އިންޓަނެޓްގެ ހެޔޮ އަގުތައް އިއުލާނު ކުރުން ބްރާސްފަތި ދުވަހަށް ފަސްކޮށްފައިވާކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެފައިވަނީ، އިންޓަރނެޓްގެ ހިދުމަތާ ގުޅޭ ސަރުކާރުގެ އައު ސިޔާސަތު އަންނަ ބުރާސްފަތި ދުވަހުގެ 10 ޖަހާއިރު އިއުލާނުކުރުމަށް ނިންމާފައިވާކަމަށެވެ.

އިންޓަނެޓްގެ ހެޔޮ އަގުތައް ޓެކްނޮލޮޖީ މިނިސްޓްރީން ފުރަތަމަ އިއުލާނު ކުރާގޮތަށް ހަމަޖެހިފައި އޮތީ އިއްޔެއެވެ. އެހެންނަމަވެސް އެ ރަސްމިއްޔާތު މިއަދު ހެނދުނު 10:00 އަށް ފަސް ކުރުމަށް ފަހު އަނެއްކާވެސް އެ ރަސްމިއްޔާތު މިވަނީ ފަސްކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން އިންޓަނެޓްގެ އަގުތައް ހެޔޮކޮށް ފިކްސްޑް ބްރޯޑްބޭންޑަށް ހުށަހަޅާފައި ވަނީ، 5 އެމްބީޕީއެސްގެ ސްޕީޑުގައި 250ރ އަށް 30 ޖީބީ، 15 އެމްބީޕީއެސްގެ ސްޕީޑުގައި 500ރ އަށް 100 ޖީބީ އަދި 25 އެމްބީޕީއެސްގެ ސްޕީޑުގައި 750ރ އަށް 200 ޖީބީއެވެ.