މާލޭގައި ރޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ގެއްލުން ލިބުނު 32 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސާދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.
މއ. މޯނިންވިއު ގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ވަނީ އެ ގެޔަށް ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އެ ގެޔަކީ ޑެކް އަޅައިގެން ތިން ބުރިއަށް ހަދާފައިވާ އިމާރާތެކެވެ. މއ. މޯނިން ވިއު އަކީ އެއްގޯތީގައި ދެއިމާރާތް ހުންނަ ގެއަކަށްވާއިރު ރޯވީ ދެއިމާރާތުގެ ތެރެއިން ހުޅަނގަށް ހުރި 3 ބުރީގެ އިމާރާތުގައެވެ.
މި އަލިފާނުގެ ހާދިސާއާ ގުޅިގެން އެންޑީއެމްއޭއިން ވަނީ ޣިޔާސުއްދީން ސުކޫލުގައި އެވަކުއޭޝަން ސެންޓަރެއް ގާއިމުކޮށްފައެވެ. އަދި މޯނިންވިއު ގޭގެ ދެ އިމާރާތުގައި ދިރިއުޅޭ 56 ފަރާތެއް އެވަކުއޭޝަން ސެންތަަށް ގެންދެވުނު ކަމަށާއި އޭގެތެރޭގައި 18 އަހަރުން ދަށުގެ 17 ކުއްޖަކު ހިމެނޭކަމަށެވެ. އެންޑީއެމްއޭއިން ބުނެފައިވަނީ އިވެކުއޭޝަން ސެންޓަރަށް ގެންދެވުނު ފަރާތްތަކަށް ކެއިން ބުއިމުގެ އިންތިޒާމު ހަމަޖައްސާފައިވާޖކަމަށެވެ.
އެންޑީއެމްއޭ އިން ބުނެފައިވަނީ އަލިފާންރޯވި އިމާރާތް ނޫން ދެން ހުރި އިމާރާތަށް ވަނުމުގެ ހުއްދަ އެމްއެންޑިއެފުން ދިނުމުން އެ އާއިލާތައް އަނބުރާ ގެޔަށް ބަދަލުކޮށްފައިވާކަމަށެވެ.
އަދި އަލިފާންރޯވި އިމާރާތުގައި އުޅޭ 5 އާއިލާއެއްގެ 32 މީހުނަށް ވަގުތީ ބޯހިޔާވަހިކަން މާލޭގެ 7 ގެސްޓް ހައުސްއަކުން ހަމަޖައްސާފައިވާކަމަށް އެންޑީއެމްއޭއިން މައުލޫމާތުދީފައިވެއެވެ. އަދި އެމީހުންނަށް ކުރިއަށް އޮތް ތިން ދުވަހަށް ކައިން ބުއިމަށް ބޭނުންވާ ފައިސާ ދެވިފައިވާކަމަށާއި އަދި ޒަރޫރީ އަންނައުނު ގަތުމަށް ކޮންމެ މީހަކަށް 1500 ރުފިޔާ ދީފައިވާކަމަށް ބުނެފައިވެއެވެ. އަދި ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާ ތަކެއްޗާއި ކުޑަކުދިންގެ ތަކެތި ފޯރު ކޮށްދީފައިވާކަމަށް ބުނެފައިވެއެވެ.