ނާލާ ފުށީ މީހުންގެ އުނދުނު ފޮޅިއަކީ ވަރަށް މީރު ބޯކިބާ އެކެވެ. މިއަށް އުނދުނު ފޮޅި ކިޔަނީ އުނދުނުގެ އަޅިގަނޑުގައި ފިހާތީ ކަމަށް ވެއެވެ. ނަމަވެސް މިހާރު މަސްކެއްކުމަށްވެސް ޒަމާނާއެކު ބަދަލުވުމުން އުނދުނުގައި ދަރާއި ލަކުޑި އަންދައިގެން ކައްކާ ނޫޅޭތީ މި އުނދުނު ފޮޅި ފިހުން މަދުވެއްޖެއެވެ. ނަމަވެސް މިފަދަ އަމިއްލަވަންތަ ކާނާ އަކީ ދޫކޮށްލައިގެން ވާނެ ބާވަތް ތަކެއް ނޫނެވެ.
އުނދުނު ފޮޅި ފިހާގޮތް އަޅުގަނޑު މި ލިޔެލަނީ ނާލާފުށީ ރައްޔިތަކު ކިޔައި ދެއްވި ގޮތަށެވެ.
ބޭނުންވާ ތަކެތި
2 ލާހި ހަނޑޫ (ރޭގަނޑު ފެނުއަޅައި ފޯކޮށްފައި)
2 ގަނޑު ވަޅޯމަސް
12 ހިކިމިރުސް
1 ފިޔާ
2 ހިކަނދިފަތް
1 ލޮނުމެދު
ރަހަލާވަރަށް ލޮނު
ކުޑަ ރީނދޫކޮޅެއް
1 ކާށީގެ ހުނި
½ ސައިސަމުސާ އަސޭމިރުސް
ތައްޔާރުކުރާނެ ގޮތް
ފެނު އެޅި ހަނޑޫ މަޑުވުމުން ރަނގަޅަށް ދޮވެލުމަށްފަހު މުގުރާލާށެވެ. އެއަށްފަހު މިރުސް ކޮޅު ފުނޑާލާށެވެ. މިރުސް ފުނޑާނީ އަސޭމިރުހާއި ފިޔާ. ލޮނުމެދު، ހިކަނދިފަތް އަދި ލޮނުމެދާއި ލޮނުވެސް ލައިގެނެވެ. ދެން މަސް ކޮށުމަށްފަހު ހުނި ގާނައި މަހާއި ފުނޑި މިރުސްގަނޑު އެއްކޮށް މޮޑެލާށެވެ. އެއަށްފަހު މުގުރި ހަނޑޫވެސް އެއްކޮށްލާށެވެ. ދެން ބޯކިބާ އަށް ހެޔޮވަރު ވާވަރަށް ފެންވެސް އަޅާ ލޮނު ހެޔޮވަރުކޮށްލާށެވެ. އެއަށް ފަހު މޮޑުނު ފުށްގަނޑު ކެޔޮފަތް ގަނޑަކަށްއަޅާ އުނދުނުގެ ހޫނު އަޅިގަނޑު މަތީ ބާއްވާށެވެ. (ނާލާފުށީ މީހުން ކިޔާ ގޮތުންނަމަ އަޅިގަނޑަށް އެއްލާށެވެ.) މިގޮތަށް އަޅިގަނޑަށް ލާއިރު ކެޔޮފަތުން ރީތިކޮށް އަޅި ނުވަންނަވަރަށް ފުށްގަނޑު ނިވާކުރަންވާނެއެވެ. ކެޔޮފަތްގަނޑު ރަނގަޅަށް ފަތް ޖަހާލުމުން ނިވާވާނެއެވެ. ދެން ފަތް ގަނޑު މައްޗަށް އަޅި އަޅައި އެ އަޅީގެ މައްޗަށް އަނގުރު އަޅައިގެން ފިހެލާށެވެ. ފިހެ ނިމުމުން ފަތް ގަނޑު ނަގާށެވެ.
ބައްލަވާ ފޮޓޯގަ ތިޔަ ފެންނަނީ ވަރަށް އާދައިގެ ފޮޅިއެއް. ތި ވައްތަރީ ބޯކިބަލަކާ
ތިޔަ ވާނީ މިހާރު ފޮޅި ނުފިހާތީ ފޮޓޯއެއް ނުލިބުނީކަމަށް.