ރާއްޖޭގައި ކޮވިޑްގެ ހާލަތު ކޮންޓްރޯލް ގެއްލިގެން ބޭރުގެ ހާއްސަ އެހީއަކަށް އެދިފައި ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް ވިދާޅުވެއްޖެއެވެ.

މަބްރޫކް މިހެން ވިދާޅުވެފައި ވަނީ ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން އެންމެ ފަހުން ބައިނަލްއަގްވާމީ އެހީތެރިކަމަށް އެދިފައިވާ ކަމަށް ނޫހަކުން ޝާއިރު ކޮށްފައިވާ ހަބަރަކާ ގުޅޭގޮތުންނެވެ.

އެގޮތުން މަބުރޫކް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އަބަދުވެސް ދަނީ ބޭރު ގައުމުތަކާއި ބައިނަލްއަގްވާމީ މުޖުތަމައުގެ އެހީތެރިކަން ހޯދަމުން ކަމަށެވެ. ނަމަވެސް "ކޮންޓްރޯލް ގެއްލި" ހާއްސަ އެހީއަކަށް އެދިފައި ނުވާނެ ކަމަށް ވިދާޅުވިއެވެ.

އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ބޭރު ގައުމުތަކުގެ އެހީ ހޯދޭނެ ގޮތްތަކާއި ގުޅޭގޮތުން ސަރުކާރުން އެ ގައުމުތަކާއި އެކު މަޝްވަރާ ފަށާފައިވާ ކަމަށެވެ. ބޭރުގެ އެހީ ލިބެން ހުރި ގޮތަކަށް ބޭނުން ކަމަށާއި އެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ ކޮވިޑުގެ އޮޕަރޭޝަނަށް ރާއްޖެ އަށް މީގެ ކުރިން އެކި ގައުމުތަކުން ލިބުނު އެހީތައް މިހާރު ވެސް ބޭނުންކުރަމުން ދެ އެވެ. އަދި މިހާރުވެސް ބައިނަލް އަގުވާމީ އެހީތެރިކަން ރާއްޖެއަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށެވެ.