ތާޖިކިސްތާންގެ ރައީސް ވަނީ 28 އަހަރު ވަންދެން ގޮށްމުށުގެ ބާރުން ވެރިކަން ކުރައްވާފައެވެ. އަދިވެސް އިތުރު މުއްދަތަކަށް އޭނާ ވެރިކަން ބޭނުން ފުޅެވެ.
އަފްޣާނިސްތާން ހަނގުރާމައިގެ ދުވަސްވަރު އެމެރިކާ އާއެކު އުލެފައި އެއަށްފަހު ރަޝިއާއާ ގާތް ކޮށް އޮވެފައި މިހާރު މިއީ ޗައިނާ އާ ގާތް ގައުމެކެވެ.
ފަރުބަދަ މަތީ ދަނޑުވެރިކަމުގެ މި ގައުމަކީ ފަގީރު ގައުމެކެވެ.
70 އަހަރު ވާން ދެ އަހަރު އަދި ބޭނުންވާ، މި ރައީސް އިމާމް އަލީ ރަހްމާންގެ ވެރިކަމުގައި ބުރުގާ އެޅުން މަނަލެވެ. ތުނބުޅި ބަހައްތައިފިނަމަ ސަރުކާރުން ގަދަކަމުން ބާލާނެއެވެ. އެކަމަކު ޓޮމާޓޯ ސޯސް އުނގުޅައިގެން ބާލާކަމެއް އެނގިފައެއް ނުވެއެވެ. ތާޖިކިސްތާނު މީހުން ކިޔައި އުޅޭ ވައްތަރުގެ ނަމެއް ނޫން ނަމެއް ކިޔައިފިނަމަ ގަދަކަމުން ސަރުކާރުން އެނަމެއް ބަދަލު ކުރުވާނެއެވެ.
އިމާމް އަލީ ރަހްމާން ބޭނުން ވަނީ ހިސާބުގަނޑުގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރި މީހާގެ ލަގަބު ލިބިގަންނާށެވެ.
ސޯވިއެޓް ޔޫނިއަންގެ ފަލަކް ގައި ހިމެނުނު ގައުމުތަކުގެ ތެރޭން އަދި ދިގު ވެރިކަމެއް ކުރައްވާފައިވަނީ ކަޒަޚިސްތާން ލީޑަރު ނޫރު ސުލްތާން ނަޒަރުބައޭވްއެވެ. 29 އަހަރަށެވެ.
ރަހްމާންގެ ދެކޮޅުވެރިން ނުތިބެއެވެ. އެއީ މަގްބޫލު ކަމަކުންނެއް ނޫނެވެ. އެ އެންމެން ޖަލުގައި ތިބުމުން ނެވެ.
ރަހްމާނަކީ މޮޅު ލިޔުންތެރިއެއްވެސް މެއެވެ. އެކަމަކު ލިޔުއްވީ އެންމެ 400 ސަފްހާގެ ފޮތެކެވެ. އެއީ އޭނާގެ ބުއްދިވެރި ބަސްކޮޅުތައް ހިމެނޭ ފޮތެކެވެ.
ރައީސްގެ ދަރިފުޅު ރުސްތުމް އަކީ ވެރިރަށް ދުޝާންބޭ ގެ މޭޔަރ އެވެ. ގާނޫނުއަސާސީ މިހާރު ވަނީ އޭނާއަށް ހެޔޮ ވަރުކޮށްފައެވެ. މިއީ މުސްތަގްބަލުގައި އިމާމް އަލީ ރަހްމާންގެ ފަހުން ވެރިކަން ކުރާނެ މީހާކަމަށް ބެލެވެއެވެ.