ކޮވިޑް 19 ގެ ބަލީގައި ރާއްޖޭގައި ގިނަބައެއް ނިޔާވަމުން ދާތާ ދުވަސްތަކެއްމިވަނީ ވެފައެވެ. ރާއްޖެއިން މި ބަލި ފެނިފައިވާތާ ދޮޅުއަހަރެއްހާ ދުވަސްވެފައިވާއިރު މި ކުޑަކުޑަ ރާއްޖޭގައި މިހާތަމަށް 147 މީހުންވަނީ ނިޔާވެފައެވެ. މި ބަލީގައި އެއްދުވަހެއްގެ މައްޗަށް 13 މީހަކު ނިޔާވެފައިވެއެވެ. މިއީ ދެކެން ހިތަށް ކުޅަދާނަ މަންޒަރެއްތޯއެވެ. ކޮންމެ ދުވަހަކަށް އިރުއެރުމާއެކީ އިވެނީ ކޮންމެސް މީހަކު މި ބަލީގައި ނިޔާވި ޚަބަރެވެ.

ޢަދަދުތަކެއްގެ ގޮތުގައި މިކަން ގިނަ ބަޔަކަށް ފާހަގަ ކުރެވިފައިވީނަމަވެސް ދުނިޔެއާ ވަކިވެގެން އެދަނީ ކޮންމެސް މީހެއްގެ މަންމައެއް ނޫނީ ބައްޕައެކެވެ. ނުވަތަ ޢާއިލާގެ ކޮންމެވެސް މީހެކެވެ. ނޫނީ ގާތް ރަޙުމަތްތެރިއެކެވެ. މީގެ އިތުރުންވެސް އެންމެ ބޮޑު ހިތްދަތިކަމެއްލިބެނީ ނިޔަވާމީހާގެ ކައިރީގައި ޢާއިލާގެ މީހަކަށް ނުހުރެވުމެވެ. ނިޔާވެގެންދާއިރު ކައިރީގައި އާއިލާގެ މީހަކު ނުހުރެވުން އެއީ އެބަލި ތަހައްމަލު ކުރާމީހާއަށް ކިހާ ހިތްދަތިކަމާއި އަސަރުކުރާނެ ވަގުތެއްތޯއެވެ؟ މަރުވަމުން ދާހިނދުގައި ޝަހާދަތް ލައިދޭންވެސް އެވަގުތު ތިބެނީ ނަރުހުންނެވެ. ނޫނީ ޑޮކްޓަރުންނެވެ. ނޫނީ ކޮންމެވެސް އެހެންމީހެކެވެ. "މަރުވާއިރު ޝަހާދަތް ލައިދެނީވެސް އަޅުނޑުމެން. އެމީހަކު އެކަނިމާއެކަނި އެހެން އޮވެ ނިޔާވެގެންދަނީ އަޅުގަނޑުމެންގެ ކުރިމަތީގައި. އެއީ ހިތްކުދިކުދިވެ ފަޅައިގެންދާކަހަލަ ވަގުތުކޮޅެއް. އަސަރުން ފުރިގެންވާ ދުވަހަކުވެސް ހިތުން ފުހެލަން އުނދަގޫވަގުތުކޮޅެއް." ފެސިލިޓީއެއްގައި މަސައްކަތްކުރާ ނަރުހަކު ކިޔާދިނެވެ. އޭނާކިޔައިދިން ގޮތުގައި ބަލިމީހާ އައިސީޔޫގައި އެޑްމިޓްކޮށްފައި އޮންނަ ވަގުތުގައި އެމީހާގެ ޢާއިލާގެ މީހުންނަށްގޮވާ ރޮއެހަދައެވެ. ޢާއިލާގެ މީހަކާ ވާހަކަ ދައްކާލަން ބޭނުންވީމަ ނަރުހެއްގެ ފޯނުން ވީޑިއޯ ކޯލް ކޮށްދެނީއެވެ. އަދި އެ ވީޑިއޯކޯލުގައި އެމީހާ ވަޞިއްޔަތްކޮށް ހަދައެވެ. ގިނަފަހަރަށް އެ ފޯނުކޯލުވަނީ އެމީހާގެ އެންމެ ފަހުގެ ކޯލަށެވެ. އެއީ ކިހާ ހިތްދަތި އަދި ކިހާ އަސަރުތަކެއް ކުރުވާނެ ފޯނު ކޯލެއްތޯއެވެ. އެ ނަރުސް ބުނިގޮތުގައި އެ ފެސިލިޓީގައާއި އައިސީޔޫގަވެސް މިހާރު ކިތައްމެ ބައެއްވަނީ މި ބަލީގައި މި ދުނިޔެއާ ވަކިވެގެންގޮއްސައެވެ. އެހެންނަމަވެސް މިބަލީގެ މަރުތަކަށް އަދިވެސް ނުހޭނޭ ކަމަށާއި، މިއިން ކޮންމެ މަރަކީވެސް އެހާމެ ހިތްދަތި އަދި އެހާމެ އުދަގޫ މަރުތަކެއްކަމަށްވެސް އޭނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި ކުރިން އައިސީޔޫގައި ނިޔާވާ މީހުން ފެންވަރުވައި، ރީތިކޮށް ފަސްތަނުން ބަނުމުގެ ފުރުޞަތު ލިބެއެވެ. ނަމަވެސް މިބަލީގައި ނިޔާވާމީހުން ނިޔާވުމާއެކީ ލަނީ ބޮޑީ ބޭގަކަށެވެ.

މިބަލީގައި އައިސީޔޫއަށްލާ މީހުންނަށް ކިތަންމެ ރަނގަޅު ފަރުވާއެއް ދެމުންދިޔަނަމަވެސް މި ބަލިން ފަސޭވާން ދިނގު މުއްދަތެއްނަގައެވެ.

ކޮވިޑް19އަށް ފައްސިވާ އަދަދު ކޮންމެ ދުވަހަކުން ރާއްޖޭގައި މިހާރުދަނީ އަތްނުފޯރާވަރަށް އިތުރުވަމުންނެވެ. އަދި މިބަޔަށް ފަރުވާދިނުމަށް ހަދާފައިވާ ހުރިހާ ފެސިލިޓީއެއްހެން މިހާރުވަނީ ފުރިފައެވެ. ނަމަވެސް ފަރުވާދިނުމަށް ތިބެނީ މަދު ނަރުހުންތަކެކެވެ.

ޑޮކްޓަރ ފައިސަލް ހާމަކުރެއްވިގޮތުގައި ކޮވިޑްގެ ވައިރަސް އިންސާނާގެ ހަށިގަނޑުގައި އުޅެނީ ގާތްގަނޑަކަށް 2ހަފްތާއެއްހާ ދުވަހުއެވެ. ނޭފަތާއި އަނގަމަތީގައި ރަނގަޅަށް މާސްއަޅާ ބަންދުކުރުމުން އެކެއްގެ ގައިން އަނެކަކުގެ ގަޔަށް ވައިރަސް ދަތުރެއްނުކުރެއެވެ. ތިމާގެ ހަށިގަނޑުން އެ ވައިރަސް ބޭރުނުވާގޮތް ހަދާފިނަމަ ﷲގެ އިރާދްފުޅާއެކީ އެންމެ ސާދަ ދުވަސްތެރޭގައި އެ ވައިރަސް އަމިއްލަ ޒާތުގައި މަރުވެގެން ހިނގައިދާނެއެވެ.

މި ބަލިން ސަލާމަތްވާން އޮތީ އަޅުގަނޑުމެންގެ ފަރުދީޒިންމާ އަދާކޮށްގެނެވެ. އެއްބަޔަކު އަނެއްބަޔަކު ކުށްދެއްކުމުގެ ބަދަލުގައި މިބަލި ކޮންޓްރޯލު ކުރުމަށްޓަކައި އެމީހަކަށް ކުރެވުނު ކަމެއް ކުރުމެވެ. ބަލިން ރައްކާތެރިވުމަށް އެންމެން އެކުގައި އަތުގުޅައިގެން މަސައްކަތްކުރުމެވެ. ޝަކުވާތައް އެއްފަރާތްކޮށް އެހީތެރިކަމާއި އެކުވެރިން އިސްކުރާށެވެ.

ރަޙުމަތެއްނުވާ މުޞީބާތެއް އެކަލާނގެ މެދުވެރިއެއް ނުކުރައްވާނެއެވެ. މުޞީބާތައްވުރެން ﷲގެ ރަޙުމަތް ތަނަސްވެގެންވާކަން ޤަބޫލުކުރާށެވެ. ވިސްނަންވީ މަޔަކު ޅަދަރިއަކަށް ރަޙުމު ކުރާވަރަށްވުރެން ބޮޑަށް އެކަލާނގެ އިންސާނާއަށް ރަޙުމުކުރާނެކަމެވެ. މިވަބާއިން ސަލާމަތް ވުމަށްޓަކައި ދުޢާކުރާށެވެ. ﷲއާ ވަކީލު ކުރާށެވެ.