ރިސޯޓުތަކުގައި މަސައްކަތް ކުރާ 65 އިންސައްތަ މުވައްޒަފުންނަށް ވެކްސިންގެ ދެ ޑޯޒް ޖެހިފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނިގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުން އެކީ ވެކްސިނޭޓްކޮށް ނިންމުމުގެ ކެމްޕޭނުގެ ދަށުން 95 އިންސައްތަ މުވައްޒަފުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދެވި 65 އިންސައްތަ މުވައްޒަފުންނަށް ވެކްސިންގެ ދެވަނަ ޑޯޒް ޖަހއި ވަނީ ނިމިފަ އެވެ.

މީގެ އިތުރުން ކޮވިޑް-19 ކޮންޓްރޯލުކުރުމަށް ފިޔަވަޅުތައް އަޅައި މުވައްޒަފުންނާއި ފަތުރުވެރިންނަށް އެންމެ ރައްކާތެރި ގޮތުގައި މަސައްކަތް ކުރަމުން އަންނަތާ 10 މަސްދުވަސް ވެފައިވާކަމަށް މިނިސްޓްރީ އިން ކޮށްފައިވާ ޓްވީޓުގައި ފާހަގަކުރެއެވެ.

މިދިޔަ ހަފްތާގައި ސައުދީ އަރަބިއްޔާގެ ރިޔާދުގައި ބޭއްވި ޓޫރިޒަމް ރިކަވަރީ ސަމިޓުގައި މިނިސްޓަރ އޮފް ޓުއަރިޒަމް އަބްދުﷲ މައުސޫމް ވާހަކަ ދައްކަވަމުންވެސް ވަނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއް ކަމަށް ވިދާޅުވެފައެވެ.