ޗައިނާއިން ބިނާ ކުރަމުންދާ ޝްވެ ކޮއްކޯ ޕްރޮޖެކްޓްގައި ހުއްދަ ދީފައިވާ މިންވަރަށް ވުރެން އިތުރަށް މަސައްކަތް ކޮށް، ޕްރޮޖެކްޓް ފުޅާ ކޮށްފައިވާތީ އެމައްސަލަ ބަލަން ފަށައިފިއެވެ.

ޝްވެ ކޮއްކޯ ޕްރޮޖެކްޓަކީ، 59 ވިލާ އެޅުމަށް ހުއްދެވުނު 22 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ.

މިހާރު މި ޕްރޮޖެކްޓް ވަނީ، 15 ބިލިއަން ޑޮލަރުގެ މެގަ ސިޓީ ޕްރޮޖެކްޓަކަށް ވެފައެވެ.

އޭގެ އިތުރުން ސިފައިންގެ މަނީ ލޯންޑަރިންގެ މަސައްކަތާއި ކެސިނޯއެއް ބިނާ ކުރުންވެސް މިޕްރޮޖެކްތްގައި ހިމެނޭކަމަށް ތުހުމަތު ކުރެވެއެވެ.

މިޔަންމާރއާއި ތައިލެންޑްގެ ބޯޑަރުގައި އެކަހެރި ހިސާބެއްގައި ކުރިއަށްދާ މި ޕްރޮޖެކްޓަކީ މިހާރު ބެލެވޭ ގޮތުގައި އޭގައި އެއަރޕޯޓަކާއި ހޮޓަލާއި ކެސިނޯތައްވެސް ހިމަނާފައިވާ ޕްރޮޖެކްޓެކެވެ. އަދި މިޔަންމާރގެ ގާނޫނުތައް މިތާގައި ނުހިނގާ ކަމަށްވެސް ވެއެވެ. މިއީ ބޯޑަރުމަތީ ހިސާބެއްކަމުން މިތާގައި ސިފައިންގެ ބިޔަ މަރުކަޒެއް ހުރެއެވެ. އަދި ކަރެން ސްޓޭޓްގައި ހަނގުރާމަ ކުރަމުންދާ ތަފާތު ގްރޫޕުތަކުން ވެސް މިހިސާބުގައި ހަރަކާތްތެރި ވެއެވެ.މަޔާވަޑީ ކޯރުގެ އައްސޭރިފަށުގައި ތައިލެންޑާ ކައިރީގައި އޮންނަ މިހާރު މެގަސިޓީއަކަށް ވެފައިވާ ޝްވެ ކޮއްކޯ ސިޓީގައި މަސައްކަތް ކުރަނީ ޗައިނާ މީހުންނެވެ. މިޔަންމާރގައި ވަޒީފާއަށް ބޭނުންވެފައިވާ ހުނަރުވެރިން ތިއްބައި އެމީހުންނަށް ފުރުސަތު ދީފައި ނުވާތީ އެމައްސަލަ ބެލުންވެސް ހިމެނެއެވެ.

މިޔަންމާރގެ ޑެޕިއުޓީ މިނިސްޓަރ އޮފް ޔޫނިއަން ގަވަރންމެންޓް ޔޫ ޓިން މީންޓް ވިދާޅުވިގޮތުގައި ތަހްގީގު ކުރާ ކޮމިޓީގައި އިސްވެ ހުންނަވަނީ އޭނާއެވެ.

މި ޕްރޮޖެކްޓާ ދެކޮޅަށް ރިޕޯޓް ކޮށްފައިވާ ނޫސްވެރިން ބުނާ ގޮތުން މިއީ ޗައިނާގެ ވިޔަފާރި ވެރިންނާއި ސިފައިން ގުޅިގެން ހިންގާ ކަޅު ވިޔަފާރިއެކެވެ.

މި ޕްރޮޖެކްޓްގެ މަސައްކަތުގައި އުޅުނު ސިންގަރޕޯރގެ ފައިނޭންޝަލް ކުންފުންޏަކުންވެސް ވަނީ މިޕްރޮޖެކްޓް ދޫކޮށްލާފައެވެ. އެ ފަރާތުންވެސް ބުނެފައި ވަނީ ގަވާއިދާ ޚިލާފް ކަންތައްތަކެއްގެ ވާހަކައެވެ.