެތެވެ. ނޫހުގެ ފަރާތުން ވެސް އެދެނީ އެފް.އެފް.އެފް.އޭ އަށް ފާގަތި ކުރިމަގެކެވެ.