ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީއާ ގުޅޭގޮތުން ހަގީގަތެއްނެތް ޕްރޮޕެގެންޑާ ފަތުރާ މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފިއެވެ.

އެމްޑީޕީން މިހެން ބުނެފައިވަނީ މި މަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭގޮތުން އޮންލައިން ނޫހެއްގައި ލިޔެފައިވާ ރިޕޯޓަކާއި ގުޅިގެން ނެރެފައިވާ ބަޔާނެއްގައެވެ.

ބަޔާނުގައި ބުނެފައިވަނީ ރައީސް މުޙައްމަދު ނަޝީދު އަވަހަރާކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު ފުރާނަފުޅު ސަލާމަތްކުރުމުގެ ބޮޑެތި އޮޕަރޭޝަންތަކެއް ކޮށް، އަދި މިހާރު ވެސް ރާއްޖެއިން ބޭރުގައި ފަރުވާ ހޯއްދަވަމުން ދާކަމަށެވެ.

އެ ޓެރަރިޒަމުގެ ޙަމަލާ ދިނުމުގައި ފަންޑުކުރި ފަރާތްތަކާއި ނުވަތަ އަޑީގައި ތިބި ފަރާތްތައް، ތަޙްޤީޤުން އަދިވެސް ނުހޯދި ވާއިރު، އެ ޙަމަލާ ރައްދުވުމުގައި އެމަނިކުފާނަށް އިލްޒާމުއެޅުވުމަށް މަސައްކަތްކޮށް ޕްރޮޕަގެންޑާ ފަތުރާފައިވާކަމަށާއި އެގޮތުން އެ ޙަމަލާއަކީ އެމަނިކުފާނުގެ މައިންބަފައިންގެ ގެކޮޅުގައި ދިރިއުޅުއްވާތީއާއި އަދި އެމަނިކުފާނުގެ މިޒާޖުފުޅު ހުންނަގޮތުގެ ސަބަބުން ރައްދުވި ޙަމަލާއެއްކަމަށް ސިފަކުރުމަށް މަސައްކަތްކޮށް، ފޮރުވިގެންހުރި ފަރާތާ ޙަވާލާދީ ޕްރޮޕަގެންޑާ ފަތުރާފައިވާކަަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

ރައީސް މުޙައްމަދު ނަޝީދަކީ ކްރިޓިކަލް ލެވެލްގެ ރިސްކް އޮތް ފަރާތެއްކަން ސަލާމަތީ ޚިދުމަތްތަކަށް އެނގިފައވާއިރު، އަދި ޤާނޫނުއަސާސީން އެމަނިކުފާނަށް ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހޭކަމަށް ލާޒިމުކޮށްފައިވާއިރު، އެ މަނިކުފާނު އަވަހާރަކޮށްލުމުގެ ޓެރަރިޒަމުގެ ޙަމަލާ މަޖީދީމަގުން ރައްދުވުމުން، އެ މަނިކުފާނަށް އެގޮތަށް އިލްޒާމުއެޅުވުމަށް މަސައްކަތްކުރުމަކީ ސިދާ ޕްރޮޕަގެންޑާ އެއްކަމަށް ވަނީ ބުނެފައެވެ.

ޓެރަރިޒަމުގެ އެ ޙަމަލާ އަމާޒުވެ، އަނިޔާލިބުނު ފަރާތަށް އިލްޒާމުއަޅުވައި މިގޮތަށް ޕްރްޕަގެންޑާ ފަތުރާފައިވާއިރު، އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައާއި، ސިފައިންގެ އެންމެ މަތީ ވެރިޔާކަމުގެ މަޤާމުގައި ހުންނަވަނިކޮށް، 7 ފެބްރުއަރީ 2012 ގައި ސިފައިންގެ މައި މަރުކަޒުގެ ތެރޭގައި ވެސް އެމަނިކުފާނަށް ރައްކާތެރިކަން ފޯރުކޮށްދެވިފައިނުވާކަން ކަންބޮޑުވުމާއެކު ހަނދާންއާކޮށްލާކަމަށެވެ. އަދި ޖެހިގެން އައި 8 ފެބްރުއަރީ 2012 ގައި ވެސް، ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި މީހަކަށް ކަށަވަރުކޮށްދޭންޖެހޭ ސަލާމަތާ ރައްކާތެރިކަން އެމަނިކުފާނަށް ކަށަވަރުކޮށް ނުދީ، ސަލާމަތީ ޚިދުމަތްތަކުން އެމަނިކުފާނު އަނިޔާގެ ތެރެއަށް ދޫކޮށްލާފައިވާކަމަށެވެ.

ލިޔެފައިވާ ރިޕޯޓުގައި ސިކިޔުރިޓީގެ މައްސަލަތަކާ ބެހޭ ވާހަކަ ދެއްކުމުގައި ޙަވާލާދީފައިވާ ފަރާތަކީ، އެނޫހަށް ޔަޤީންކުރެވޭ ފަރާތެއްކަން އެ ލިޔުމުގައި ބަޔާންކޮށްފައިވާކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އަދި އެފަރާތުން އެ ނޫހާ ދައްކާފައިހުރީ ސީދާ ރައީސް ނަޝީދުގެ ސިކިޔުރިޓީ ކަންކަމާ ގުޅޭ ފަރާތެއްގެ ޙައިޞިއްޔަތުން ދެއްކި ވާހަކަތަކެއްކަން އަންގައިދިނުމުގެ ގޮތުންކަމަށް ދެކޭކަމަށެވެ. އެހެންކަމުން އެ ވާހަކަ ދައްކާފައިވަނީ ސަލާމަތީ ޚިދުމަތްތަކަށް ނިސްބަތްވާ ނުވަތަ ސިކިޔުރިޓީ މައްސަލަތަކުގެ މަޢުލޫމާތު ރަސްމީ ޙައިޞިއްޔަތުން ލިބޭ ފަރާތަކުންކަމަށް ޤަބޫލުކުރާކަމަށް ބަޔާނުގައި ވެއެވެ.

ސިކިޔުރިޓީ ކަންކަމާ ގުޅޭ ފަރާތެއްގެ ޙައިޞިއްޔަތުން ފޮރުވިގެންހުރެ ސިކިޔުރިޓީއާ ބެހޭ މަޢުލޫމާތު ނޫހަށް ފޯރުކޮށްދިނުމަކީ ނުހަނު ސީރިއެސް މައްސަލައެއްކަމަށާއި، އެހެންކަމުން، ފޮރުވިގެންހުރެ ސިކިޔުރިޓީއާ ބެހޭ މަޢުލޫމާތު ނޫހަށްދީ، ރައީސް މުޙައްމަދު ނަޝީދާ ދެކޮޅަށް މިދަނޑިވަޅުގައި ވެސް ޕްރޮޕަގެންޑާ ފެތުރުމަށް މަސައްކަތްކުރާ ފަރާތަކީ ސަލާމަތީ ޚިދުމަތްތަކަށް ނިސްބަތްވާ ފަރާތެއްތޯ، ނުވަތަ ރަސްމީ ޙައިޞިއްޔަތަކުން އެފަދަ މަޢުލޫމާތު ލިބިފައިވާ ފަރާތެއްތޯ ބެލުމުގެ އަވަސް އަދި ފުރިހަމަ ތަޙްޤީޤެއް ކުރުމަށް ސަލާމަތީ ޚިދުމަތްތަކަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިޒަމުގެ ޙަމަލާއަކީ ޤައުމީ މަސްލަޙަތާ ގުޅިފައިވާ ސީރިއެސް ބޮޑު މައްސަލައަކަށްވާއިރު، އެ ޙަމަލައިގެ އަޑީގައި ތިބި ފަރާތްތަކާއި ފަންޑުކުރި ފަރާތްތައް އަދި ވެސް ނުހޯދޭއިރު، އެކި ދިމާތަކުން ގުޅިގެން އެމަނިކުފާނާ ދެކޮޅަށް ޕްރޮޕަގެންޑާ ފަތުރައި، އިތުރު ސުވާލުތައް އެފެދޭ މޭރުމުން މަތިމައްޗަށް އިޙްމާލުވެ، ފުރައްސާރަކުރުން ހުއްޓާލުމަށް ވެސް އެމްޑީޕީން ވަނީ ގޮވާލާފައެވެ.