ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ހުރި ދަތިތައް ބަލައި އެކަންތައްތައް ހައްލު ކުރަން ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސް ފަށައިފިއެވެ.
އޮންލައިން ކޮށް ކުރިއަށް ގެންދާ މިއަދުގެ ޖަލްސާއަށް މި މައްސަަލަ ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ.
މައްސަލާގައި ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ ހުޅުމާލެ މެޑިކަލް ފެސިލިޓިގައި ވަރަށް ގިނަ ރައްޔިތުން ދުނިޔެ ދޫކޮށް ދާކަމަށާއި ރައްޔިތުންނަށް މިކަން މި ފާހަގަކުރެވެނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ގޮތުގައިކަމަށެވެ. އަދި މިމައްސަލަ ހައްލު ކުރުމަށް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.
ދުވާލެއްގެ މައްޗަށް މަރުވާ މީހުންގެ އަދަދު އިތުރުވެފައިވާކަން ފާހަގަކޮށް ޝިޔާމް ވިދާޅުވީ 22 ދުވަހެއްގެ ތެރޭގައި 50 މީހުން ދުނިޔެ ދޫކޮށްފައިވާ ކަމަށާއި، ފެސިލިޓީތަކުގައި ކަންތައްތަކެއް ހައްލު ކުރަން އެބަހުރިކަމަށެވެ. އަދި ހުޅުމާލެ މެޑިކަލް ފެސިލީޓީގައި އެކަށިގެންވާ އިންސާނީ ވަސީލަތް ނެތްކަން އެބަ އެނގޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މަދު ވަސީލަތްތަކާއި ޑޮކްޓަރުންނާއި ނަރުހުންނާއި އިސް ސަފުގައި މަސައްކަތް ކުރާ ފަރާތްތަކުން ކުރާ މަސައްކަތް ޝުކުރުވެރިކަމާއެކު ބަލައިގަންނަކަން ފާހަގަކުރައްވައި ޝިޔާމު ވިދާޅުވީ، އެ ފެސިލިޓީގައި ހުރި ދަތިތައް ހައްލު ކުރުމަށް ސަރުކާރަށް އެޅެން ހުރި ފިޔަވަޅުތައް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމެޓީން ދިރާސާކޮށް އަަވަސް ފިޔަވަޅުތަކެއް އަޅަން ސަރުކާރަށް ގޮވާލާ ކަމަށެވެ.