އިޒުރޭލުގެ ހައްދުފަހަނަޅާފައިވާ ޔަހޫދީ ސިފައިން ޣައްޒާ އަށް ދެމުން ގެންދާ ހަމަލާ ތަކަށް ނުރުހުން ފާޅުކޮށް ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހިން ތިބިކަން އަންގައިދިނުމަށް ފޭސްބުކްގައި ގިނަ އަދަދެއްގެ މީހުން ފަލަސްތީނުގެ ދިދަ ހިއްސާކޮށް ހެޔޮދުޢާ ކުރަމުން އެބަގެންދެއެވެ.

ކޮންމެ މީހަކުވެސް އެމީހެއްގެ ހިތުގެ ޝުޢޫރުތައް އެކި ސިފަ ސިފައިގައި ފާޅުކުރަމުން ގެންދަނީ ފަލަސްތީނުގެ ނިކަމެތި ރައްޔަތުންނަށް ލިބެމުންދާ އަނިޔާތަކަށް އިންސާފެއް ނުލިބޭތީއެވެ. ފޭސްބުކް އެކަންޏެއްނޫނެވެ. އިއްޔެ މާލޭގެ މަގުތައްވެސް ޖަރީވެފައި އޮތީ ފަލަސްތީނުގެ ދިދައިންނެވެ. ގޭގޭގެ ބެލްކަނީގައި ވިހުރެމުން ދަނީ ފަލަސްތީނުގެ ދިދަތަކެވެ.

އަޅުގަނޑުމެންފަދަ މުސްލުމު އަޚުންނާއި އުޚުތުން އަމިއްލަ ވަޒަނުގައި ދުޝްމަނުންގެ ހަމަލާތަކުން ކުށެއް ނެތި ޝަހީދު ވެގެން ދާތީއެވެ. ބައެއް ފަރާތް ތަކުން މި އުންމަތް މިއޮތީ ނިދާފަތޯ ސުވާލު ކުރެއެވެ.

ހައްޤުން ކަމަކާ ނުލާ ޅަދަރީންނާއި މައިން ޝަހީދު ކުރަމުން ދާއިރު ދުނިޔޭގެ ގައުމުތަކުން މިކަން ހުއްޓުވާތަނެއް ނުފެނެއެވެ. ޒުވާން އަންހެންކުދިންގެ އިތްފަތް ފޭރިގަނެ އަމިއްލަ ވަޒަނުން ބޭރުކޮށް ޒުވާން ފިރިހެނުން ބޮލަށް ފައިން އަރާ ހަނާ ކުރަމުންދާ މަންޒަރުތަކުން މެދު އިރުމަތީގައި ދިރިއުޅޭ ޢަރަބީންނަށް ވެސް އަސަރު ނުކުރަނީ ބާވައޭ ހިތަށް އަރައެވެ.

އާރެއް ބާރެއް ނެތް އެ ނިކަމެތި ރައްޔަތުންގެ ހަށިތައް އަންދާ ކައްޓާ މަހާ ވަކިކުރަމުން ދާއިރު އެގައުމުގެ ރައްޔަތުން ސަލާމަތް ކޮށްދިނުމަށް މުޅި ދުނިޔެ ނުކުޅެދިފައިވަނީ ފަހެ ކީއްވެ ހެއްޔެވެ؟

ކާނެ ބޯނެ އެއްޗެއް ނެތި ހައިހޫނުކަމުގައި މަރުވަމުންދާ އެ އަޚުނާއި އުޚުތުންނަށް ފޯރުކޮށްދެވޭނެ ހަމަ އެއްވެސް އެހީއެއް ނެތި ގޮތްހުސްވެފައި މިހެން ތިބެން ހިތަށް ކެއްނުވެއެވެ. ލާނެ ފޭރާމެއް ނެތި ރޮއި އާދޭސް ކުރަމުންދާއިރު އަޅުގަނޑުމެންގެ ފޭރާމުން އެ އުޚުތުންގެ ނިވައިފަށަކަށް ހަދަން ބޭނުންވިޔަސް މިއަދު އެކަން ވާކަން ނެތެވެ. އެކަމަށްވެސް ހުރަސްއަޅަނީ ހައްދުފަހަނަ އަޅާފައިވާ ޔަހޫދީންގެ ހަމަލާތަކެވެ.

މި ދެވެހި މުސްލިމު އަޚުންނާއި އުޚުތުން މި ތިބީ ފަލަސްތީނުގެ ނިކަމެތި ރައްޔަތުންނާއި އެކުގައެވެ. އެކަން ޝުޢޫރުތަކުން ފާޅު ކުރަމުން ގެންދެއެވެ. އެހީތެރިވެވެން އޮތްގޮތަކުން އެހީވެސް ވަމުން ގެންދެއެވެ. ނަމަވެސް ދުނިޔޭގެ ލޮލުން މި މަންޒަރުތައް ކުށްވެރިކޮށް އިޒުރޭލުގެ ޔަހޫދީންގެ އަނިޔާވެރިކަން ނުހުއްޓުވާހާ ހިނދަކު ފަލަސްތީނުގެ ރައްޔަތުންނަކަށް ރައްކާތެރިކަމެއް ނެތެވެ.