ރާއްޖޭގައި އިންޓެލިޖެންސްގެ މަސައްކަތް މިހާރެކޭ އެއްފަދައިން ކުރިޔަށް އޮތް ދުވަސްތަކުގައިވެސް ކުރާނީ ފުލުހުންނާއި ސިފައިންގެ އިތުރުން މިހާރުވެސް އެކަން ކުރަމުންދާ އިދާރާތަކުން ކަމަށް ސަރުކާރުން ބުނެފިއެވެ.

ސަރުކާރުން މިހެން ބުނެފައިވަނީ އެ އޮފީހުގެ ފޮރިން ރިލޭޝަންސް އޮފީހުގެ ސެކްރެޓަރީގެ މަޤާމުގައި ހުންނެވި ޞަބްރާ އިބްރާހީމް ނޫރައްދީނާއި، ރައީސް އޮފީހުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރސް އޮފީހުގެ ސެކްރެޓެރީގެ މަޤާމުގައި ހުންނެވި ޢާއިޝަތު ނޫޝީން ވަޙީދަށް ތުހުމަތުތަކެއްކޮށް "ދިޔަރެސް" ނޫހުން ޝާއިޢު ކޮށްފައިވާ ރިޕޯޓަކާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

ރައީސް އޮފީހުން ބުނެފައިވަނީ އެ ރިޕޯޓަކީ ޙަޤީޤަތާ ޚިލާފު ދޮގު މަޢޫލޫމާތު ހިމެނޭ ރިޕޯޓެއް ކަމަށާއި އަދި މި ރިޕޯޓަކީ، ސަރުކާރުގެ އިސްވެރިންނާ ބެހޭގޮތުން ދޮގު ޚަބަރާއި މަޢުލޫމާތު ފެތުރުމަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކަމަށެވެ.

އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަކަށް މީހަކު ހަމަޖެއްސުމުގެ ކުރިން އެމީހަކާބެހޭ ގޮތުން ސާފުކުރަންޖެހޭ މަޢުލޫމާތާއި ކުށުގެ ރެކޯޑު ކަނޑައެޅިފައިވާ އުޞޫލުން ބަލައި، ސާފުކުރާ ކަމަށާއި މިގޮތުން، ޞަބްރާ އާއި ނޫޝީން ރައީސް އޮފީހުގެ ވަޒީފާއަށް އަޢްޔަނުކޮށްފައިވަނީ ޤަވާއިދުން ބަލަންޖެހޭ އެންމެހައި ކަންކަމާއި ކުށުގެ ރެކޯޑުވެސް ސާފުކުރުމަށްފަހުގައި ކަމަށް އެ ބަޔާނުގައި ވެއެވެ.

"ރާއްޖޭގައި އިންޓެލިޖެންސްގެ މަސައްކަތް މިހާރެކޭ އެއްފަދައިން ކުރިޔަށް އޮތް ދުވަސްތަކުގައިވެސް ކުރާނީ ފުލުހުންނާއި ސިފައިންގެ އިތުރުން މިހާރުވެސް އެކަން ކުރަމުންދާ އިދާރާ ތަކުންނެވެ. އަދި، މި ރިޕޯޓުގައިވާ ފަދައިން އެ މުއައްސަސާތަކަށް އޮތް ބާރުތައް ހަނިކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބެލުމުގެ ދަށުން މިފަދަ އިދާރާއެއް ހިންގާނެ ކަމަށް މި ރިޕޯޓުގައި ބަޔާންކޮށްފައި އޮތް އޮތުމަކީ ކަނޑައެޅިގެން ދޮގެކެވެ" އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން މިމަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ޙަމަލާއާ ގުޅިގެން ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް އިދާރާތަކުގެ އޮޑިޓެއް ހެދުމަށް ސަރުކާރުން ނިންމާފައިވަނީ ވަރަށް މުހިންމު މަޤްޞަދެއްގައި ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

ނަމަވެސް މިމަސައްކަތް ކުރަމުން ގެންދަވާ ކޮމިޓީގެ މެންބަރުންގެ ނަޒާހަތްތެރިކަމަށް ސުވާލު އުފައްދައި، މަސައްކަތް ކުރިއަށް ގެންދިއުމަށް ބުރޫއަރާ ފަދަ މޭރުމަކުން ދިޔަރެސް ނޫހުން ދޮގު މަޢުލޫމާތާއި ޚަބަރު ފެތުރުމަކީ، ރައްޔިތުންގެ މެދުގައި ފިތުނައަށް މަގުފަހިކޮށް، ކަންބޮޑުވުމާއި ނުތަނަވަސްކަން އުފެއްދުން ކަމަށް ރައީސް އޮފީހުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

"ދިވެހި ސަރުކާރުން ޤަބޫލުކުރާ އަސާސަކީ، ނޫސްވެރިންގެ މިނިވަންކަމާއި، ފާޑުކިޔުމާއި އިދިކޮޅު ފަރާތުން ދެކޭގޮތް ހާމަކުރުމުގެ ޙައްޤަކީ ކޮންމެ މީހަކަށްމެ ލިބިގެންވާ ޙައްޤެއް ކަމަށެވެ. ނޫސްވެރިންނަކީ ވަކި އަޚްލާޤީ ހަމަތަކަކާއި ސުލޫކީ މިންގަނޑުތަކަކަށް ތަބާވާ ބަޔަކަށްވާތީ، ކުރިޔަށް އޮތްތާނގައިވެސް މި ހަމަތަކާއި އުޞޫލުތަށް ހިފެހެއްޓުމަށް އިލްތިމާސްކުރަމެވެ" އެ ބަޔާނުގައި ވެއެވެ.