އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހެދުމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނުކުމެއްޖެއެވެ.

މި މަހުގެ 24 ވަނަ ދުވަހު ބޭއްވި އިންްޑިއާގެ ޔޫނިއަން ކެބިނެޓް ބައްދަލުވުމެއްގައި ވަނީ އައްޑޫގައި ކޮންސިއުލޭޓެއް ގާއިމުކުރަން ފާސްކޮށްފައެވެ. ނަމަވެސް އެ ނިންމުމާ މެދު ދިވެހި ސަރުކާރެއް އަދި ވަކިގޮތެއް ނިންމާފައެއް ނުވެއެވެ.

މިކަމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޑިޕްލޮމެޓިކް އިމްތިޔާޒު ލިބޭ ކޮންސިއުލޭޓް ޖެނެރަލް އޮފީހެއް ރާއްޖޭގެ ވަކި ސަރަޙައްދެއްގައި ޤާއިމު ކުރުމަށް އިންޑިއާގެ ސަރުކާރުން ނިންމާފައިވާ ނިންމުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އެގޮތުން ޢާންމު ގޮތެއްގައި ބޭރު ޤައުމެއްގެ އޮފީހެއް ނުވަތަ ކޮންސިއުލޭޓެއް ޤާއިމު ކުރުމަށް ޤައުމުތަކުގެ ސަރުކާރު ތަކުން ކުރަމުން ގެންދާ އާދަކާދައަށް ބަލާއިރު، އެކަމުގެ ރަސްމީ މަޝްވަރާތައް ދެ ޤައުމުގެ ދޭތެރޭ ކުރެވޭނެ ކަމަށާއި އަދި ކޮންސިއުލޭޓް ޖެނެރަލްގެ އޮފީހެއް ޤާއިމު ކުރަންޖެހޭ ސަބަބުތަކުގެ ތެރޭގައި އެ އޮފީހެއް ނިސްބަތް ވާ ޤައުމުގެ ރައްޔިތުން ގިނަ ޢަދަދަކަށް އޮފީސް ޤާއިމު ކުރެވޭ ސަރަޙައްދުގައި އުޅޭތީ އެފަރާތްތަކަށް ދޭން ޖެހޭ ޚިދުމަތްތައް ދިނުމުގައި ދަތިތައް ކުރިމަތިވުން އެއީ މައިގަނޑު އެއްސަބަބު ކަމުގައި ބެލެވިފައިވާ ކަމަށް އިދިކޮޅުން ބުނެއެވެ.

"އެހެންކަމަށްވާއިރު، ރާއްޖޭގެ ވެރިރަށް މާލޭގައި ޤާއިމު ކުރެވިފައިވާ އިންޑިއާގެ ހައިކޮމިޝަން ގެ އިތުރުން، އިތުރު އެހެން ސަރަޙައްދެއްގައި އެޤައުމުގެ ކޮންސިއުލޭޓް ޖެނެރަލް އޮފީހެއް ހުންނަން ޖެހޭ ސަބަބެއް ފެންނާން ނެތް އިރު، މިފަދަ ޙައްސާސް ވަގުތެއްގައި އެފަދަ އޮފީހެއް އައްޑޫ ސިޓީގައި ޤާއިމު ކުރުމަށް އިންޑިއާ ސަރުކާރުން ނިންމާފައި ވުމަކީ ސުވާލު އުފެދޭ ކަމެކެވެ" އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން މިފަހަކަށް އައިސް އިންޑިއާއާއި ރާއްޖެއާ ދެމެދު ހިނގާ ބައެއް މުއާމަލާތްތަކުގެ ފުރިހަމަ ތަފްސީލް އާންމުކުރުމަށް ސަރުކާރުން ފަސްޖެހުމާއި އެކަމުގެ ކަންބޮޑުވުންތައް ދިވެހި ރައްޔިތުން ނުހަނު ބޮޑަށް ފާޅުކުރަމުން ގެންދާ މިފަދަ ދަނޑިވަޅެއްގައި، އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލް އޮފީހެއް ހުޅުވުމުގެ ވާހަކަވެސް ޢާންމު ރައްޔިތުންނާ ހަމައަށް ތިލަވެގެން އައިސްފައިވަނީ ހިނގަންވާނެ އެންމެ ރަނގަޅު މަގުން ނޫންކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން، އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލްގެ އޮފީހެއް ޤާއިމުކުރުމަށް ބޭނުންވާ ސަބަބުތައް ވަރަށް ތަފްސީލުކޮށް ރައްޔިތުންނަށް ހާމަކޮށްދެއްވުމަށް ސަރުކާރަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.