ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަޙްމަދު ޢިސާ، އޭނާގެ ކުޑަ ދަރިފުޅަށާއި އަންހެނަކަށް އަނިޔާ ކުރުމުން ފުލުހަށް ހުށަހެޅިފައިވާ މައްސަލައަށް 24 ގަޑި އިރު ވެގެން ދިޔަ އިރުވެސް އެއްވެސް ފިޔަވަޅެއް އެޅިފައި ނުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ޕޮރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިން ބުނެފިއެވެ.

އެ ކޯލިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުގެ އެ ޢަމަލާއި، އެ ޢަމަލު ރިޕޯޓު ކުރުމުންވެސް ފިޔަވަޅު އެޅުން ލަސްވަމުން ދާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

"ރާއްޖޭގައި ގެވެށި އަނިޔާއާއި، ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވަމުން ދަނީ ތަންފީޒީ އިދާރާތަކުގެ އިހުމާލު އިންތިހާއަށް ބޮޑުވެ، އެ އިދާރާތަކުގެ ޒިންމާ ފުރިހަމައަށް އަދާ ނުކުރެވި ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން ލަސްވަމުން ދާތީ ކަމުގައި މިކޯލިޝަނުން ދެކެމެވެ." އެބަޔާނުގައި ވެއެވެ.

މިފަދަ އަމަލު ހުއްޓުވުމުގެ ޒިންމާއާ ހަވާލުވެ ތިއްބަވާ ބޭފުޅުންގެ ތެރޭގައި އެފަދަ އަނިޔާތައް ހިންގާފައިވާ ފަރާތްތަކާ ޢާއިލީ ގޮތުން ގުޅުން އޮންނަ ބޭފުޅުން ހިމެނޭ ކަމާށް ވެސް ބުނެފައިވެއެވެ. އެހެން ކަމުން މައްސަލައިގެ ވަކި ހިސާބަކުން އަނިޔާގެ ޝިކާރައަކަށް ވެފައިވާ ފަރާތަށް އޭނާގެ ބަޔާން ބަދަލު ކުރުމަށް މަޖުބޫރު ކުރުވާ ތަންވެސް ދަނީ ފެންނަމުން ކަމަށް ބުނެފައިވެއެވެ. ނުވަތަ ސިޔާސީ ނުފޫޒުން އެ މައްސަލައެއް އޮބިގެން ދާކަމަށް ވެސް ބުނެފައިވެއެވެ. ގެވެށި އަނިޔާއާއި ޖިންސީ އަނިޔާގެ މައްސަލަތަކަކީ އެކަންކަން ރިޕޯޓު ކުރެވުމާއެކު ލަސް ކުރުމެއް ނެތި ފިޔަވަޅު އަޅައި ބަލަން ޖެހޭނެ މައްސަލަތައް ކަމުގައި ވެސް އެބަޔާނުގައިވެއެވެ. "މީގެ އިތުރުންވެސް އެފަދަ މައްސަލަތަކާއި ދެކޮޅަށް އަޑު އުފުލާ ހިންގާ ޙަރަކާތްތަކަށް ސަރުކާރުން ހުރަސް އަޅާ، އެފަދަ ކަންކަމުގައި އިސްކޮށް ޙަރަކާތްތެރިވާ ފަރާތަކުގެ އަނގަ ބަންދު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދިއުމަކީވެސް ހިތާމަ ކުރާ ކަމެކެވެ."

ގެވެށި އަނިޔާ އާއި ޖިންސީ އަނިޔާގެ މައްސަލަތައް ހިންގަނީ ދައުލަތުގެ ކޮންމެ ފަދަ މަޤާމެއްގައި ހުރި މީހެއް ކަމުގައިވީނަމަވެސް، އެ ފިޔަވަޅު އެޅުމަށް ހެދިފައިވާ ޤާނޫނުތައް ފުރިހަމަ ތަންފީޒުކޮށް ގެވެށި އަނިޔާ ނުވަތަ ޖިންސީ އަނިޔާގެ މައްސަލައެއް ރިޕޯޓު ކުރެވޭ ހިސާބުން ފެށިގެން ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކޯލިޝަނުން ވަނީ ސަރުކާރަށް ގޮވާލައިފައެވެ. އަދި އެމައްސަލައެއް ބަލާ އެކަމުގައި ޝާމިލުވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަން ޖެހޭ ކަންކަން ލަސް ނުކުރުމަށް ވެސް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލައިފައިވެއެވެ. "ހަމެއެއާއެކު އެފަދަ އަނިޔާގެ ޝިކާރައަކަށް ވާ ފަރާތަށް ދޭން ޖެހޭ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްވެސް ގޮވާލަމެވެ."