ރަށްފުށުގެ މީހުންގެ ބިމުގެ މިލްކުވެރިކަން ޔަގީން ކޮށްދޭ ބިންވެރިކަމުގެ ޑިޖިޓަލް ކާޑެއް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީ މިއަދު އިފްތިތާހު ކޮށްދެއްވައިފިއެވެ.

މިކާޑަކީ ރަށްފުށުގެ ބިންތައް ޑްރޯން ބޭނުން ކޮށްގެން މެޕްކޮށް، އިންތައް ޖަހައި، ޑޭޓާބޭސްއެއްގައި އޭގެ މަޢްލޫމާތު ރައްކާ ކުރެވިފައިވާ މަޢްލޫމާތުގެ މައްޗަށް ހަދާ ޑިޖިޓަލް ކާޑެކެވެ.

މި ކާޑުގެ ބޭނުމަކީ މި ކާޑު ދައްކައިގެން ރަށްފުށުގެ މީހުންނަށް ފަސޭހައިން ބޭންކްތަކުން ލިބޭގޮތް ހަދައި ދިނުމެވެ.

އިންޑިއާގައި ފިހާރަތަކާއި ވިޔަފާރިކުރާ ތަންތަނަށް ހުއްދަ ދެނީ، ޑިވައިސްއެއްގެ އެހީގައި އެތަން އޮންނަ ހިސާބުގައި، ލެޓިޓިއުޑާއި ލޮންޖިޓިއުޑް ދައްކައިދޭ ޑިވައިސްއެއްގެ އެހީގައި އެތަން ފާހަގަ ޖެހުމަށްފަހުއެވެ. އޭގެ ކުރިން ސާރވޭ ކުރާ ފަރާތުން އޮންނާނީ އެތާނގެ އިންތައް ސެޓްލައިޓްގެ ޒަރީއާއިން މެޕް ކުރެވި ފައެވެ.

ރަށްފުށުގެ ހިސާބުތަކުގައި ބިންކޮޅުތައް ކުދިވެފައި އެތައް ޖީލަކުން އެތަންތާނގެ މިލްކުވެރިކަމަށް ބުނުމުން ބިމުގެ މައްސަލަތައް އޮންނަނީ އާންމު ކަމަކަށް ވެފައެވެ.

އިންޑިއާގެ އާބާދީގެ ތިން ބައިކުޅަ ދެބައި މީހުން ދިރިއުޅެނީ ރަށްފުށުގެ ހިސާބުތަކުގައެވެ.

ވެބްކާސްޓްކޮށް މިމަޝްރޫއު އިފްތިތާހު ކޮށްދެއްވަމުން މޮދީ ވިދާޅުވީ، ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ހަ ލައްކައަށް ވުރެން ގިނަ މީހުންނަށް ޑިޖިޓަލް ޕްރޮޕަޓީ ކާޑް ހަދައި ދޭނެ ކަމަށެވެ.

މިމަސް ތެރޭގައިވެސް ހަ ސްޓޭޓެއްގައި 750 އަވަށެއްގައި އެއްލައްކަ މީހުންނަށް މި ކާޑް ހަދައި ދެވޭނއެވެ.

ޑްރޯން ބޭނުން ކޮށްގެން ބިންތައް މެޕްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ސާރވޭ އޮފް އިންޑިއާ އިދާރާއިންނެވެ.