ގޭގައި ތިބެގެން އަމިއްލައަށް ކޮވިޑް19 އަށް ޓެސްޓް ކުރެވޭ ޓެސްޓް ކިޓެއް ބޭނުން ކުރުމުގެ ހުއްދަ އިންޑިއާގެ ކައުންސިލް އޮފް މެޑިކަލް ރިސަރޗް (އައިސީއެމްއާރް) އިން މިއަދު ދީފިއެވެ. އައިސީއެމްއާރް އިން ބުނިގޮތުގައި މި ކިޓް ބޭނުން ކުރަން ޖެހޭނީ، ކޮވިޑް19ގެ އަލާމާތްތައް ލެބޯޓްރީ ޓެސްޓަކުން ޔަގީން ކުރެވިފައިވާ މީހުންނާ ކޮންޓެކްޓް ވާ މީހުންނަށެވެ.

މިކިޓް އުފައްދާފައި ވަނީ ޕޫނޭގެ މައިލެބް ޑިސްކަވަރީ ސޮލޫޝަން އިންނެވެ.

ރެޕިޑް އެންޓިޖެން ޓެސްޓްގައި ބޭނުން ކުރާ މި ކިޓް ގައި ބޭނުން ކުރަނީ ނޭފަތުން ކަފަބުރަކުން ނަގާ ސާމްޕަލްއެވެ.

މިކިޓް ބޭނުން ކުރާ ގޮތް އަންގައި ދިނުމަށް ތައްޔާރުކޯށްފައިވާ އެޕް ގޫގްލްއާއި އެޕަލް ސްޓޯރއިން ލިބެން ހުންނާނެއެވެ. އަދި ޓެސްޓްގެ ނަތީޖާ ލިބުމަށްފަހު، އޭގެ ފޮޓޯއެއް އެޕް ބޭނުން ކޮށްގެން އައިސީއެމްއާރް ކޮވިޑް ޓެސްޓިންގ ޕޯޓަލްއަށް ފޮނުވުމަށް ވެސް އެދިފައި ވެއެވެ. މިއީ ޕޮސިޓިވް ކޭސްތައް ބަލަހައްޓާ މަރުކަޒީ ވެބްސައިޓެވެ.

މައިލެބްގެ މި ކިޓަކީ އިންޑިއާގައި ގޭގައި ތިބެގެން އެންޓިޖެން ޓެސްޓް ހެދުމަށް ހުއްދަ ދިން ފުރަތަމަ ކިޓެވެ.

މައިލެބުން ވަނީ މީގެ ކުރިންވެސް ޕީސީއާރް ޓެސްޓް ހެދުމަށް ބޭނުންވާ އާލާތެއްވެސް ބާޒާރަށް ނެރެފައެވެ. އެއީ ކޮމްޕެކްޓް އެކްސްއެލް ސިސްޓަމްއެވެ.