އދގެ ހިއުމަން ރައިޓްސް ކޮމިޝަންގައި ވާހަކަ ދައްކަމުން ޗައިނާއިން ވަނީ ފަލަސްތީނުގައި ކުޑަ ކުދިންނާއި އަންހެނުން ގިނަ އަދަދަކަށް މަރުވެގެން ދިއުމުން އެކަމަށް ހިތާމަ ފާޅުކޮށްފައެވެ. ޗައިނާއިން ވަނީ ފަލަސްތީނަށް އެއް މިލިއަން ޑޮލަރު ފައިސާއިން ދިނުމަށް ނިންމާފައެވެ. އަދި އިތުރު އެއް މިލިއަން ޑޮލަރާއި ދެ ލައްކަ ކޮވިޑް19 ވެކްސިން އދގެ އެހީދޭ އިދާރާ މެދުވެރިކޮށް ފަލަސްތީނަށް ދޭނެ ކަމަށްވެސް އިޢްލާން ކޮށްފައެވެ.

އދގެ ހިއުމަން ރައިޓްސް ކައުންސިލްގައި ވާހަކަ ދައްކަވަމުން ޗައިނާގެ ދާއިމީ މަންދޫބު ޗެން ޝޫ، ވަނީ ފަލަސްތީން މައްސަލާގައި އދން ފާސްކޮށްފައިވާ ގަރާރުތައް ތަންފީޒު ކުރުމަށް އިޒްރޭލަށް ގޮވާލައްވާފައެވެ. އަދި ފަލަސްތީނު މީހުންގެ ގެތައް ހަލާކު ނުކުރުމަށާއި ފަލަސްތީނގެ ބިމުގައި ޔަހޫދީ އާބާދީތައް ނުހެދުމަށްވެސް އޭނާ ގޮވާލެއްވިއެވެ. މީގ އިތުރުން ގުދުސްގެ ހާލަތު ބަދަލުނުކުމަށް ވެސް ޗައިނާއިން ގޮވާލިއެވެ.

ސަލާމަތީ މަޖިލީހުގެ ރިއާސަތު ބަލަހައްޓާ ޗައިނާއިން ބޭއްވި ތިން ބައްދަލުވުމުގައިވެސް އިޒްރޭލްގެ ހަމަލާތައް ހުއްޓާލުމަށް ގޮވާލުމުން އެމެރިކާއިން ވަނީ އެކަން ވީޓޯ ކޮށްފައެވެ.