ނަސީބު އައިސް ހިފީ އަތުގައި
ނަސީބު، މިރޭ ވަރަށް ދަންވީފަހުން ޓަކިދީފި ގޭ ދޮރުގައި
ޚަޞީލަތް ރީތި އިންސާނެއްގެ މޫނާއިގެން މި ދަންވަރުގައި
ވަސީލަތަކަށް ވެދޭން އޭނާ ހުރީ އަހުރެންގެ ކުރިމަގުގައި
ނަސޭހަތަކީ މަގޭ ބަސްމަގު ބަދަލުކުރުމޭ ޖަމާއަތުގައި
މިރަށުގައި އޭނަ މަގުބޫލޭ ކަތީބުން، ރައްޔިތުން މެދުގައި
މިރަށު ހުރިހައި އަތެއް މައްޗަށް އުފުލި އާދޭސް ވެވޭއިރުގައި
މިރަށުގައި މަޑުނުކޮށް އޭނާ ފުރަންވާތީ ފަތިސް ދަމުގައި
މިރަށު ހުރިހައި ގެއެއް ދޫ އައީ މިގެއަށް މިފުރުސަތުގައި
ނަސީބުގެ ހުންނަ ކުރިބޯށްޓަށް އެދޭނަމަ ތަންޑު ނައްޓައި ދޮރު
ވަސީލަތްތައް މިހިރަ ބޭނުންކުރަން އަންނާށެ ހީނުވެ ޑަރު
ކަސީދާ ދިރިއުޅުން ވީމާ ބަދަލު ކުރެވޭނެ މުޅި މަންޒަރު
އަސީރުނުވާން ފަގީރުކަމުން ނަސޭހަތްދިން ނަޒާހަތުގައި
"މަދަރުސާގަނޑު ތިގެންދާ އަޅެ ކުދިންނަށް ކޮށްދިނީ ފަހެއް ކީއް؟
ގަދަރުހުރި ކޮލެޖަކަށް ވައްދަން ނުއުޅެ ތިހުރީ އަޅޭ ފަހެ ކީއް؟
މަދަދު އަންނާނެ މަގުމަގު އަތްއަޅައި ތިޔަ ބައްދަނީ ފަހެ ކީއް؟"
ލަދަކުގައި އޮންނަ ތަދު އޭނާ ބޮލަށް ލައިދިން ހަގީގަތުގައި
"ގެދޮރުވެރިކަން ލިބެން އޮއްވައި ޖިފުޓި ކުއްޔަށް ހިފަންވީ ކީއް؟
އަދުލު އިންސާފު ކިޔަނީ، ގެއްލުމަށް ވިސްނައިނުލައި ފަހެ ކީއް
މިދުލިފަށު އެތެރެއިން ނަސްރާ ނަސީބާ ނުދެކެނީ އަދު ކީއް؟"
ބަދަލުކޮށްލަން މިހާލަތު އައިސް ނަސީބު ހިފީ މަގޭ އަތުގައި
ނަސޭހަތުގައި އެހިނދު ކަންފަތް ފަޅައިގެންދިޔަ ހިތާއެކުގައި
ނަސީބާ އަހުރެނާއި ދެބަސްވުމުން، ނަފުރަތު ބުނީ ހުރެފައި
"އަސޭ ރަސްކަން ވިޔަސް ބޭނުން ނުވޭ ތިޔަބުނި އަގެއް ދީފައި"
ނަސީބާއޭ މަޢާފުކުރާށެ މިދަނީ ބޮޑު ސުމެއްދީފައި