ޖިންސީ ގޯނާގެ މައްސަލައެއްގައި ދައުވާ ލިބޭ ގދ. ގައްދޫ ކައުންސިލް ރައީސް ބަންދުން ދޫކޮށްލި ހުކުމް ހައިކޯޓުން ބާތިލުކޮށްފިއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 2 މައްސަލައެއްގައި ދައުވާ ލިބޭ ގދ. ގައްދޫ، ވިންސެންޓް، މުހައްމަދު އަހުމަދު ޝަރީޢަތް ނިމެންދެން ބަންދުގައި ހުއްޓައި، ބަންދުން ދޫކޮށްލުމަށް ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ނިންމީ 03 މޭ 2021 ގައެވެ.

އެ ނިންމުން ޕީޖީ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން މިއަދު ވަނީ މުހައްމަދު އަހުމަދު ބަންދުން ދޫކޮށްލުމަަށް ދަށުކޯޓުން ނިންމި ނިންމުން ބާތިލު ކޮށްފައެވެ.

މުހައްމަދު އަހުމަދުގެ މައްޗަށް ތުހުމަތު ކުރެވެނީ 2015 ވަނަ އަހަރު އޭނާ ކައުންސިލު ރައީސްކަމުގައި ހުންނެވި އިރު ކުޑަކުއްޖަކާއެކު ޖިންްސީ އަމަލެއް ހިންގުމުގެ ދައުވާ އެވެ. މިދައުވާގެ މައްސަލަ އަދިވެސް އޮތީ ގައްދޫ މެޖިސްޓްރޭޓު ކޯޓުގައެވެ. އަދި އޭގެ ފަހުން މިދިޔަ އަހަރު ތެރޭ މުހައްމަދު އަހުމަދުގެ މައްޗަށް ވަނީ މީހަކު ޖިންސީ އަމަލެއް ހިންގަމުން ގެންދާ މަންޒަރެއް ނުވަތަ ފޮޓޯއެއް ނުވަތަ ފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އެފަދަ އަމަލެއް ހިންގާ އަޑު ކުޑަކުއްޖަކަށް އިއްވުމުގެ ކުށުގެ ދައުވާ އަދި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ވެސް އުފުލައިފަ އެވެ. އަދި މިދަޢުވާތަކުގެ ޝަރީޢަތް ފަށާފައިނުވާ ކަމަށް ވެއެވެ.

އޭނާ ގައްދޫ ކައުންސިލް ރައީސްގެ މަގާމަށް އިންތިހާބު ވެފައިވަނީ އެ މައްސަލައިގައި ބަންދުގައި އޮށްވައެވެ. އޭނާއަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބުނީ އޭނާގެ މައްސަލަތަކުގައި ހުކުމެއް ކޮށްފައި ނެތުމުންނެވެ.