ބޭނުންވާ ތަކެތި

2 ކިލޯ ކުކުޅު

2 ކިލޯ ހަނޑޫ

4 މޭޒުމަތީ ސަމުސާ ދިރި

4 މޭޒުމަތީ ސަމުސާ ދަވިއްގަނދު

9 މޭޒުމަތީ ސަމުސާ ކޮތަނބިރި

24 ހިކި މިރުސް

3 އިނޗި ފޮނި ތޮށި

1 ދަޅު ފެހި އޮށް

10 ކުކުޅު ބިސް

5 ކާފޫރު ތޮޅި

4 ހިކަނދިފަތް

5 އިންޗި ދެބުރި ރާނބާފަތް

½ 1 ކިލޯ ފިޔާ

8 ލޮނުމެދު

3 އިންޗީގެ ރޯ އިނގުރު

20 ރޯ މިރުސް

100 ގުރާމު ހިކި މޭބިސްކަދުރު

100 ގުރާމު ކަނަމަދު

6 ސަމުސާ ގިތެޔޮ

8 ސަމުސާ ތެޔޮ

ކުޑަ ފިނިފެން ފޮދެއް

ކުޑަ ރީނދޫ ކޮޅެއެއް (ކުލަ ހިފާވަރަށް)

ރަހަލާވަރަށް ލޮނު

ތައްޔާރުކުރާނެ ގޮތް

ހަވާދުގެ ހުރިހާ ސާމާނެއް ކުޑަކޮށް ހަނާކޮށްލުމަށްފަހު ކުޑަ ފޮނި ތޮށި ކޮޅަކާއި 3 ކާފޫރުތޮޅި ލައިގެން ހިމުން ކޮށްލާށެވެ. ދެން ފިޔާ ތުނިކޮށް ކޮށު މަށްފަހު ތިންބައި ކުޅަ އެއްބައި މުރަނަ ވާވަރަށް ތެއްލާށެވެ. ކަނަމަދާއި ހިކި މޭބިސްކަދުރުވެސް ތެއްލާށެވެ. ބިސްތައް ފެނު ކައްކައި ނޮޅުމަށްފަހު 2 ފަޅިއަށް ފަޅާށެވެ. ފެހި އޮއްދަޅު ކެނޑުމަށްފަހު ފެން އޮއްސާލާށެވެ. ދެން ބޮޑެތިކޮށް ކުކުޅުމަސްތައް ކޮށާލާށެވެ. ދެން މިރުސް ކޮށާލުމަށްފަހު ލޮނުމެދާ އިނގުރު ހިމުން ކުރާށެވެ. އެއަށްފަހު ބަތް ކައްކާށެވެ. ބަތްކައްކާއިރު 3 ކާފޫރު ތޮޅި އާއި ފޮނިތޮށި ކޮޅެއް ލާން ވާނެއެވެ. އަދި ކުލަހިފާވަރަށް ރީނދޫކޮޅަކާއި ރާނބާފަތް، 3 ސަމުސާ ގިތެޔޮ، ރަހަލާވަރަށް ލޮނު އަޅަން ވާނެއެވެ. ދެން ބާކީ ހުރި ފިޔާ ގިތެލާއި ތެޔޮ އަޅައިގެން މީރު ކުރާށެވެ. ފިޔާގަނޑު ހަނާވުމުން ހަވާދު އަޅާށެވެ. ހަވާދު ކޮޅު ކުޑަކޮށް ކެކުކުމުން ކުކުޅުމަސްތައް އަޅާށެވެ. ދެން މަތިޖަހައިގެން މަސްގަނޑު ރޯ ފިލުވާށެވެ. ރިހަ ހުންނަންވާނީ ކުޑަކޮށް އޮލަ ކޮށެވެ.

ދެން ބިރިއާނެ އެއްކުރާނެ ތެއްޔަކަށް ބަތް އަޅާށެވެ. 2 އިންޗި ބޯމިން ހުންނަވަރަށެވެ. ދެން އޭގެ މައްޗަށް ކެއްކި ރިހައިން ކުކުޅުމަސްތައް އުނދުޅިއަކުން އަޅާށެވެ. ދެން އޭގެ މައްޗަށް ފެހި އޮށް ފަށަލައެއް، މޭބިސްކަދުރާއި ކަނަމަދު އަދި ފިޔާ ފަށަލައެއް އަޅާށެއެވެ. ދެން ކުކުޅުބިސް އަތުރާލާށެވެ. އަނެއްކާވެސް ބަތް ފަށަލައެއް އެޅުމަށްފަހު ކުރީގައިވެސް އެއްޗހި އެޅިގޮތަށް ފަށަލަ ތައް އަޅަމުން ގެންދާށެވެ. އެންމެ މަތިވެސް ހުންނަންވާނީ ހަމަ އެގޮތަށެވެ. ދެން ބިރިޔާނި ތެލީގެ މައްޗަށް އަތް ގޮށިން ފިނިފެން ފޮދެއް ވިއްސާލުމަށްފަހު މަތި ޖަހައިގެން މަޑުގިނިމަތީގައި ބަހައްޓައި ހޫނުކޮށްލާށެވެ.

ބިރިޔާނި ތެލިން އަޅާނީ ކައިރިއަކުން ތެދަށް ތިރިއަށް ކަނޑާ ގޮތަށެވެ.