އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމާ ދިމާކޮށް އަފްޣާނިސްތާން ޕާކިސްތާންގެ ބޯޑަރު ސަރަހައްދުގައި ހަމަލަތައް ބަދަލު ކުރެވެން ފަށައިފިއެވެ. ރިޕޯޓްތައް ބުނާ ގޮތުން ޕާކިސްތާންގެ ގަބީލާ ސަރަހައްދުގައި ތާލިބާންއަށް ތާއީދު ކުރުމަށް ގޮވާލާ މީހުންވެސް ދަނީ އިތުރު ވަމުންނެވެ.
އަފްޣާން ފަރާތްތަކުން ބުނާ ގޮތުގައި ޕާކިސްތާންގައި ތާލިބާނަށް އެހީތެރިވުމުގެ ގޮތުން ޗަންދާ ނެގުމަށްވެސް މަސައްކަތް ކުރެވެމުން ދެއެވެ. ނަމަވެސް ކުރިން ސޯވިއެޓް ސިފައިންނާ ހަނގުރާމަ ކުރުމަށް ޕާކިސްތާނުން ގިނަ ބަޔަކު ބައިވެރިވި ގޮތަށް ތާލިބާނާ އަނެއްކާވެސް ހަނގުރާމައަށް ބަޔަކު ގުޅިދާނެ ކަމަށް ނު ބެލެވޭ ކަމަށް އެފަރާތްތަކުން ބުނެއެވެ. އެކަމަކު، މަދަރްސާތަކާއި މިސްކިތްތަކުގައި ތާލިބާންގެ އިސްލާމީ ޝަރީއާ ތަންފީޒު ކުރާނެކަމަށް ބުނާ ވާހަކަތަކަށް ތާއީދު ކުރާ މީހުން ދނީ މަދަރްސާތަކުން މީހުން ތާލިބާނާ ގުޅުމަށް ބާރު އަޅަމުންނެވެ.
ޑޮއިޗް ވަލެ އާ ވާހަކަ ދެއްކި ޕޭޝާވަރު ޔުނިވަރސިޓީގެ ޕްރޮފެސަރަކު ވިދާޅުވިގޮތުގައި ބަލޯޗިސްތާނާއި ވަޒީރިސްތާންގައި ފާޅުގައި މީހުން ދަނީ ތާލިބާނަށް ޗަންދާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
ޕާކިސްތާންގެ ތާލިބާން ގްރޫޕްގެ ބައެއް މީހުން އަފްޣާން ތާލިބާންއާ ގުޅުކަމަށް ބުނެއެވެ. އަޝްރަފް ޣަނީގެ ވެރިކަން ވައްޓާލުމަށް ތާލިބާނާ ޕާކިސްތާނުން ގުޅިފައިވާ މުހިންމު ދެ ނަމެއް ފާހަގަ ކުރެވއެވެ. އެއީ، އަސްމަތުﷲ މައުވިއާއާއި އަދްނާން ރަޝީދުއެވެ. އަދްނާން ރަޝީދުއަކީ މުޝައްރަފްގެ ވެރިކަމުގައި ޖަލަށް ލާފައި ހުއްޓައި ތާލިބާނުން ޖަލަށް ހަމަލަދީ އޭނާ މިނިވަން ކުރަން މަސައްކަތް ކުރި މީހެކެވެ.
ޕާކިސްތާންގެ ޖަމުއިއްޔަތޭ އުލަމާގެ ގްރޫޕްތަކުން އަނެއްކާވެސް ތާލިބާނަށް ތާއީކުރަން ފަށާފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ޕާކިސްތާންގެ ވެރިކަން ޕީޓީއައިގެ ޕާލަމެންޓް މެންބަރުން ވަނީ ޗަންދާ ހޯދާ ވާހަކައާއި ތާލިބާނާ ޕާކިސްތާނުން މީހުން ގުޅޭ ވާހަކަ ދޮގުކށްފައެވެ. މިފަރާތްތަކުން ވަނީ ޕާކިސްތާންގެ ތެރޭގައި ހަމަނުޖެހުން އުފެއްދުމަށް އިންޑިއާއިން އަފްޣާނިސްތާން ބޭނުން ނުކުރުމަށް އިންޒާރުވެސް ކޮށްފައެވެ.