ކޮވިޑްގެ ނުރައްކަތެރި ހާލަތަކާ ރާއްޖެއިން އަނެއްކާވެސް މިވަނީ ކުރިމަތިލާން ޖެހިފައި. މިވަގުތު މުހިންމީ މިކަން މިދިމާވީ ކާކުގެ އިހުމާލުންތޯ ބަލައި އެކަކު އަނެކަކަށް ފާޑުކިޔުމެއްނޫން.

ކޮވިޑްގެ މިހާލަތުގައި މުހިންމީ މި ހާލަތުން ރާއްޖެއަށް އަރައިގަނެވޭނޭ އެންމެކުރު މަގަކީ ކޮބައިތޯ ބަލައި އެމަގަކުން ނުކުމެވޭތޯ މަސައްކަތްކުރުން ކަމަށް ޑީއެންއޭއިން ބުނެފިއެވެ.

ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ)ފަރާތުން ވާހަކަ ދައްކަވަމުން ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ "މިއީ ސަރުކާރަށް ދެވުނު އެއްބާރުލުމެއް އަޅުގަނޑުމެން އެންމެން ދޭންވީ ވަގުތު. ކޮވިޑްގެ ނުރައްކަލުގެ ތެރޭގައި ރާއްޖެ ހޭދަކުރަމުންދާތާ ގާތްގަނޑަކަށް ދޮޅު އަހަރުވަނީ. ޑީއެންގެ ފަރާތުން އަޅުގަނޑު އިލްތިމާސް ކުރާނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ދެއްވަމުން ގެންދަވާ އިރުޝާދުތަކަށް ބޯލެނބުމަށާއި ގައިދުރުކަމާއި މާސްކުއެޅުންފަދަ އަސާސީ ކަންކަމަށް ފަރުވާތެރިވެލެއްވުން،" ޢުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއީ ސަރުކާރުން ވެސް އެބޭފުޅުންގެ ލިޑަރޝިޕާއި ހިންގުންތެރިކަން ދައްކަންވީ ވަގުތު ކަމަށެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސީދާ ވެރިން ކުރިމަތިލައްވައި ރައްޔިތުންނަށް އެކިއެކި މެސެޖުތައް ދެއްވަންވީ ވަގުތު ކަމަށް ވެސް ވިދާޅުވިއެވެ. އަދި މިއީ ސިއްހީދާއިރާގެ ހީވާގި ބޭފުޅުންނަށް ސަރުކާރާއި ރައްޔިތުން ހިތްވަރު ދެއްވަންވީ ވަގުތު ކަމަށް ވެސް ޢުމަރު ވިދާޅުވިއެވެ.