މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ބޮމުގެ ހަމަލާގެ ތަހުގީގުގެ ސްޕީޑް އެންމެ ހިތްހަމަ ޖެހޭ ވަރަށް ނުދާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ތަހުގީގު ކުރިއަށް ދާގޮތާމެދު ހިތްހަމަ ޖެހޭކަމަށެވެ. އެހެންނަމަވެސް އެކި ކަންކަމުގެ ސަބަބުން އެންމެ ބޭނުންވާ ބާރު ސްޕީޑުގައި ތަހުގީގު ކުރިއަށްނުދާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާގައި ހައްޔަރު ކުރެވުނު ހަތަރު މީހުންވެސް ކޮވިޑަށް ޕޮޒިޓިވް ކަމަށެވެ. އަދި ތަހުގީގު ޓީމުގައި ހިމެނިވަޑައިގަންނަވާ ބައެއް މީހުން ވެސް ޕޮޒިޓިވްވުމާއެކު، ތަހުޤީޤު އެންމެ ހިތްހަމަޖެހޭ ސްޕީޑުގައި ކުރިއަށް ނުދާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ، ރައީސް ނަޝިދަށް އަމާޒުކޮށް ދެވުނު ޓެރަރިޒަމްގެ ހަމަލާ ފުލުހުން ވަރަށް އިސްކަމެއް ދީގެން ތަހުގީގުކޮށް ބަލަމުން އަންނަކަމަށެވެ.