މި މަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަހުގީގަށް ހުރަސް ނޭޅުމަށް ކޮމިޝަނަރ އޮފް ޕޮލިސް، މުހައްމަދު ހަމީދު އެދިވަޑައިގެންފި އެވެ.

ސީޕީ ހަމީދު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވެފައިވަނީ، ޓެރަރިސްޓް ހަމަލާއާއިގުޅޭ ތަހުގީގު، ފުލުހުންގެ ހިދުމަތުން ކުރިއަށް މިގެންދަނީ ވަރަށް އިންތިޒާމްވެ، ބޭރުގެ މާހިރުންގެ ފަންނީ ލަފައާއި އެއްގޮތަށް ކަމަށް އަދި މިފަދަ މައްސަލައެއްގައި ހިމެނޭނެ ހުރިހާ ކަމެއް ބަލަމުން ކަމަށެވެ.

”އަދި މިފަދަ މައްސަލައެއްގައި ހިމެނޭނެ ހުރިހާ ކަމެއް ބަލަމުން. މިހަމަލާއާއިގުޅޭ ކުޑަ މައުލޫމާތެއްވިޔަސް، ވަރަށް ގިނަ މައުލޫމާތުވިޔަސް އެއްވެސް ފަރާތަކަށް އެނގިވަޑައިގެންފައިވާނަމަ ފުލުހުންނާއި ސީދާ ހިއްސާކޮށްދެއްވުމަށް އިލްތިމާސްކުރަން.” ސީޕީ ހަމީދު ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ ތަހުގީގަށް ހުރަސްއެޅިދާނެފަދަ އަދި ތަހުގީގުގެ އިތުބާރަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ނުކުރުމަށްވެސް އެދިވަޑައިގެންނަވާ ކަމަށެވެ.

ރައީސް ނަޝީދު އެމަނިކުފާނުގެ ގެ ކޮޅުން ނިކުންނަވަނިކޮށް، ސައިކަލެއްގައި ހަރުކޮށްފައި ހުރި އައިއީޑީއެއް ގޮއްވާލައިގެން ދިން މި ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނަށް ބޮޑެތި އަނިޔާތަކެއް ލިބި ފުރާނައަށް ނުރައްކާވިއެވެ.

ނަމަވެސް އޭޑީކޭ ހޮސްޕިޓަލުގައި އެމަނިކުފާނަށް ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް ޖަރުމަނަށް ވަޑައިގެން އެ ގައުމުން ފަރުވާ ހޯއްދެވުމަށްފަހު މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފައެވެ.

އެމަނިކުފާނަށް ދިން ހަމަލާއާ ގުޅިގެން، ހަރުކަށީ ވިސްނުމުގެ ހަތަރު މީހަކު މިހާރުވަނީ ފުލުހުން ހައްޔަރު ކޮށްފައެވެ.

އޭގެ ތެރޭގައި ހިމެނެނީ ލ. ގަން ތުނޑި ދުންފިނިއުފާ އަހްމަދު ފާތިހް(23އ) އާއި މއ. ފޭރުގެ، މުޖާޒް އަހުމަދާއި (21އ) ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު (32) އަދި ވ. ތިނަދޫ، ހިޔާ، އަހުމަދު އަދުހަމެވެ.