ހެޕީ މާކެޓްގެ އެންމެ ބޮޑު ޝޯ ރޫމް ހުޅުމާލޭގައި ހުޅުވައިފިއެވެ.
ހައިވަކަރު މަގުގައި ހޮނިހިރު ދުވަހު ހަވީރު ހުޅުވިގެންދިޔަ މި ޝޯރޫމް ހުޅުއްވައިދެއްވީ އެކުންފުނީގައި އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވި މުވައްޒެފެއް ކަމަށްވާ އަލީ ދީދީ އެވެ.
މި ސެންޓަރާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ހެޕީމާކެޓްގެ ސީއީއޯ އަލީ އިހުސާން ވިދާޅުވީ މި ޝޯރޫމްއިން ހެޕީމާކެޓުން އެތެރެކޮށް ޑިސްޓްރިބިއުޓް ކުރާ ހުރިހާ އައިޓަމްތަކެއް ފެނިގެންދާނެ ކަމަށާ މިއީ ރާއްޖޭގައި ހުޅުވިގެންދިޔަ އެންމެ ބޮޑު ޝޯރޫމް ކަމަށް ވިދާޅުވިއެވެ. އަދި މި ޝޯރޫމް އަކީ އެންމެ ވައިޑް ރޭންޖްގައި ޕްރޮޑަކްޓްސް ޑިސްޕްލޭ ކުރެވިގެންދާނެ ޝޯރޫމެއް ކަމަށްވެސް އިހްސާން ވިދާޅުވިއެވެ.
އެ ޝޯރޫމް މެދުވެރިކޮށް ހޯލްސޭލް އަދި ރީޓެއިލްކޮށް ކަސްޓަމަރުންނަށް ތަފާތު އެކިއެކި ބާވަތްތަކުގެ ޕްރޮޑަކްޓްތައް ތަޖުރިބާ ކޮށްލުމުގެ ފުރުސަތުދީ މި ޕްރޮޑަކްޓްތައް ކައިރިން ދެކިލުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އިހްސާން ވިދާޅުވިއެވެ.
ހެޕީ މާކެޓަކީ ރާއްޖޭގައި ފިނިކުރި ކާބޯތަކެތީގެ ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އެއް ކުންފުންޏެވެ. އެ ކުންފުނިން ރާއްޖޭގެ ފުޑް އިންޑަސްޓްރީއަށް ހިދުމަތް ދެމުންދާތާ 30 އަކަށް އަހަރާއި ގާތްކުރަމުންދާ ކުންފުންޏެއްކަން ފާހަގަ ކުރައްވާ އިހުސާން ވިދާޅުވީ ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ވިއްކާ ޕްރޮޑަކްޓްތަކަކީ ކޮލިޓީ ރަނގަޅު ޕްރޮޑަކްޓްތަކަށް ހެދުން ކަމަށެވެ. އަދި މި އަމާޒަށް ވާސިލްވުމަށް އެ ކުންފުނިން ގެންނަ ޕްރޮޑަކްޓްތަކަކީ ދުނިޔޭގެ އެންމެ ނަން މަޝްހޫރު ކުންފުނިތަކުން ގެންނަ ޕްރޮޑަކްޓްތަކެއް ކަމަށް އިހުސާން ވިދާޅުވިއެވެ.
އަލަށް ހުޅުވިގެންދިޔަ ޝޯރޫމްއިން އިން ގިނަ އަދަދެއްގެ ފިނިކުރި މަހުގެ ބާވަތްތައް ލިބޭއިރު އޭގެތެރޭގައި، ކުުކުޅު މަސް، އަސްދޫނި މަސް، ގެރި މަސް ހިމެނެއެވެ. މީގެ އިތުރުން ގަނޑު ކުރި ތަރުކާރީގެ ބާވަތްތަކާއި، ޑްރައިޑް ޕްރޮޑަކްޓް ދަޅުކާނާ، ކުކުޅު ބިހާއި، ޗީޒް، ވިޕިން ކްރީމް ފަދަ ތަކެތި ހިމެނޭ ކަމަށް އިހުސާން ވިދާޅުވިއެވެ.
" ސައުތް އެމެރިކާއިން މިގެންނަނީ ފްރޯޒެން ކުކުޅު ކަހަލަ އެއްޗެހި. އެމެރިކާ ހިސާބުން އޮރެންޖް ކަހަލަ އެއްޗެހި އެބަ ގެންނަން. ހަމައެއާއި އެކު އިނގިރެސިިވިލާތު ހިސާބުން ބަޓަރކަހަލަ އެއްޗެހި. އޮސްޓްރޭލިއާ އިން އެބަ ގެންނަން މަސްކަ މި ވާބަތުގެ އެއްޗެހި. ސިންގަޕޫރުގެ ކެމިކަލް ބްރޭންޑް އެއް މި ގެންގުޅެނީ ސިންޓެކް."
މީގެ އިތުރުން ހުޅުމާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް އެ ސެންޓަރަށް ވަޑައިގެން ކައިރިން ތަކެތި ބައްލަވާލެއްވޭނެ ކަމަށާ ކޯޕަރޭޓް ކަސްޓަމަރުންނަށް ވެސް ސެންޓަރަށް ވަޑައިގެން ޕްރޮޑަކްޓްސް އާ ގުޅޭ ގޮތުން މައުލޫމާތު އޮޅުން ފިލުވުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.
" ރާއްޖޭގެ އެކި ރިސޯޓްތަކަށް އެތަންތަނުގެ އެގްޒެކެޓިވް ޝެފުން ނުވަތަ ޕާރޗޭސިން ޑިޕާޓްމަންޓްތަކުގެ ބޭފުޅުން މިކޮޅަށް ވަޑައިގެން އަޅުގަނޑުމެންނާއި އެކު ސިޓް ކުރައްވާ އަޅުގަނޑުމެންގެ ސޭލްސް ސްޓާފުންނާއި ބައްދަލުކޮށް އެއެއްޗިއްސަކީ ކޮން ދިމަދިމާލަކުން އަންނަ އެއްޗިހިތަކެއްތޯއާއި އެ އެއްޗިހީގެ ޚާއްސަ ކަންކަމަކީ ކޮބައިތޯ ބަލައިލެވޭނެ."
ރާއްޖޭގެ އާބާދީ ބޮޑެތި ރަށްތަކުގައި މިފަދަ ޝޯރޫމްތައް ހުޅުވާ ރައްޔިތުންނަށް ފަސޭހައިން ތަކެތި ފޯރުކޮށްދިނުމާއެކު ކުރިއަށް އޮތް ތަނުގައިވެސް ރާއްޖޭގެ މާކެޓަށް ބޭނުންވާ ކާބޯ ތަކެތި އެންމެ އަގުހެޔޮކޮށް އެންމެ ކޮލިޓީކޮށް ވިއްކޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އިހްސާން ވިދާޅުވިއެވެ.
ހެޕީ މާކެޓުން ވަނީ ދާދިފަހުން " ހެޕީ މާކެޓް ޕްރޮމޯޝަން ޝޮޕް " ގެ ނަމުގައި ޕްރޮމޯޝަން އައިޓަމްތަކަށް ހާއްސަ ފިހާރައެއް ވެސް ހުޅުވާފައެވެ.