މިހާރުގެ ނަމީބިއާ ސަރަހައްދުގައި ގަތުލުއާންމު ހިންގި ކަމަށް ޖަރުމަންވިލާތުން އެއްބަސްވެއްޖެއެވެ. ޖަރުމަންވިލާތުން ވަނީ އެގައުމުން ހިންގާފައިވާ ޖަރީމާއަށް ބަދަލު ދިނުމަށްވެސް ނިންމާފައެވެ.

ޖަރުމަންވިލާތުން ބުނެފައިވަނީ އެގައުމުން މިހާރުގެ ނަމީބިއާ ސަރަހައްދު އިސްތިއުމާރު ކޮށް ގަތުލުއާންމު ހިންގައި ހެދުމުން އެމީހުންނަށް ލިބުނު ވޭންތަކަށް އިޢްތިރާފްވާ ހާލު މިކަމުން އަސަރު ކުރި މީހުންނަށް 1.34 ބިލިއަން ޑޮލަރުގެ ފަންޑެއް ގާއިމް ކުރުމަށް ނިންމީ ކަމަށެވެ. މި ފަންޑު ދެމިއޮންނާނީ 30 އަހަރު ދުވަހުގެ މުއްދަތަށެވެ.

ޖަރުމަން ވިލާތުން ހިންގާފައުވާ ގަތުލުއާންމު ބަލައި ގަނެ ބަދަލު ދިނުމަށް މަޝްވަރާތައް ކުރަމުންދާތާ ފަސް އަހަރު ވެގެން ދިޔައީއެވެ، މިމައްސަލާގައި ނެމީބިއާއިން ޖަރުމަންވިލާތާއެކު މަޝްވަރާތައް ފެށީ 2015 އިން ފެށިގެންނެވެ.

ޖަރުމަންވިލާތުގެ ޖަރީމާގެ މިނިންމުން ތަންފީޒު ކުރަން ފަށާނީ ދެ ގައުމުން މި ކަމާ ބެހޭ އެއްބަސްވުމުގައި ސޮއިކުރުމުންނެވެ. ޖޫން މަހު ޖަރުމަންވިލާތުން ނެމީބިއާއަށް ގޮސް ފުރަތަމައަށް އެއްބަސްވުމުގައި ސޮއި ކުރާނެއެވެ.

ޖަރުމަންވިލާތުން މި ގަތުލު އާންމު ހިންގާފައިވަނީ މިހާރުގެ ނަމީބިއާގައެވެ. އެއިރު އެތަނަށް ނަން ދީފައި އޮތީ ޖަރމަން ސައުތު ވެސްޓް އެފްރިކާގެ ނަމުންނެވެ.

އެއިރު އެ ސަރަހައްދުގައި 80 ހާހެއްހާ މީހުން ދިރިއުޅުނު ކަމަށް ވެއެވެ. 1884ން 1915އަށް ދެމި އޮތް މި ގައުމުގައި ޖަރުމަންގެ ވެރިކަމާ ދެކޮޅަށް ނިކުތް މީހުންނާ ޖަރުމަން ސިފައިން ކުރިމަތިލީ އަނިޔާވެރިކަމާއެކުގައެވެ. ޖަރުމަން ސިފައިން ހިންގި ގަތުލުއާންމު ތަކުގައި ދިހަ ހާހަށް ވުރެން ގިނަ މީހުން މަރުވެފައި ވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.

ފަހުން، މި ސަރަހައްދު ދިޔައީ ދެކުނު އެފްރިކާގެ ދޮން މީހުންގެ ވެރިކަމުގެ ބެލުމުގެ ދަށަށެވެ. އެއަށްފަހު، ނަމީބިއާގެ ނަމުން އެގައުމު މިނިވަންވީ، 1990 ގައެވެ.