ޔުއެފާ ނޭޝަންސް ލީގުގައި އަމިއްލަ ދަނޑުގައި މިރޭ ފަހަތުން އަރައި 1-2 އިން ވަރުގަދަ ބެލްޖިއަމް ބަލިކޮށް އިނގިރޭސިން ފެންވަރު ދައްކާލައިފިއެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ބެލްޖިއަމުން ލީޑް ނަގައިދިނީ ލިބުނު ޕެނަލްޓީއަކުން 16 މިނެޓުގައި ރޮމެލޫ ލުކަކޫއެވެ. މިއީ ބެލްޖިއަމް ގައުމީ ޓީމަށް ކުޅެދިން 85 މެޗުން ލުކަކޫ ކާމިޔާބު ކުރި 52 ވަނަ ލަނޑެވެ. ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި މިވަގުތު އޮތް ބެލްޖިއަމްއާ އިންގްލެންޑުން އެއްވަރު ކުރީ ލިބުނު ޕެނަލްޓީއަކުން 39 ވަނަ މިނެޓުގައި ފޯވާޑް މާކޮސް ރަޝްފޯޑެވެ.

ދެޓީމުގެ ފަރާތުންވެސް ބަލާހިތްވާފަދަ ރީތި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އިންގްލެންޑަށް ލީޑް ނަގައިދިނީ 64 ވަނަ މިނެޓުގައި އުއްމީދީ މިޑްފީލްޑަރު މޭސަން މައުންޓެވެ. މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ބެލްޖިއަމްއިން މަސައްކަތް ކުރިނަމަވެސް އިނގިރޭސިން ހާސްކޮށްލެވޭވަރުގެ ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.

މިއީ އަމިއްލަ ދަނޑުގައި އެންމެފަހުން އިނގިރޭސިން ކުޅުނު ވާދަވެރި 22 މެޗުގެ ތެރެއިން އެޓީމުން ކާމިޔާބު ކުރި 21 ވަނަ މެޗުކަންވެސް ފާހަގަ ކޮށްލެވެއެވެ.

މިމޮޅާއެކު ގްރޫޕުގެ އެއްވަނައިގައި އިންގްލެންޑް އޮތީ މިހާތަނަށް ކުޅުނު 3 މެޗުން ހޯދި 7 ޕޮއިންޓާއެކުއެވެ. ބެލްޖިއަމް ދެވަނައިގައި އޮތީ 6 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި އެއްޕޮއިންޓާއެކު ޑެންމާކު އޮތްއިރު ޕޮއިންޓެއް ނުލިބި ފުލުގައި އޮތީ އައިސްލެންޑެވެ.

ޔުއެފާ ނޭޝަންސް ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ސްވިޑްންގެ މައްޗަށް 2-1 އިން ކްރޭޝިޔާ ކުރި ހޯދިއިރު އަޔަރލޭންޑްސް އާއި ވޭލްސް ބައްދަލު ކުރި މެޗް ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

ނޭޝަންސް ލީގުގައި މިރޭ ރާއްޖޭ ގަޑިން 23:45 ގައި ފްރާންސާއި ޕޯޗުގަލް އަދި ޕޮލެންޑާއި އިޓަލީ ބައްދަލު ކުރާނެއެވެ.