ކުޑަ ކުދިން ޝައުގުވެރިކަމާއެކު ކިޔާލާނެ ދިވެހި ފޮތްތައް ވަރަށް މަދެވެ. ގައުމުތަކުގެ މައުލޫމާތު ކުދިންނަށް ދަސްކޮށްދޭނޭ ދިވެހި ބަހުން ލިޔެފައިވާ ފޮތެއް ނެތެވެ. ރާއްޖޭގައި އުޅޭ ދޫނި ސޫފާ ސޫފީގެ މައުލޫމާތާއި ގަސްގަހާގެހީގެ މައުލޫމާތު ހިމެނޭ ފޮތްތަކެއް ނެތެވެ. މި ލިސްޓު ކިތަންމެހާ ވެސް ދިގުކޮށްލެވިދާނެއެވެ.

މިކަމަށް ޙައްލެއް ހޯދައްވައި ދެއްވުމަށް މަސައްކަތް ކުރައްވާ އެއްބޭފުޅަކީ ނިޢުމާ މުޙައްމަދު ނުވަތަ ނިޢުމާ މިސްއެވެ. ގިނަ ޓީޗަރުންނަށް ނިޢުމާ މިސް އެނގޭނީ މުދައްރިސުން ތަމްރީން ކުރުމަށް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން ގައި މަސްކަތްކުރާ ބޭފުޅެއްގެ ގޮތުގައެވެ. ނުވަތަ މަންހަޖުގައިވާ އެސެސްމެންޓް މައުލޫމާތު މުދައްރިސުންނަށް އޮޅުން ފިލުވައިދެއްވާ ބޭފުޅެއްގެ ގޮތަށެވެ.

ނިޢުމާ މިސް ގެންދަވަނީ އޮންލައިންކޮށް "އީ ބުކް" ވޯކްޝޮޕްތައް ބާއްވަމުންނެވެ. އެއީ ވަރަށް ކާމިޔާބު މަސައްކަތެކެވެ. ނިޢުމާ މިސް މިހާރު މިފަދަ އެތައް ވޯކްޝެޕެއް ހިންގަވައިފިއެވެ. އެތައް ބައިވެރިންނާއެކުގައެވެ. ކޮންމެ ވޯކްޝޮޕެއް ވެސް އެހައިމެ ކާމިޔާބެވެ.

މި ދުވަސްވަރަކީ މުޅިރާއްޖެ ކަހަލަ ގޮތަކަށް ފުރަބަންދުވެފައިވާ ދުވަސްވަރަކެވެ. ކުދިން ގޭގައިތިބޭނީ ފޫހިވެފައެވެ. އެހެންކަމުން މިއީ ކުދިން ކިޔާހިތްވާކަހަލަ ދިވެހި ފޮތްތައް ތައްޔާރު ކުރަން ވަރަށް ރަނގަޅު ފުރުޞަތެކެވެ.

ނިޢުމާ މިސް ހިންގަވާ މި ވޯކްޝޮޕް ތަކަކީ މުދައްރިސުން، ބެލެނިވެރިން، އާންމުން، ކުޑަކުދިންނަށް ވެސް ބައިވެރިވުމުގެ ފުރުޞަތު އޮތް ވޯކްޝޮޕްތަކެވެ. މި ޕްރޮގުރާމުތަކުގައި ބައިވެރިވެ ގޭގައި ތިބެ ފޮތް ހަދަން ދަސްކުރެވިދާނެއެވެ. ކޮމްޕިއުޓަރެއް ލެޕްޓޮޕެއް ނުވަތަ ޓެބްލެޓެއްގެ އެހީގައި މި އީ ބުކް ހަދާލަން ވަރަށް ފަސޭހައެވެ. އަދި ދަސްކުރަންވެސް އެހާމެ ފަސޭހައެވެ. ދެ ދުވަސްތެރޭ ހަތަރު ފަސް ގަޑިއެއްހާއިރުގެ މަސައްކަތުން ތަސްވީރާއެކު ވާހަކަ ލިޔެ، އަޑު އަޅައި، އާދައިގެ ފޮތްހަދައި އަދި ކޮމިކް ހަދަންވެސް ދަސްވެއެވެ.

މި ޕްރޮގްރާމުތަކުގައި ބައިވެރިވެ ފޮތްހަދަން ދަސްވުމުން އަމިއްލަޔަށް ފޮތް ތައްޔާރުކޮށް ޝާއިޢު ކުރުމުގެ ފުރުޞަތު އޮންނާނެއެވެ. އަދި އޮންލައިންކޮށް ޕަބްލިޝް ކުރުމުގެ ފުރުޞަތުވެސް އޮންނާނެއެވެ.

ކޮންމެ ބެލެނިވެރިއަކަށްވެސް އޭނާގެ ދަރިން ޝައުގުވެރިވާ ކަންތައްތައް އެނގޭނެއެވެ. އެހެން ކަމުން އެ ކުއްޖަކު ޝައުގުވެރިވާ ކަހަލަ ފޮތް ތައްޔާރު ކޮށްލުމަށް މިއީ ލިބޭ ރަނގަޅު ފުރުޞަތެކެވެ. ނިޢުމާ މިސް އެ އިންނެވީ މިކަން ދަސްކޮށް ދެއްވުމަށް ތައްޔާރަށެވެ. ދެ އަތް ހުޅުވާލައްވައިގެނެވެ.

އީ ބުކް ވޯކްޝޮޕްގެ އިތުރަށް ޑިޖިޓަލް ކްލާސް ރޫމުގައި ކިޔަވައިދިނުމަށް އަހުލުވެރި ކުރުމަށް ވެސް ވޯކްޝޮޕް ތަކެއް ނިޢުމާ މިސް ކުރިއަށް ގެންދަވައެވެ. މި ވޯކްޝޮޕްގައި ގޫގުލް ޓޫލްސްތަކަށް އަހުލުވެރި ކުރުމާއި އަދި މި ޓޫލްސްތައް ބޭނުންކޮށްގެން އުނގަންނައިދޭން ފަސޭހަ ގޮތްތައް ބުނެ ދިނުމާއި އީ ޕެޑަގޮޖީ އަށް އަހުލުވެރި ކުރުމާއެކު ހުރިހާ ދަރިވަރުން ޝާމިލު ކޮށްގެން އުނގަންނައިދޭނެ ގޮތްތަކުގެ އިތުރަށް އީ ބުކް ހަދަންވެސް ދަސްކޮށްދެއްވައެވެ.

ނިޢުމާ މިސް ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާތާ 30 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. މިހާރު އިންނެވީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެންއައީ) ގެ ޓީޗަރ ޑެވެލަޕްމަންޓް އޮފިސަރ ކޯރޑިނޭޓަރގެ މަގާމުގައެވެ. ގައުމީ ޔުނިވަރ ސިޓީ ، މަންދު ކޮލެޖް، އިސްލާމިކް ޔިނިވަސިޓީ އަދި އެވިޑް ކޮލެޖްގައި ވެސް ޕާޓް ޓައިމް ލެކްޗަރާއަކަށް ވަގުތު ވީވަރަކުން މަސައްކަތް ވެސް ކުރައްވައެވެ.