މާލޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެ ދަނޑުގައި ފަރިތަކުރުންތައް ކުރިޔަށް ގެންދެވެން ނެތުމުން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު މިއަދު ހެނދުނު ދުބާއީއަށް ފުރައިފިއެވެ.
ވޯލްޑް ކަޕް ކޮލިފައިން (އޭޝިޔަން ކަޕް ކޮލިފައިން ހިމެނޭ ގޮތަށް) ގެ މެޗުތައް މިދިޔަ އަހަރު ކޮވިޑާއި ގުޅިގެން އޭޝިޔާގައި މެނދު ކަނޑާލުމަށްފަހު އޭޝިޔާގެ ފުޓްބޯޅައިގެ މައި އިދާރާ އޭއެފްސީން މިހާރު ނިންމާފައި ވަނީ ކޮލިފައިންގެ ހުރިހާ މެޗުތަކެއް ޖޫން 3-15 ދެމެދު ކުޅެ ނިންމާ ލުމަށެވެ.
މިއަދު ހެނދުނު ގައުމީ ޓީމު ދުބާއީއަށް ފުރީ އިތުބާރު ފޯވާޑް އަލީ އަޝްފާޤް (ދަގަނޑޭ) ޓީމުގައި ހިމަނައިގެންކަން ފާހަގަ ކޮށްލެވެއެވެ. ޖެންގައި ކޭމްޕް ޖެހުމަށްފަހު މިހާތަނަށް ގައުމީ ޓީމުގެ ފަރިތަކުރުންތައް ކުރިޔަށް ގެންގޮސްފައި ވަނީވެސް ޖެންގައެވެ.
ރާއްޖެ ހިމެނޭ ގްރޫޕް އޭ ގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ޗައިނާގައެވެ. ފުރަތަމަ މެޗުގައި ޖޫން 3 ވަނަ ދުވަހު ރާއްޖެ ނިކުންނާނީ ގްރޫޕުގެ ދެވަނައިގައި ރާއްޖެއަށްވުރެ އިތުރަށް އެއްޕޮއިންޓް ހޯދައިގެން އޮތް ޗައިނާއާ ދެކޮޅަށެވެ. ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ޖޫން 7 ވަނަ ދުވަހު ނިކުންނާނީ މިގްރޫޕުގެ ކުރީގައި އޮތް ސީރިޔާއާ ދެކޮޅަށެވެ. ކޮލިފައިންގެ ފަހު މެޗުގައި ރާއްޖެ ނިކުންނާނީ ފިލިޕީންސާއި ދެކޮޅަށެވެ. ފިލިޕީންސާއި ޗައިނާއަށް ލިބިފައި ވަނީ 7 ޕޮއިންޓެވެ. ސީރިޔާއަށް 15 ޕޮއިންޓެވެ. ރާއްޖެއަށް 6 ޕޮއިންޓެވެ. ގްރޫޕް ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ގުއާމްއެވެ.
ކޮލިފައިންގައި ރާއްޖެއިން މިހާތަނަށް 5 ކުޅެފައިވާއިރު މީގެތެރެއިން ކާމިޔާބު ކުރެވިފައިވަނީ ގުއާމްއާ ދެކޮޅަށް ކުޅުނު ދެމެޗެވެ. ސީރިޔާ އާއި ފިލިޕީންސް އަތުން ރާއްޖެ ބަލިވީ 2-1 އިން ހަނިގޮތަކަށެވެ. އެކަމަކު ޗައިނާ އަތުން ބަލިވީ 5-0 ގެ ބޮޑު ތަފާތަކުންނެވެ.