ފެނާއި ކަރަންޓު ބިލު ކުޑަކޮށްދޭން ސަރުކާރުން ނިންމައިފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އަންނަ މަހުން ފެށިގެން ގޭބީސީތަކުގެ ފެން ބިލުން 30 ޕަސެންޓް ޑިސްކައުންޓް އަދި ވިޔަފާރި ކުރާ ތަންތަނުގެ ފެންބިލުން 20 ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އަދި ގޭބެސީތަކުގެ ކަރަންޓް ބިލުން 40 ޕަސެންޓްގެ ޑިސްކައުންޓެއް، ވިޔަފާރިތަކުން 20 ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިޙް ވިދާޅުވީ ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތު މިވަނީ ވަރަށް ހިތާމަވެރި ހާލަތެއްގައި ކަމަށާއި އެހެންކަމުން ބަލި ފެތުރުން ހުއްޓުވުމުގެ ގޮތުން މާދަމާއިން ފެށިގެން އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.
"މިހާރު އަޅައިފައިވާ ފިޔަވަޅުތަކުން އެންމެ ބޮޑު ދަތިތަކެއް އަދި ގެއްލުންތަކެއް ވާނީ ކުދި ވިޔަފާރިތަކަށް. އަޅުގަނޑުމެން މިހާރު ވާނީ ކުދި ވިޔަފާރިތަކަށް، ސޮފްޓް ލޯނުތަކެއް ދޭން ނިންމައިފައި. އޭގެ ތެރޭގައި ކެފޭ އަދި ރެސްޓޯރެންޓާއި ޖިމްއާއި ސެލޫންތައް ހިމެނޭ. މީގެ އިތުރުން ބީއެމްއެލްއިން ޖޫންގެ ތެރޭފައި 375 މިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖްތަކެއް ދޭން ފަށާނެ." ރައީސް ޞާލިޙް ވިދާޅުވިއެވެ.
މިރޭގެ ބައްދަލުވުމުގައި ރައީސް ޞާލިޙް ވަނީ ކޮވިޑް-19 އިން ދިފާއުވުމުގެ ވެކްސިން ރާއްޖެއަށް ލިބުން ލަސްވާ ސަބަބާ ގުޅޭގޮތުން ވެސް ވާހަކަ ދައްކަވައިފައެވެ. އެމަނިކުފާނު ވީ އެކަން ލަސް ވަނީ ޑެލިވަރީ ކުރުމުގައި ހުރި ދަތިތަކުގެ ސަބަބުން ކަމަށެވެ.