ގެވެށި އަނިޔާގެ ތުހުމަތާއެކު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީގެ މުޤައްރުރުކަމުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސާ އިސްތިއުފާދެއްވައިފިއެވެ.

މެންބަރު އީސަ ކޮމިޓީން އިސްތިއުފާ ދެއްވާފައިމިވަނީ، އޭނަގެ މައްޗަށް ކުރެވޭ ގެވެށި އަނިޔާގެ ތުހުމަތާ ގުޅިގެން އޭނާގެ އިސްތިއުފާއަށް ގޮވާ އަޑު ގަދަވެފައިވަނިކޮށެވެ. އަދި ކޮމިޓީން ދުރުކުރުމަށްވެސް ގޮވާލަމުން އަންނަނިކޮށެވެ.

އީސަ ކޮމިޓީގެ މުގައްރިރުކަމުން ދުރުކުރުމަށް މިއަދު އެ ކޮމިޓީގެ ބައްދަލުވުމެއްވެސް ބޭއްވިއެވެ. ނަމަވެސް ކޯރަމް ހަމަނުވުމުގެ ސަބަބުން ކޮމިޓީ ކުރިއަށް ނުގެންދެވުނެވެ. އެ ކޮމިޓިގެ ޗެއަރ ބެލެހެއްޓެވީ ނާއިބު މުގައްރިރު މަޑަވެލި ދާއިރާގެ މެންބަރު ޙުސައިން ފިރުޝާން އެވެ.

ގެވެށި އަނިޔާގެ ތުހުމަތުގައި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސާ ހައްޔަރުކުރުމުގެ ޢަމުރަކަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)އިން ވަނީ ކޯޓުގައި އެދިފައެވެ.